ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ހަރުކުރަން ކައުންސިލުން ނިންމައި، މި އަހަރު ސާވޭ ފަށަނީ

ހަނިމާދޫ ކައުންސިލް: ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދޭން އެ ރަށު ކައުންސިލުން ވަނީ ނިންމައިފައި --- ފޮޓޯ: ހަނިމާދޫ ކައުންސިލު

ހދ. ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދޭން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން މުޅިން ވެސް ތިއްބަވާ ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުޙައްމަދު 'ސަން'އަށް މިއަދު ވިދާޅުވީ، އެ ރަށު ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމަކީ ކެމްޕެއިން ވައުދެއް ކަމަށެވެ.

ފިރާޤް ވިދާޅުވީ އެ މަސައްކަތް ކުރުމަށްޓަކައި, ސޯލާ ޕެނަލް ހަރުކުރުމާ ގުޅޭ ގޮތުން ހަނިމާދޫ ރައްޔިތުންގެ މެދުގައި ކައުންސިލުން މި އަހަރު ސާވޭއެއް ކުރާނެ ކަމަށެވެ. ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހަތަރު ނޫނީ ފަސް ފިޔަވައްސަކަށް ބަހައިލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތަށް ދާނެ ކަމަށް ފިރާޤް އަންދާޒާކުރެއްވީ 10 މިލިއަން ރުފިޔާއެވެ. އޭނާ ވިދާޅުވިގޮތުގައި ސީދާ އަދަދެއް އަންދާޒާކުރަން އެނގޭނީ ސާވޭކޮށް ނިމުމުންނެވެ.

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ޕެނަލް ހަރުކުރަން ކައުންސިލުން ބޭނުންވިޔަސް، އެ ރަށުގެ ބައެއް ގޭބިސީތަކުން ބޭނުން ނުވެދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެއީ މިސާލަކަށް އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެން ކައުންސިލުން މިސާލަކަށް 50 ޕަސެންޓު ދޭނަމޭ، އަނެއް 50 ޕަސެންޓު ގޭގެ ވެރިފަރާތުން ދައްކަން ޖެހޭނެޔޭ، އެހެންވެއްޖިއްޔާ އެންމެން ބޭނުންނުވެދާނެ،" ފިރާޤް ވިދާޅުވިއެވެ.

އެ މަސައްކަތަށް މިހާރު ވެސް ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ނިމުމުން އާދައިގެ ގެއެއްގެ ކަރަންޓު ބިލުތައް ސުމަކާ ކައިރިކުރާނެ ކަމަށާއި، ބޮޑެތި ގޭބިސީތަކުން ކަރަންޓު ބިލަށް އަރާ ވަރުން ބޮޑު އިންސައްތައެއް ސަލާމަތްވާނެ ކަމަށް ފިރާޤް ވިދާޅުވިއެވެ.

comment ކޮމެންޓް