"ފަތިސް ނަމާދު އަޅައިފިއްޔާ މުޅި ދުވަހުގެ ހިތްހަމަޖެހުން ގެއްލިގެންދާފަދަ އިހުސާސެއް ކުރެވޭނެއެވެ. ހުރިހާ ވަގުތެއްގައި ނަމާދު ގާއިމުކުރަން އިސްކަންދޭންވާނެއެވެ. "
***
ޖޯން ކަނޑި ހޫރާލަމުން ހިތްވަރާއެކު އެމީހުންނާއި ހަނގުރާމަފެށިއެވެ. އެކަކުގެ ކަނޑިން ރެކިގަނެވުނަސް ފަހަތުން އައި ހަނގުރާމަވެރިއަކު އޭނާގެ ކަމަރުގައިވި ދަގަނޑު މުށްގަނޑަކުން ޖޯންގެ ބޮލުގެ ފަހަތުގައި ބާރަށް ޖެހިއެވެ.
ޖޯންގެ ދެލޮލުން ރަންކަނިތައް ފިޔަޖަހައިލުމާއިއެކު މުޅި ދުނިޔެ އަނދިރިވެގެން ދިޔައެވެ. އޭނާގެ އަތުން ކަނޑި ވެއްޓި ހޮހަޅައިގެ ބޭރުގައިވާ ފިނި ބިންމައްޗަށް ޚަބަރު ހުސްވެގެން ވެއްޓުނެވެ.
"އަވަސްކުރޭ.... އޭނާ ބަންދުކޮށްގެން ގެންދޭ... އަމީރުގެ އަމުރުފުޅު އެބައޮތް އޭނާ ދިރިހުއްޓާ ހައްޔަރުކުރުމަށް........." އެކަކު އަމުރުކުރިއެވެ.
އެމީހުން ޖޯންގެ އަތްފައި ބަންދުކޮށް ދަމާފައި ގެންދިޔައިރު ހޮހަޅައިގެ ތެރެއިން ކެތްރީންގެ ވޭނީ ހަޅޭކުގެ އަޑު ފަރުބަދަމަތީގައި ގުގުމަމުން ދިޔައެވެ.ނަމަވެސް އެކަމަނާއަށް އެހީވާނެ އެކަކުވެސް އެތަނަކު ނެތެވެ. ފިނިގަދަ އެކަނިވެރި ހޮހަޅައިގެ ތެރޭގައި ގަދަފަދަ ވޭނާއި ކަރުނައިގެ ތެރެއިން ކެތްރީންގެ ދަރިފުޅު ދުނިޔޭގެ އަލިކަން ދެކުނެވެ. އެކުޑަ ކުޑަ ފުރާނައިގެ ތޫނު ރުއިމުގެ އަޑު މުޅި ހޮހަޅައިގެ ފާރުތަކުގައި ގުގުމައިގެން ދިޔަވަގުތު ކެތްރީން އެކުއްޖާ ނަންގަވާ އެކަމަނާގެ މޭފުޅުގައި ޖައސަވާ ބާރުކޮށްލެއްވިއެވެ. ނަމަވެސް އޭރު ވަރުބަލިވެފައިވުމާއެކު ލޯފުޅަށް ފުސްވާންފެށިގޮތަށް ހަށިކޮޅުން ހަކަތަ ހުސްވެ ޚަބަރުހުސްވީއިރުވެސް އެކަމަނާއަށް އޮވެވުނީ ދަރިފުޅުގެ ގައިގާ ހިފަހައްޓާލައިގެންނެވެ.
***
ކެތްރީން ހޭފުޅުއަރައިގެން އެސްފިޔަފުޅުތައް މަޑުމަޑުން ދުރުކޮށްލައްވާފައި ނަޒަރު ހިންގަވައިލެއްވުމާއެކު ފެނިވަޑައިގަތީ ހޮހަޅައިގެ އަނދިރި ކަޅު ފާރުތަކެއް ނޫނެވެ. އެކަމަނާ އޮންނެވީ ރަނާއި ރިހިން ޖަރީކޮށް ސަދުވާ ދަމާފައިވާ އަރާމު އެނދުކޮޅުގައެވެ. ޝާހީ ގަނޑުވަރުގެ އެކަމަނާއަށް ޚާއްސަކުރެވފައިވާ ކޮޓަރިކޮޅުގައެވެ. އެތަނުގައި ތިބި ގަނޑުވަރުގެ ޚާދިމާއިންގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.
