ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރަން، އޮސްޓްރޭލިއާގެ 3 ސިޓީއެއްގައި ރޯޑް ޝޯ ބާއްވަނީ

އޮސްޓްރެލިއާގެ 3 ސިޓީއެއްގައި ވިޒިޓް މޯލްޑިވްސްގެ ރޯޑް ޝޯ ފަށައިފި -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އޮސްޓްރެލިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި "ވިޒިޓް މޯލްޑިވްސް ވީކް އިން އޮސްޓްރެލިއާ" ރޯޑް ޝޯ އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.

ޖުމްލަ ތިން ސިޓީއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެ ރޯޑް ޝޯގެ ފުރަތަމަ ހަރަކާތް އިއްޔެ ޕާތުގައި ފަށާފައިވާއިރު، މާދަމާ މެލްބަންގައި އަދި ބުރާސްފަތި ދުވަހު ސިޑްނީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އެ ފެއާގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި އޮސްޓްރެލިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އޮސްޓްރެލިއާގެ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލަކަށް ރާއްޖެ ހެދުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. އެ ރޯޑް ޝޯއަކީ ފަރުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފިޝަނަލުންނާއި މީޑިއާ އިންފުލުއެންސަރުންގެ އިތުރުން ދާއިރާގެ މުހިންމު ފަރާތްތަކަށް ރާއްޖޭގެ ފަރުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި އުފެއްދުންތަކާއި ތަޖުރިބާތައް ހިއްސާކޮށްލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި އަހަރުގެ ރޯޑް ޝޯ ޚާއްސަވާ އަނެއް ސަބަބު ކަމަށް ވިޒިޓް މޯލްޑިވެސްއިން ބުނީ، މޯލްޑިވިއަންއިން މާލެއާއި މެލްބަންއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ފަށައިފައިވުމެވެ. އެ ދަތުރުތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވެ، އޮސްޓްރެލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އައު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ދެކެއެވެ.

އޮސްޓްރެލިއާއަކީ މިހާރު ރާއްޖެއަށް 10 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ނިސްބަތަކީ 2.2 އިންސައްތައެވެ. ފާއިތުވި މެއި މަހަކީ އޮސްޓްރެލިއާ މާކެޓަށް ބޮޑު ކުރިއެރުމެއް ލިބުނު މަހެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 24.2 އިންސައްތަ އިތުރުވެފައެވެ. މިއީ ފަތުރުވެރިކަމުގެ ތަފާތު ވަސީލަތްތަކަށް އޮސްޓްރެލިއާ މާކެޓުގައި އޮތް ޝައުގުވެރިކަން ހާމަކޮށްދޭ ކަމެކެވެ.

https://sun.mv/223079

ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި މި ރޯޑް ޝޯގައި ރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ކުންފުންޏެއް ބައިވެރިވެއެވެ. އޭގެތެރޭގައި ކޯކޯ ބޮޑުހިތި، ފުށިފަރު މޯލްޑިވްސް، ވޮޔޭޖަސް މޯލްޑިވްސް، އައިލެންޑް އޭވިއޭޝަން ސާވިސް، ވިލާ ރިސޯޓްސް، ބަގްލިއޯނީ ރިސޯޓްސް މޯލްޑިވްސް، ޕަލްސާ ހޮޓެލްސް އެންޑް ރިސޯޓްސް، ރިސޯޓް ލައިފް ޓްރެވަލް، އެކްސައިޓިން މޯލްޑިވްސް، ސްޕެލެންޑިޑް އޭޝިއާ އަދި އެރައިވަލް ބީޗް އެންޑް ސްޕާ ހިމެނެއެެވެ.

މި ރޯޑް ޝޯގެ ތެރެއިން ރާއްޖެއާބެހޭ މައުލޫމާތު ދިނުމާއި ވިޔަފާރި ބައްދަލުވުންތަކާއި ގުޅުން ބަދަހިކުރުމުގެ ސެޝަންތަކުގެ އިތުރުން ތަފާތު ކުޅިވަރުތަކާއި ލަކީ ޑްރޯތައް ކުރިއަށްދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް