މި ވޯލްޑް ކަޕަކީ އިންސާނީ ދަރިފަސްކޮޅު ދުށް އެންމެ ބޮޑު ހަރަކާތް: އިންފަންޓީނޯ

ޓްރަމްޕް ޓަވަރުގައި ބޭއްވި ފީފާގެ ޚާއްޞަ ރިސެޕްޝަނުގައި އެމެރިކާގެ ރައީސް ޓްރަމްޕާއި ފީފާގެ ރައީސް އިންފަންޓީނޯ--

ފީފާ ވޯލްޑް ކަޕް 2026 އަކީ އިންސާނީ ދަރިފަސްކޮޅު ދުށް އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ގޮތުގައި ސިފަކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ތައުރީފު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮއްސާލައިފިއެވެ.

ޑޮނަލްޑް ޓްރަމްޕާއެކު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެމެރިކާގެ އިންތިޒާމުތަކާމެދު ތައުރީފުކޮށް ރައީސް ޓްރަމްޕަށް ޚާއްޞަ ޝުކުރު އަދާކުރައްވާފައެވެ. މިއީ ފީފާގެ ރައީސަކު ގައުމެއްގެ ރައީސަކަށް މިހާ ބޮޑަށް ތައުރީފުކޮށް މުހާތަބުކުރެއްވި ފުރަތަމަ ފަހަރެވެ.

ނިއުޔޯކްގެ ޓްރަމްޕް ޓަވަރުގައި ބޭއްވި ފީފާގެ ޚާއްޞަ ރިސެޕްޝަނެއްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، މިއީ ހަމައެކަނި މިހާތަނަށް ބޭއްވި އެންމެ މޮޅު ވޯލްޑް ކަޕް އެކަންޏެއް ނޫންކަމަށާއި މިއީ އިންސާނިއްޔަތު މިހާތަނަށް ދެކެފައިވާ އެންމެ ބޮޑު އިންސާނީ، އިޖުތިމާއީ އަދި ސަގާފީ ހަރަކާތް ކަމަށެވެ.

''އަހަރެމެން އެންމެންނަކީވެސް މި ތާރީޚީ މުބާރާތުގެ ބައެއް. މިކަމަށްޓަކައި ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އިންފަންޓީނޯ ވިދާޅުވިއެވެ.

މި މުބާރާތުގެ ސަބަބުން މުޅި ދުނިޔެ އެއްބައިވަންތަވެފައިވާ ކަން ފާހަގަކުރައްވަމުން އިންފަންޓީނޯ ވިދާޅުވީ، މުބާރާތް ނިމޭއިރު ތަށި އުފުލާލާނީ ކޮންމެވެސް އެއް ގައުމަކުން ކަމަށް ވިޔަސް، މުޅި ދުނިޔެ މިހާރުވެސް މިވަނީ މޮޅުވެފައި ކަމަށެވެ.

"މި މުބާރާތުން އެއް ގައުމެއް ދުނިޔޭގެ ޗެމްޕިއަނަކަށް ވާނެ، އެކަމަކު ދުނިޔެ މިހާރުވެސް މޮޅުވެއްޖެ. އެމެރިކާ މޮޅުވެއްޖެ، އަދި ފީފާވެސް މޮޅުވެއްޖެ،" އިންފަންޓީނޯ ވިދާޅުވިއެވެ.

މި ހޫނު މޫސުމުގައި ދުނިޔެ އެއްބައިވަންތަކޮށް، ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އެތައް މިލިއަން ނުވަތަ ބިލިއަން ބަޔަކަށް ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ އުފާވެރި ތަޖުރިބާތަކާއި ހަނދާންތަކެއް ލިބިގެންދިޔުމަކީ އަބަދުގެ އަބަދަށް ހިތުގައި ބާއްވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ ސަރުކާރުން މި މުބާރާތް ރައްކާތެރި އަދި އުފާވެރި މާހައުލެއްގައި ކާމިޔާބުކަމާއެކު ބޭއްވުމަށް ދެއްވި އެއްބާރުލުމެއްގެ ސަބަބުން ނޫނީ މިފަދަ ބޮޑު ކާމިޔާބީއެއް ނުހޯދޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ އިންތިޒާމުތަކާއި ވީސާ ދިނުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެފްރިކާ ބައްރުގެ އެއްވަނަ ރެފްރީ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމެރިކާގެ އުސޫލުތަކަށް ފާޑުކިޔާފައެވެ.

comment ކޮމެންޓް