ހެނދުނުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!

ހެނދުނަކީ އެންމެ ގިނަ ވަގުތު ލިބޭ ދަންފަޅިއެވެ. މުޅި ދުވަހުގެ ހުރިހާ އިރަކަށް ބެއްޔަސް ހެނދުނަށްވުރެ ބޮޑަށް ވަގުތު ގިނައިން ލިބޭ އެހެން އެއްވެސް ދަންފަޅިއެއް ދުވަހުގައި ނޯވެއެވެ.

ހެނދުނުގެ ވަގުތުތަކުގައި މި އުންމަތަށް ބަރަކާތްލެއްވުމަށް އެދިވަޑައިގެން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ދުޢާކުރައްވައިފައެވެ. «اللّهُمَّ بَاِركْ لِأُمَّتِيْ فِي بُكُوْرِهَا» (صَحِيْحُ اِبْنِ حِبَّان) މާނައީ: "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހެނދުނުގެ ވަގުތުތަކުގައި ތިމަންކަލޭގެފާނުގެ އުންމަތަށް ބަރަކާތް ލައްވައިފާނދޭވެ!"

މި ޙަދީޘް ރިވާކުރެއްވި އެއް ބޭކަލަކީ ޞަޚްރުލްޣާމިދީއެވެ. އެބޭފުޅާއަކީ ވިޔަފާރިވެރިއެކެވެ. ޞަޚްރުލްޣާމިދީ ވިޔަފާރި ޤާފިލާއެއް ރަށަކަށް ފޮނުއްވާ ނަމަ، އަބަދު ވެސް އެ ކަން ކުރައްވަނީ ހެނދުނުގެ ވަގުތުގައެވެ. ޞަޚްރުލްޣާމިދީ މި ފަދައިން ޢަމަލުކުރައްވަނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެފަދައިން ޙަދީޘްކުރައްވައިފައި ވާތީ ކަމަށް، މި ޙަދީޘް ރިވާކުރެއްވި އެހެން ބޭކަލެއް ކަމުގައި ވާ ޢުމާރަތު ބުނު ޙަދީދު އޭނާގެ ރިވާޔަތުގައި ބަޔާންކުރައްވައިފައި ވެއެވެ. ޢުމާރަތު ބަޔާންކުރައްވާ ގޮތުގައި ޞަޚްރުލްޣާމިދީ އެފަދައިން ޢަމަލުކުރެއްވުމެގެ ސަބަބުން އެކަލޭގެފާނުގެ މާލީ ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

ހެނދުނު މާއިރާ ކުރާ ވިޔަފާރިތަކުގައި ބަރަކާތްލެއްވިފައި ވާ ފަދައިން އެ ވަގުތުގައި ކުރާ ހުއްދަ ކޮންމެ ކަމެއްގައި ވެސް ބަރަކާތްލެއްވިގެން ވާނެ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. ޢިލްމު އުނގެނޭ ދަރިވަރުންނަށް އެ ދަރިވަރުންގެ މަސައްކަތްތަކުގައި ވެސް ބަރަކާތްލެއްވިގެން ވެއެވެ. ހެނދުނުގެ ވަގުތުތަކުގައި ފިލާވަޅު ދަސްކުރަން ފަސޭހަވެއެވެ. ދަސްކުރާ ތަކެތި ހަނދާނުގައި ހަރުލަން ފަސޭހަ ވާނެއެވެ. އެހެނީ އިންސާނާގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރާނީ ދުވަހުގެ ކުރީކޮޅުގައި ކަމަށް ވާތީއެވެ. ސިކުނޑި އެންމެ ތާޒާކޮށް ހުންނާނެ ވަގުތަކީ އެއީއެވެ. އަދި އިންސާނާގެ އުފެއްދުންތެރިކަން އެންމެ ވަރުގަދަކޮށް ހުންނަނީ ވެސް ދުވަހުގެ ކުރީކޮޅުގައެވެ.

ދުވަހުގެ ކުރީކޮޅުގައި ބަރަކާތްލެއްވިގެން ވާކަން އެނގޭނީ ހެނދުނުގެ ވަގުތު ހޭލާ އުޅޭ މީހުންނަށެވެ. ހެނދުނުގެ ވަގުތު ހޭލާ އުޅެވޭނީ ރޭގަނޑު ރަނގަޅަށް ނިދައިގެންނެވެ. އަވަހަށް ނިދައި، އަވަހަށް ހޭލަން އިސްލާމްދީން ބާރުއަޅުއްވަނީ މިހެންވެއެވެ. މާތް ﷲ ރޭގަނޑުގެ ވަގުތު ލެއްވީ އަރާމު ކުރުމަށާއި ރޭއަޅުކަން ކުރުމަށާއި ނިދުމަށެވެ. މާތް ﷲ ދުވާލުގެ ވަގުތު ލެއްވީ، ދިރިއުޅުމަށް މަސައްކަތް ކުރުމަށާއި އުޅުމާއި ގުޅުންތައް ބަދަހި ކުރުމަށާއި ޙަލާލު ރިޒުޤު ހޯދުމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ފަތިސްނަމާދުކުރާ މީހުން ވެސް ނަމާދުން އަވަދިވުމާ އެކު އަލުން ގޮސް ނިދުން މިހާރު އާދަވާން ފަށައިފިއެވެ. ޖަމާޢަތުގައި ފަތިސް ނަމާދު ކޮށްގެން، އިރު އަރަންދެން ޒިކުރު ކުރަން އިނުމުގެ މާތްކަން ބަޔާން ކުރައްވަމުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ» (رَوَاهُ التِّرْمِذِيُّ وَحَسَّنَهُ الأَلْبَانِي.) މާނައީ: "ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްގެން އިރުއަރަންދެން ޒިކުރުކުރުމުގައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފި މީހާއަށް ޙައްޖަކާއި ޢުމުރާއެއްގެ އަޖުރު ހުށްޓެވެ."

ހެނދުނުގެ ވަގުތުތަކުގައި ޒިކުރުކުރުމުގެ ސަބަބުން ލިބޭ ތާޒާކަން މުޅި ދުވަހަށް ދެމިގެންދާނެއެވެ. ހެނދުނުގެ ނާސްތާއިން ޖިސްމަށް ހަކަތަ ލިބޭ ފަދައިން، ހެނދުނުހެނދުނާ ޒިކުރުކޮށް، ޤުރުއާން ކިޔަވާ ނަމަ، ހިތާއި ރޫޙަށް ދިރުން ލިބި، އުފެއްދުންތެރި ދުވަހަކަށް އެ ދުވަސް ވާނެއެވެ. ހެނދުނުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!

comment ކޮމެންޓް