ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ހަދާފައިވާ އާބާދީތަކުގައި އުފައްދާ މުދާ އެ ގައުމަށް އެތެރެކުރުން މަނާކުރުމަށް ބެލްޖިއަމްގެ ސަރުކާރުން ފާސްކޮށްފިއެވެ.
ބެލްޖިއަމްގެ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ހޫނު މޫސުމުގެ ޗުއްޓީގެ ކުރިން ބޭއްވި ކެބިނެޓުގެ އެންމެ ފަހު ބައްދަލުވުމުގައެވެ.
މި ފިޔަވަޅަކީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި އެ ހަމަލާތަކުގައި ޝަހީދުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، މިދިޔަ އަހަރު ބެލްޖިއަމްއިން ވެފައިވާ ވައުދެއް ފުއްދުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޯޓް ވަނީ ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) ގެ ފެންވަރުގައި މިފަދަ މަނާކުރުމެއް ތަންފީޒުކުރުމަށް އެ އިއްތިހާދުގެ އެހެން ގައުމުތަކަށް ބާރުއަޅުއްވާފައެވެ.
ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރުން ދާދިފަހުން ކުރި ތަހުގީގަކުން ދައްކާ ގޮތުގައި، ޔޫރަޕަށް އެތެރެކުރާ އިސްރާއީލުގެ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ފަސް ޝިޕްމަންޓަކުން އެކައްޗަކީ ހިފާފައިވާ ހުޅަނގު އައްސޭރި ނުވަތަ ގޯލާން ހައިޓްސްގެ އާބާދީތަކުގައި ހައްދާފައިވާ ތަކެއްޗެވެ. އަދި މި ތަކެތި އެކްސްޕޯޓުކުރާ ފަރާތްތަކުން އޮޅުވާލުމުގެ ގޮތުން، އެއީ އިސްރާއީލުގެ އެހެން ސަރަހައްދުތަކުގައި އުފައްދާފައިވާ ތަކެތި ކަމަށް ލޭބަލްކުރާ ކަމަށް ވެސް އެ ތަހުގީގުން ހާމަވެފައިވެއެވެ.
އީޔޫއަކީ އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ނަމަވެސް އިސްރާއީލުގެ އާބާދީތަކުގެ މުދާ މަނާކުރުމާ މެދު އީޔޫގެ މެންބަރު ގައުމުތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.
ބެލްޖިއަމްގެ އިތުރުން ސްޕެއިން، ނެދަލޭންޑްސް، ސްލޮވީނިއާ އަދި އަޔަލޭންޑުން ވެސް ވަނީ އަމިއްލަ ގައުމީ ފެންވަރުގައި މިފަދަ ފިޔަވަޅުތައް އަޅާފައެވެ. ވިލާތުގެ ކުރީގެ އިސް އޮފިޝަލުންތަކެއް ވަނީ، އީޔޫގެ އެއް ގައުމަކަށް އެތެރެކުރާ މުދާ އެހެން ގައުމުތަކަށް ފަސޭހައިން ގެންދެވޭނެތީ، ވަކިވަކި ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ އަސަރު ކުޑަވާނެކަން ފާހަގަކުރައްވައި، މުޅި އީޔޫއަށް އަމާޒުކޮށް މަނާކުރުމެއް ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ.