ސްރީ ލަންކާގައި ހަލުއިކަމާއެކު ފެތުރެމުންދާ ޑެންގީ ބަލި ކޮންޓްރޯލު ކުރުމަށްޓަކައި ޑްރޯން ބޭނުންކޮށްގެން އެ ގައުމުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އާންމު ސިއްހަތުގެ ހިދުމަތްތަކާއި ހޮސްޕިޓަލްތަކުން މި ބަލި ކޮންޓްރޯލު ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނައިރު، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތުގައި ސިފައިން ދަނީ އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ. މިގޮތުން، ވާރޭ ވެހުމުން ފުރާޅުމަތީގައި ފެން ހަރުލާފައި ހުންނަ ތަންތަން ދެނެގަތުމަށާއި، ގެތަކާއި އިމާރާތްކުރާ ތަންތަނުގެ އިތުރުން ސްކޫލްތައް އިންސްޕެކްޓް ކުރުމަށް ޑްރޯން ބޭނުންކުރަން ވަނީ ފަށާފައެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖެނުއަރީ މަސް ފެށުނު ފަހުން މިހާތަނަށް 76،044 މީހުންނަށް ވަނީ ޑެންގީ ޖެހިފައެވެ. އަދި މި ބަލީގައި 53 މީހުން ވަނީ މަރުވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީ، މިއީ 2017 ވަނަ އަހަރު ކޮވިޑް-19 ޖެހިގެން ރެކޯޑްކުރި މިންވަރާ ގާތްކުރާ އަދަދެކެވެ. ލަންކާގައި އެއްލަކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެރިރަށް ކޮލަމްބޯގެ އުތުރުން ގާތްގަނޑަކަށް 35 ކިލޯމީޓަރު ދުރުގައި އޮންނަ ނެގޮމްބޯއަކީ އެންމެ ގިނަ އަދަދަކަށް ބަލި ޖެހުނު މީހުން އުޅޭ ސަރަހައްދެވެ. އެ ސަރަހައްދުގެ ކޮންސަލްޓަންޓް ލަލިންދްރާ ޑިއާސް ވިދާޅުވި ގޮތުގައި، “އެއީ ބަލިމީހުން ހަލުވިކަމާއެކު އިތުރުވަމުންދާތީ ޑޮކްޓަރުންނަށް ގޮންޖެހުން ބޮޑު ކަމެއް.” ކަމަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު އެކަނިވެސް 21،537 މީހުންނަށް ބަލިޖެހިފައިވެއެވެ. މިއީ އޭގެ ކުރިން އައި މެއި މަހު ބަލި ޖެހުނު މިންވަރަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. ހަމައެކަނި މި ހިނގާ ޖުލައި މަހުގެ ތެރޭގައި ވެސް 15،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޑެންގީ ޖެހިފައެވެ.
މިހާ ހަލުވިކަމާއެކު ބަލި ފެތުރުން އިތުރުވެފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ލަންކާއަށް ކުރިމަތިވި ތޫފާން ދިތްވާގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓްގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް ކަޕިލާ ކަންނަންގަރާ ވިދާޅުވި ގޮތުގައި، “ބަލި މީހުންގެ އަދަދު ގިނަ، އަދި ކޭސްތަކުގެ ސީރިއަސްކަން ވެސް ބޮޑު، ގާތްގަނޑަކަށް 75 ޕަސެންޓް ކޭސްތައް ގުޅިފައިވަނީ ވައިރަލް ޑީއެންވީ-2 ސްޓްރޭންއާ،” އެވެ.
ޑެންގީ ފަތުރާ އީޑީސް މަދިރިއަކީ އޭގެ ފައިގައި ކަޅާއި ހުދުގެ ރޮނގުތަކެއް ހުންނަ، އަދި ހަރުލާފައި ހުންނަ ސާފު ފެނުގައި އާލާވާ މަދިރިއެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މޭނުބައިކުރުމާއި، ހޮޑުލުމާއި، ގައިގާ ރިއްސުން ހިމެނެއެވެ. އަދި ބަލި މާ ބޮޑުވާ ހާލަތްތަކުގައި ލޭގަނޑުވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިންޒާރު ދީފައިވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޑެންގީގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ އެހެނިހެން ވައިރަސްތައް ކުރިއަށްވުރެ މާ ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ.
މަދިރި އާލާވާ ތަންތަން ދެނެގަނެ، އެތަންތަން ނައްތާލުމަށް ލަންކާ ސަރުކާރުން ސިފައިން ނެރުނީ މިދިޔަ މަހުއެވެ. އޭގެ ފަހުން، ޖުލައި 16 ވަނަ ދުވަހު ސަރުކާރުން ވަނީ ހާއްސަ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތައް ސާފުކޮށް މަދިރި އާލާވާ ތަންތަން ނައްތާލާފައެވެ. ލަންކާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ޖުލައި މަހުގެ މިހާތަނަށް ގާތްގަނޑަކަށް 11،000 މަދިރި އާލާކުރާ ތަންތަން ވަނީ ސާފުކޮށްފައެވެ. އަދި މަދިރި އުޅޭތަން ފެނުނު 4،000 އަށް ވުރެ ގިނަ ތަންތަން ވަނީ ޖޫރިމަނާކޮށްފައެވެ. ސިއްހީ އޮފިޝަލުން ލަފާކުރާ ގޮތުގައި އާންމުކޮށް ވާރޭ ވެހޭ މޫސުމުން އިތުރުވާ އިންފެކްޝަންތަކަށް ލުއި ލިބޭނީ އޮގަސްޓް މަހު ވިއްސާރަ އަލިވުމުންނެވެ.