ޖޫން މަހު ރަސްމީ ރިޒާވް ދަށަށް ދިޔަ ނަމަވެސް ބޭނުންކުރެވޭ ރިޒާވް ހުރީ ރަނގަޅު މިންވަރެއްގައި: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: -- ފޮޓޯ/ އެމްއެމްއޭ

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 686.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައި ވިޔަސް، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާޗު މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މިހާތަނަށް ވަނީ 645 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުގައެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރި މިންވަރަކީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށް އަދަދެކެވެ.

https://sun.mv/224679

އެމްއެމްއޭ އިން ބުނި ގޮތުގައި، މި އަހަރުގެ މޭ މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ ވަނީ އިތުރުވެފައެވެ.

މި ތަފާސްހިސާބުތަކުން ދޭހަކޮށްދެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭ އިން ކުރަންޖެހޭ ހޭދަ ބޮޑުވަމުންދާ ކަމެވެ.

ރިޒާވްގެ ޖުމްލަ އަދަދު ދަށްވިޔަސް، މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިއަން ޑޮލަރުގައެވެ.

މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު މިއީ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 203 މިލިއަން ޑޮލަރެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް