މައިކްރޯސޮފްޓް "ފޯން ލިންކް" ޕީސީގެ ސްޓާޓް މެނޫއަށް އިތުރުކުރަނީ

ކޮމްޕިއުޓަރާއި ފޯނާ ދެމެދު ކޮޕީކުރާ ތަކެތި ސިންކްކުރެވޭނެ އާ ފީޗާއެއް ތައާރަފުކުރުމަށްވެސް އެކުންފުނިން ދަނީ މަސައްކަތްކުރަމުން ---

މައިކްރޯސޮފްޓުން ވިންޑޯޒް 11 ގައި ބޭނުންކުރާ ފޯން ލިންކް އެޕް ސީދާ ސްޓާޓް މެނޫއަށް އިތުރުކޮށް، ސްމާޓްފޯނާއި ކޮމްޕިއުޓަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ފަސޭހަކުރުމުގެ އަޕްޑޭޓެއް ގެނެސްދޭން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

މި ބަދަލާއެކު، ފޯން ލިންކް އެޕް ވަކިން ހުޅުވުމަކާ ނުލައި ފޯނުގެ ގިނަ ކަންތައްތަކެއް ކޮމްޕިއުޓަރުން ކޮންޓްރޯލް ކުރެވޭނެއެވެ.

މި އަޕްޑޭޓާއެކު ސްޓާޓް މެނޫއިން ފޯނުގެ އެންމެ ފަހުގެ ހަރަކާތްތައް (ރީސެންޓް އެކްޓިވިޓީސް) ފަސޭހައިން ފެންނަން ހުންނާނެއެވެ. އަދި ސްޓާޓް މެނޫގައި ފެންނަން ހުންނަ މެސެޖުތަކާއި ފޮޓޯތަކުގެ މައްޗަށް މައުސް ގެންދިއުމުން، އެއާގުޅޭ އިތުރު ތަފްސީލުތައްވެސް ވަގުތުން ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ކޮމްޕިއުޓަރުގެ ޓާސްކްބާގެ ސިސްޓަމް ޓްރޭގައި މެސެޖުތަކަށް ހާއްސަ ވިންޑޯއެއް ހިމެނުމަށްވެސް މައިކްރޯސޮފްޓުން ދަނީ ޓެސްޓުކުރަމުންނެވެ.

https://sun.mv/177465

ފޯނު ގުޅާފައި އިންނައިރު ސިސްޓަމް ޓްރޭގައި އިންނަ ފޯނުގެ އައިކަންއަށް ފިތާލުމުން، ފޯނުގެ ޑޫ ނޮޓް ޑިސްޓާބް މޯޑާއި ވައިބްރޭޓް މޯޑް ކޮންޓްރޯލް ކުރެވޭނެއެވެ. އަދި ފޯނު ހޯދުމަށް ފިތާލެވޭނެ ބަޓަނެއް އިނުމުގެ އިތުރުން، އެ އައިކަންއަށް ފައިލްތައް ދޫކޮށްލުމުން ސީދާ ފޯނަށް އެ ފައިލްތައް ފޮނުވާލެވޭނެއެވެ.

ކޮމްޕިއުޓަރާއި ފޯނާ ދެމެދު ކޮޕީކުރާ ތަކެތި ސިންކްކުރެވޭނެ އާ ފީޗާއެއް ތައާރަފުކުރުމަށްވެސް މައިކްރޯސޮފްޓުން ދަނީ މަސައްކަތްކުރަމުންނެވެ.

މި ފީޗާތަކަކީ އަދި ރަސްމީކޮށް އިއުލާނުކޮށްފައިވާ ކަންތައްތަކަކަށް ނުވި ނަމަވެސް، އެ ކުންފުނިން ދަނީ އެތެރޭގައި މި ފީޗާތައް ޓެސްޓުކޮށް އާންމުންނަށް ދޫކޮށްލުމަށް ތައްޔާރުވަމުންނެވެ.

މައިކްރޯސޮފްޓްގެ "ފޯން ލިންކް" އެޕަކީ (ކުރިން ނަމަ 'ޔޯ ފޯން' އެޕް) ވިންޑޯޒް ކޮމްޕިއުޓަރުތަކާއި ސްމާޓްފޯނުތައް ގުޅުވާލުމަށް އެ ކުންފުނިން އުފައްދާފައިވާ ހާއްސަ އެޕްލިކޭޝަނެކެވެ.

މީގެ ކުރިންވެސް މި އެޕް މެދުވެރިކޮށް ފޯނަށް އަންނަ ނޮޓިފިކޭޝަންތައް ބެލުމާއި، ކޯލު ކުރުމާއި މެސެޖުތަކަށް ޖަވާބު ދިނުމުގެ އިތުރުން ފޯނުގައި ހުންނަ ފޮޓޯތައް ކޮމްޕިއުޓަރުން ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށްވެސް ސަޕޯޓުކުރާ މި އެޕަށް މައިކްރޯސޮފްޓުން މެދުކެނޑުމެއްނެތި އަންނަނީ ކުރިއެރުންތައް ގެންނަމުންނެވެ.

އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ އެޕަލްގެ ޑިވައިސްތަކުގައި މައުލޫމާތު ބަދަލުކުރެވޭ ފަދައިން، ވިންޑޯޒް ބޭނުންކުރާ ފަރާތްތަކަށްވެސް ފޯނާއި ކޮމްޕިއުޓަރާ ދެމެދު އެއްވެސް ދަތިކަމެއްނެތި ކަންކަން ފުރިހަމަކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމުކޮށްދިނުމެވެ.

comment ކޮމެންޓް