ސްކޭމްގެ މައްސަލަތަކުގައި މި މަހު ކުރީކޮޅު ގެއްލުނު ފައިސާއަށްވުރެ މިދިޔަ ހަފުތާގައި ގެއްލުނު ފައިސާ އިތުރު ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހު ކުރީކޮޅު 46 މައްސަލައެއްގައި 325،485 ރުފިޔާ ގެއްލުނުއިރު މިދިޔަ ހަފުތާގައި 36 މައްސަލައެއްގައި 365،626 ރުފިޔާ ގެއްލިފައިވެއެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 40،141 ރުފިޔާގެ އިތުރުވުމެކެވެ.
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފުތާގައި ގެއްލުނު ފައިސާގެ ތެރެއިން ހޯދިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަނީ 117،439 ރުފިޔާ 50 ލާރިއެވެ. އެއީ މި މަހު ކުރީކޮޅު ގެއްލުނު ފައިސާގެ ތެރެއިން ހޯދިފައިވާ 195،934 ރުފިޔާއަށްވުރެ 78،494 ރުފިޔާ 50 ލާރި މަދު އަދަދެކެވެ.
އެހެން ހަފުތާތަކެކޭ ވެސް އެއްފަދައިން މިދިޔަ ހަފުތާގައި ވެސް އެންމެ ގިނައިން ރިޕޯޓުކުރީ އޮންލައިން ވިޔަފާރީގެ ނަމުގައި ކޮށްފައިވާ ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ 24 މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، ފައިސާ މާރުކުރުމާ ގުޅުންހުރި ސްކޭމްގެ ތިން މައްސަލައެއް، އަދި ޝަޚްސު އޮޅުވައިލުމުގެ ދެ މައްސަލައެއް ވެސް މިދިޔަ ހަފުތާގައި ހުށަހެޅި މައްސަލަތަކުގެ ތެރޭ ހިމެނެއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މި މަހު ކުރީކޮޅު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ޖޫން މަހު ސްކޭމްގެ 122 މައްސަލައެއް ހުށަހެޅިއެވެ. އެއީ މެއި މަހު ހުށަހެޅި ސްކޭމްގެ މައްސަލަތަކަށްވުރެ 35 މައްސަލަ މަދު އަދަދެކެވެ.
ހަމަ އެހެންމެ ސްކޭމްގެ މައްސަލަތަކުގައި ޖޫން މަހު ގެއްލުނު ފައިސާ ވެސް މެއި މަހަށް ވުރެ މަދެވެ. އެގޮތުން މެއި މަހު ސްކޭމްގެ އެކި މައްސަލަތަކުގައި 2.27 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓުކުރިއިރު ޖޫން މަހު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 914،698 ރުފިޔާއެވެ.
ސްކޭމްގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން ޖޫން މަހު 598،678 ރުފިޔާ ހޯދުނު ކަމަށް ވެސް ފުލުހުންގެ އެ ތަފާސްހިސާބުތަކުގައި ވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި 2،700އަށް ވުރެ ގިނަ ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަނަށްވުރެ ރުފިޔާ ގެއްލިފައި ވެއެވެ.