އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއަށް ހަތަރު ވަނަ ދަރިއެއް

އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވޭންސް (ވ) އާއި އަނބިކަނބަލުން އުޝާ (ކ). އެ ދެމަފިރިންނަށް ހަތަރު ވަނަ ދަރިފުޅަކު ވަނީ ލިބިވަޑައިގެންފައިވާ ކަމަށް ވަނީ އިއުލާނުކޮށްފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން އުޝާއަށް ހަތަރު ވަނަ ދަރިފުޅު ލިބުނުކަން އިއުލާން ކުރައްވައިފިއެވެ.

ވޭންސް އާއި އަނބިކަނބަލުން ނެރުނު ބަޔާނެއްގައި ބުނީ ދަރިފުޅު އުފަންވީ އާދީއްތަ ދުވަހު މެރީލޭންޑްގެ ބެތެސްޑާގެ ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ތުއްތު ފިރިހެން ދަރިފުޅު އެލެކް ނީލް ވޭންސް މިއަދު ހެނދުނު އުފަންވިކަން އުފަލާއެކު އިއުލާން ކުރަން. އުޝާ އާއި ތުއްތު ދަރިފުޅުގެ ސިއްޙަތުވެސް ރަނގަޅު." ބަޔާނުގައިވެއެވެ.

އޮހައިއޯއަށް އުފަން ވޭންސް އާއި އެމެރިކާއަށް ހިޖުރަކޮށްފައިވާ އިންޑިއާގެ ދެމަފިރިއެއްގެ އަންހެން ދަރިފުޅު، އުޝާ ބައްދަލުވީ 2013 ވަނަ އަހަރު އެ ދެމީހުންވެސް ތައުލީމު ހާސިލުކުރި ޔޭލް ލޯ ސްކޫލުގައި ކިޔަވަމުން ދަނިކޮށެވެ.

އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު އެވަން އުފަންވީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން އިތުރު ފިރިހެން ދަރިފުޅެއް ކަމަށްވާ، ވިވެކް އުފަންވީ 2020 ވަނަ އަހަރެވެ. އެ ދެ މަފިރިންގެ އަންހެން ދަރިފުޅު މިރާބެލް އުފަންވީ 2021 ވަނަ އަހަރެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޭންސްގެ ތިން ކުދިންގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ހިއްސާކުރައްވައި، އެ އާއިލާއަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ހިއްސާކުރެއްވި ފޮޓޯގައި ވޭންސްގެ ތިން ކުދިން --

އެލެކް ނީލް ވޭންސްއަކީ 150 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ނައިބު ރައީސަކު މަގާމުގައި ހުންނަވަނިކޮށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

އެންމެ ފަހުން ނައިބު ރައީސަކު މަގާމުގައި ހުންނަވަނިކޮށް ބައްޕައަކަށް ވެވަޑައިގަތީ 1800 ގެ އަހަރުތަކުގައެވެ.

އެއީ ޝުއިލާ ކޮލްފެކްސް އާއި އޭނާގެ ދެވަނަ އަނބިކަނބަލުން އެލެން ވޭޑް އަށް 1870 ވަނަ އަހަރު ލިބުނު ޝުއިލާ ކޮލްފެކްސް ތިންވަނަ ނަމަކަށް ކިޔާ ފިރިހެން ދަރިފުުޅު ކަމަށް ވައިޓް ހައުސް ހީސްޓޯރިކަލް އެސޯސިއޭޝަނުން ބުނެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ ވެރިއެއް ކަމަށްވާ ވޭންސް އަކީ އެމެރިކާ މީހުން ގިނަ ދަރިން ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ މީހެކެވެ. އެމެރިކާގެ ސެނެޓްގެ ގޮނޑިއަކަށް އިންތިޚާބުވެވަޑައިގެން އޮހައިއޯ އިން 2021 ވަނަ އަހަރު ސިޔާސީ ކެރިއަރު ފެށިއިރު, އޭނާ ވަނީ އެމެރިކާގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް