ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލުންދީފައި ވަނީ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތަށެވެ.

އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައި -- ފޮޓޯ/ ކިޔުންތެރިއެއް
މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތަށް ވަންނަ މައި ދޮރުގެ ދެ ހިސާބަކުން ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މާލޭގައި ވެސް މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެ، އެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސްވެއެވެ.