ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ހުޅުވަން ތައްޔާރުވެފައިވާ ސަރަހައްދުގައި ޕާކު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ރައިސް އޮފީހުން ކުރިއަށްގެންދިޔަ 'ދި ޕްލަސް' ޕޮޑްކާސްޓުގައި މާލޭގެ މަގުތައް ތަރައްގީކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ މިހާރު ބޮޑުތަކުރުފާނު މަގުގައި ތަރައްގީކުރާ ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށާއި އެއާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިހާރު ނިންމާ ސަރަހައްދުގައި މީގެ ކުރިން ޕާކުކުރި ނަމަވެސް މަގު ހުޅުވުމާއެކު އެ ސަރަހައްދުގައި ޕާކުނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޕާކުކުރާނީ އެ ސަރަހައްދު ހިއްކައިގެން ހަދާފައިވާ ޕާކިން ޒޯނުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމާ ބައިގައި ކުރީގައި ޕާކުކުރި ކުރުން މި ބަދަލުކުރަނީ ބޭރުން ހިއްކި ބަޔަށް. އަޅުގަނޑުމެން ވަކިން ބައެއް މި ހިއްކީ، ފުދޭވަރަކަށް ބޮޑު ސަރަހައްދެއް މި ހިއްކީ. އެ ތަނުގައި ގާތްގަނޑަކަށް 500 އެއްހައި ސައިކަލު ޕާކުކުރެވޭނެ. އޭރުން ނަސަންދުރައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ކުރީގަ އަރިމަތީގައި ޕާކުކުރި ކުރުން ދެން ނުކުރެވޭނެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ މި ބަދަލާއެކު އެ ސަރަހައްދުގައި ދުއްވަން ވަރަށް ފަސޭހަވާނެ ކަމަށް ވިދާޅުވެފައެވެ. ޕާކިން ޒޯނަށް ޕާކަށް ޖަހާލުމަށްފަހު މަގު ހުސްކޮށްލުމުން އެ ސަރަހައްދު ވަރަށް ހިތްފަސޭހަވާނެ ކަމަށާއި ޕްލޭނަކީ ރީތި ގަސްތައް ޖަހައި މަގުގެ ދެ ފަރާތް ވެސް ރީތިކޮށް ހިތްފަސޭހަކޮށް އޮތުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މިހާރު ތަރައްގީކުރާ ސަރަހައްދު ނިމުމުން އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ އެއްކޮށް ބޭރުމަގުގައި ބާކީ އޮތް ސަރަހައްދުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެ ސަރަހައްދަކީ އެންމެ ބޮޑަށް މަގު ހަލާކުވެ ގާތައް މުގުރިފައި އޮތް ސަރަހައްދުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސަރަހައްދު ނިމުމުން ޖުމްލަކޮށް މުޅި މާލޭގައި ދުއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.
މާލެ ސަރަހައްދަކީ އުޅަނދުތައް ވަރަށް ގިނަވެ، ތޮއްޖެހިފައިވާ ސަރަހައްދެކެވެ. އަދި އުޅަނދުތައް ޕާކުކުރަން އެކަށީގެންވާ ވަރަށް ޖާގަ ނެތް ކަމުގެ ޝަކުވާއަކީ ޒަމާންވީ ޝަކުވާއެކެވެ.
އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މިދިޔަ ހަފުތާގައި ރައީސް ވަނީ އެކަމަށް ޚާއްސަ އޮފީހެއް ވެސް އުފައްދަވައިފައެވެ.