ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅަން ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް 5 ކުންފުންޏަކާއެކު ސޮއިކުރުމަށް ބޭއްވި ބައްދަލުކުރުމުގެ ތެރެއިން --- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އެޅުމަށް ހައުސިން މިނިސްޓްރީން ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީއިން މިއަދު މީޑިއާތަކާއި ހިއްސާކޮށްފައިވާ މައުލޫމާތުގައި ވަނީ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކާއެކު ކަމަށެވެ.

އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:

  • އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޖޭވީ ޕާޓްނާޝިޕް - ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑް
  • ޖޭވީ ޕާޓްނާޝިޕް - ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް 5 ކުންފުންޏަކާއެކު ސޮއިކުރުމަށް ބޭއްވި ބައްދަލުކުރުމުގެ ތެރެއިން --- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ކަމަށެވެ. ޖުމްލަ 30 މަސް ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ޑިވެލޮޕަރަކަށް ވެސް ހަވާލުކޮށްފައިވަނީ އެއް ޕްލޮޓް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ''ބޯހިޔާވެހިކަން އެންމެނަށް'' ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް، އަތްފޯރާފަށުގައި ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގަނެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ ފުރަތަމަ މަޝްރޫއެވެ.

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް 5 ކުންފުންޏަކާއެކު ސޮއިކުރުމަށް ބޭއްވި ބައްދަލުކުރުމުގެ ތެރެއިން --- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މި މަޝްރޫގެ ދަށުން އިމާރާތްކުރެވޭ ހުރިހާ ފްލެޓެއްވެސް ވިއްކަންޖެހޭނީ ސަރުކާރުން އިއުލާނުކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދެ ކޮޓަރީގެ ފްލެޓު ވިއްކޭ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު ތިން ކޮޓްރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާކަން ފާހަގަކޮށްފައިވެއެވެ.

މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައެވެ.

އޭގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކުރީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަށެވެ.

ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް