އަަަހަރުތަކެއް ވަންދެން ގަދަ ދެއްކުމަށްފަހު އެންމެފަހުން އެމެރިކާ ސިފައިން އިރާގުން ފައިބަނީ

އިރާގެ ބޮޑުވަޒީރު އަލީ ފާލިހް އައްޒުބައިދީ އިއްޔެ ވައިޓް ހައުސްގައި ޓްރަމްޕް އާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އޭއެފްޕީ

ވޮޝިންޓަން (16 ޖުލައި 2026) : 2003 ވަނަ އަހަރު އިރާގަށް އަރައިގަތް އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ފައުޖު އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިރާގުން ބޭލުމަށް އެންމެފަހުން އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕްޕް ނިންމަވައިފިއެވެ.

ޓްރަމްޕް މިގޮތަށް ނިންމެވީ މިކަމަށް އެދި އެކިފަހަރުމަތިން އިރާގުން އެމެރިކާގެ އެކި ސަރުކާރުތަކަށް އިލްތިމާސް ކުރަމުންގެންދާތާ 10 ވަރަކަށް އަހަރުފަހުންނެވެ. އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ފައުޖު އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިރާގުން ބޭލުމަށް ޓްރަމްޕް ނިންމެވިކަން ވައިޓްހައުސް އިން އިއްޔެވަނީ ކަށަވަރުކޮށް ދީފައެވެ. މިއާއެކު އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އައްޒުބައިދީވެސް ވަނީ މީޑިއާއަށް މިކަން ކަށަވަރުކޮށް ދެއްވައިފައެވެ.

އައްޒުބައިދީ މިހާރު ހުންނެވީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވޮޝިންޓަންގައެވެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ޖާސޫސީ ފޭކު ރިޕޯޓްތަކެއް ހަދައިގެން އެކަން ބަހަނާއަކަށް ހެދުމަށްފަހު އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ ހަނގުރާމަ ފެށީ އދ. ގެ ހުއްދައަކާނުލައި ބައިނަލްއަގްވާމީ ގާނޫނަށާއި އދ. ގެ ޗާޓަރަށް ގޮންޖަހައިފައެވެ.

އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އޭރު އެމެރިކާ ހެދީ ދޮގުކަން އޭގެ އަހަރުތަކެއް ފަހުން ހާމަކުރީވެސް އެމެރިކާގެ ފަރާތުންނެވެ. ސިޔާސީ ބޭނުމަށް އިރާގާބެހޭގޮތުން ޖާސޫސީ ދޮގު ރިޕޯޓް ތައްޔާރުކުރީ އެމެރިކާގެ އޭރުގެ ސަރުކާރުގެ ޕްރެޝަރުތަކުގެ ސަބަބުންކަން ހާމަކުރެއްވީ އެމެރިކާގެ އޮފިޝަލުންނެވެ.

އިރާގުގެ ބޮޑުވަޒީރު އިއްޔެ ވައިޓް ހައުސްގައި ޓްރަމްޕް އާ ބައްދަލުކުރައްވަނީ

ދެހާސް ތިން ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައި ކުރި އުދުވާނީ ހަނގުރާމައިގައި އިރާގުގެ ދެލައްކައަށް ވުރެގިނަ ސިފައިންނާއި އިރާގުގެ ހަ ލައްކައަށް ވުރެގިނަ އާންމުން ޝަހީދުކޮށްލައި ދެމިލިޔަނަށް ވުރެގިނަމީހުން ރެފިއުޖީންނަށް ހަދައި މިލިޔަނަކަށް ވުރެގިނަމީހުން ޒަޚަމްކޮށްލައި އިރާގުގެ އުމްރާނީ ތަރައްގީ ގެ ބޮޑުބައި މުޅިން ފުނޑުފުނޑުކޮށްލިކަން ކަމާބެހޭ ރިޕޯޓްތަކުން ހާމަވެއެވެ. އަދި އިރާގުގައި ސިއްރު ޖަލުތަކެއް ހިންގައި އެތަންތަނުގައި އިރާގުގެ އެތައް ހާސްބަޔަކު ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގައި ޖިންސީ ގޯނާތައް ކުރިކަންވެސް ފަހުންވަނީ ފަޅައިއަރައިފައެވެ.

