ތިލަފުށީ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް: އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ތިލަފުށީ ކުނިގޮނޑުގައި އަލިފާން ރޯވެފައި.. ފޮޓޯ/ ފުލުހުން

ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:30 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތިލަފުށީ ގޮނޑުގައި ރޯވި މި އަލިފާންގަނޑު ފުދޭވަރަކަށް ބޮޑަށް ފެތުރިފައި އޮތް ކަމަށެވެ. މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސަސް އާއި ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފަނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، މިއީ އެއްވެސް ބައެއްގެ ސަބަބުން ހިނގި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ބޮޑަށް ބެލެވެނީ ގޮނޑުގައި އާންމުކޮށް ރޯވެފައި ހުންނަ އަލިފާން، ބާރު ވަޔާއި އެކު އިތުރަށް ފެތުރުނީ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން "ސަން" އަށް ބުނީ ތިލަފުށި ގޮނޑުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ފަތި 5:00 ހާއިރުކަމަށެވެ. އަދި އަދި އެކަމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވުނީ މިއަދު ހެނދުނު 9:29 ހާކަންހާއިރުކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައިއެވެ.

ތިލަފުށީގެ އިތުރުން އިއްޔެ ރާއްޖޭގެ އެހެން ދެ ސަރަހައްދެއްގައި ވެސް އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ލ. ފޮނަދޫ ކުރިގަމު އަވަށުގައި ހައުސިން ޔުނިޓް އަޅާ ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫ ފަޔަ ސްޓޭޝަނުން ވަނީ ނިއްވާލާފައެވެ.

https://sun.mv/224827

މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ކަޅިދިރިމާގޭގައި ހުރި ކުނިތަކެއްގައި ވެސް އިއްޔެ ވަނީ އަލިފާން ރޯވެފައެވެ. އެ އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުންނެވެ. މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް 23 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 12 ހާދިސާއަކީ އަލިފާނުގެ ހާދިސާތަކެވެ.

comment ކޮމެންޓް