އިރާގުގައި އެމެރިކާ، އެންމެ ގިނަ ޖަރީމާތައް ހިންގާފައިވަނީ އިރާގުގެ އަބޫޣުރައިބު ޖަލުގައެވެ. އެމެރިކާ އެދުވަސްވަރު އަފްޣާނިސްތާނާއި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް ސިއްރުޖަލުތައް ގާއިމްކޮށްގެން ސިޔާސީ ބޭނުންތަކުގައި އެތަށް ގައުމެއްގެ އެތަށް ހާސް ބަޔަކު ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި އަނިޔާތަކެއްދިންކަން ފަޅާއަރައި އެމެރިކާގެ އަނިޔާވެރިކަންވަނީ ވަރަށް ބޮޑަށް ބޭޒާރުވެފައެވެ.

އިރާގުގައި އައިއެސް ޖަމާއަތުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތެއް އުފެއްދުމަށް ފަރުދާގެ އަނެއް ފަރާތުގައި އޮވެ އެކަމަށް މަގުފަހިކުރީވެސް އެމެރިކާކަން ރިޕޯޓްތަކުންނާއި އެމެރިކާގެ ބައެއް ވެރިންގެ ވާހަކަތަކާއި އިރާގުގެ މަސްއޫލުވެރިންގެ ވާހަކަތަކުންވަނީ ހާމަވެފައެވެ. މިކަންކުރުމުގެ ފަހަތުގައި އޮތްކަމަށް ރިޕޯޓްތައް ބުނަނީ އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭ އެވެ.

އިރާގުގެ ކުރީގެ ޕާލަމެންޓް މެންބަރުން އެދުވަސްވަރު ފާޅުގައި މިވާހަކަތައް ދައްކާފައިވެސްވެއެވެ. އެމެރިކާ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރަންފެށުމުން އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންވަނީ "އަހަރެމެން މިހަނގުރާމަ ކުރަނީ އަހަރެމެން އުފެއްދި ބަޔަކާ ދެކޮޅަށް ކަމަށް" ވިދާޅުވެ 2015 ވަނަ އަހަރު ކުރިޔަށް ދިޔަ އެމެރިކާގެ ރިޔާސީ ކޭންޕޭން އެއްވުންތަކުގައި ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަވައިފައެވެ.

2004 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގުގައި ހިންގާ ޖަލެއްކަމަށްވާ އަބޫ ޣުރައިބު ޖަލުގައި ގައިދީއަކަށް ބިރުދެއްކުމަށް ކުއްތާ ބޭނުންކުރަނީ މިޖަލުގައި އެމެރިކާ ސިފައިންވަނީ ގައިދީންނަށް ޖިންސީ ގޯނާވެސް ކޮށްފައި

ދެހާސް ތިން ވަނަ އަހަރު އިރާގަށް އަރައިގަތް އެމެރިކާ ސިފައިންގެ 90 އިންސައްތަ ސިފައިން ބޭލުމަށް ނިންމައި އެކަން ތަންފީޒު ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ބަރަކް އޮބާމާގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. ނަމަވެސް ފަހުން އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި އިތުރު ސިފައިން އެމެރިކާ އިރާގަށް ފޮނުވީއެވެ.

އައިއެސް އާ ބޭރުފުށުން އެމެރިކާ ހަނގުރާމަ ކުރިއިރު އެމެރިކާ ގެ މަސައްކަތަކަށްވީ ހަމައެކަނި ވައިގެ މަގުން އައިއެސްގެ އަމާޒުތަކަށް ބޮންއެޅުމެވެ. އިރާގުގެ ޕާލަމެންޓް ގެ ބައެއް މެންބަރުން އެދުވަސްވަރުވަނީ އެމެރިކާ ދުވާލު އައިއެސްގެ ތަންތަނަށް ބޮންއަޅާފައި ރޭގަނޑު އައިއެސްގެ ޓެރަރިސްޓުންނަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭކަން އެދުވަސްވަރު ހާމަކުރައްވައިފައެވެ.

އެމެރިކާ އައިއެސްގެ ތަންތަނަށް ބޮންއެޅި ނަމަވެސް އެއްގަމު މަގުން އިރާގުގައި އައިއެސް ގެ ޓެރަރިސްޓުން ބަލިކުރީ އިރާގު ސިފައިންނާއި އީރާނުގެ މަދަދު ލިބޭ އިރާގުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ގުޅިގެންނެވެ. އީރާނުގެ އަސްކަރީ ލަފައާއި އިރުޝާދުގެ ދަށުންނެވެ.

ދެހާސް އަށާރަ ވަނައަހަރު އިރާގުގައި އައިއެސް ޖަމާއަތް ބަލިކޮށްލެވުމަށްފަހު އިރާގު އެދުމުގެ މަތިން އެމެރިކާގެ ބައެއް ސިފައިން އެނބުރި އެމެރިކާއަށް ގެންދިޔައެވެ. ނަމަވެސް 3 ހާހާއި 4 ހާހާ ދެމެދުގެ އަދަދަކަށް އަސްކަރީ މުސްތަޝާރުންގެ ގޮތުގައި އިރާގުގައި އެމެރިކާ ސިފައިން ބޭތިއްބިއެވެ. އެމީހުން އެމެރިކާއަށް އަނބުރައި ގެންދިޔުމަށް އެމެރިކާގެ ސަރުކާރުތަކުން ގެންދިޔައީ ކަނޑައެޅިގެން ދެކޮޅު ހަދައި އެމީހުން ބޭތިއްބުމަށް އިރާގަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިއާއެކު އިރާގުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ދެބޭސް ބަންދުކުރުމަށް އިރާގު ނުކުޅެދިގެން ދިޔައެވެ.

ނަމަވެސް ފާއިތުވި މަސްތަކުގައި އިރާގުގެ އައު ސަރުކާރު އުފެދުމާއެކު އެސަރުކާރުން އެމެރިކާއާ ދެއްކި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުންނާ އަދި އިރާގުގައިވާ އީރާނަށް ތާއީދުކުރާ އަސްކަރީ ޖަމާއަތްތަކުގެ ޕްރެޝަރު ބޮޑުވެ އެޖަމާއަތްތަކުގެ ހަމަލާތައް އެމެރިކާ ސިފައިންނަށް ތަކުރާރުކޮށް އަމާޒުވާން ފެށުމުން އެމެރިކާ ގެ ރައީސް ޓްރަމް ނިންމެވި އިރާގުގައި މިހާރުތިބި އެމެރިކާގެ ހުރިހާ ސިފައިން އަންނަ ސެޕްޓެމްބަރުމަސް ނިމުމުގެ ކުރިން އިރާގުން ބޭލުމަށެވެ. އަދި އިރާގުގައިވާ އެމެރިކާ ސިފައިންގެ ދެ ބޭސް ވެސް ބަންދުކުރުމަށެވެ.

އީރާން އާ ދެކޮޅަށް އެމެރިކާ ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާންވަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެ ބޭސް އަށް ތަކުރާރުކޮށް ހަމަލާތައް ދީފައެވެ.

އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އައްޒުބައިދީވަނީ މިއީ އޭނާގެ ސަރުކާރުން އިރާގުގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި ހޯދި ބޮޑު ކާމިޔާބީ އެއްކަމަށް ސިފަކުރައްވައިފައެވެ.

comment ކޮމެންޓް