"ދަރިފުޅު...."ކެތްރީން ކުއްލިއަކަށް ތެދުވެ ވަޑައިގެން ބާރަށް ހަޅޭއްފުޅު ލައްވަން ފެއްޓެވިއެވެ." އަހަރެންގެ ދަރިފުޅު ކޮބާ؟ ޖޯން ކޮބާ؟ ކޮންމެވެސް މީހަކު ޖަވާބުދީބަލަ..."
އެވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލެއްވުމަށްފަހު އެތެރެއަށް ވެދެވަޑައިގަތީ އެކަމަނާގެ ބޭބޭފުޅު ޝާހްޒާދާ ރޮޑްރިގޯއެވެ. އެމަނިކުފާނުގެ މޫނުފުޅުމަތީގައި އަޅުއްވާފައިވާ ޚިޔާނާތާއި ހިތާމަފުޅުގެ މާސްކުއިން އެންމެނަށްވެސް އޮޅޭނެއެވެ.
"ކެތްރީން..... ކޮއްކޯފުޅު ހަމަޖެހިވަޑައިގަންނަވާ..."ރޮޑްރިގޯ ސަދުވާ ހިއްލާލައްވާފައި އެނދުގެ މަގަތުގައި އިށީދެވަޑައިގަތެވެ.
"ބޭބޭފުޅު...އަޅުގަނޑުގެ ދަރިފުޅު......"އެކަމަނާ ކީރިތިކުރައްވަމުން ރޮޑްރިގޯގެ ޝާހީ ހެދުންކޮޅުގައި ދެއަތްޕުޅުން ހިފަހައްޓަވާލެއްވިއެވެ."އަޅުގަނޑު ލޮލުން ދުށިން...އެދަރިފުޅު....."
ރޮޑްރިގޯ އިސްޖައްސަވާލެއްވިއެވެ.ކުރިއްސުރެ އެމަނިކުފާނުވަނީ ކޮއްކޯފުޅުކައިރީ ދައްކަވަންވީ ވާހަކަތައް ސިކުނޑީގައި ރާވާލައްވާފައެވެ.
"ކެތްރީން.ބޭބެމެންނަށް މުސްލިމުން އަވަށަށް ހަމަލާދިންކަން އެނގިގެން އެހީތެރިވާން ސިފައިންނާއެކު ދިޔައީ....ކެތްރީން ހޮހަޅައިން ފެނުނުއިރު ދަރިފުޅު އޮންނެވީ މުޅިން ހުދުވެފައި...ދިރިހުރުމުގެ އެއްވެސް ނިޝާނެއްނެތް..އެދަރިފުޅުގެ ފުރާނައެއްނެތް....."
"ނޫން..ނޫން ތިއީ ތެދުފުޅެއްނޫން...ސިފައިން ދޮގުހެދީ...އަލުގަނޑުގެ ދަރިފުޅު ދުނިޔޭގައި އޮތް..އެއީ ސިއްހަތު ރަގަޅު ކުއްޖެއް...އަޅުގަނޑު އެދަރިފުޅު މޭގައި ޖައްސާލައިގެން އޮތްވާ ޚަބަރުހުސްވީ..."
"އަހަރެން ސަމާސާއެއްނޫން މިކުރަނީ ކެތްރީން..."ރޮޑްރިގޯ ކެތްރީންގެ ކޮނޑުފުޅުގައި ހިފަހައްޓަވާ ބާރުކޮށްލެއްވިއެވެ."އެ ވަހުޟީ މުސްލިމް ހަނގުރާމަވެރިން އެ އަވަށަށް ހަމަލާދީ މުޅި އަވަށް އަންދާލައިފި..އެމީހުންގެ އަނިޔާވެރި ހަމަލާގައި މެތިއުއާއި މޭރީވެސް ދުނިޔެއާއި ވަކިވެއްޖެ.."
"އަދި....ޖޯން؟" އެކަމަނާގެ އަޑުފުޅު ރޫރޫ އެޅިއެވެ. ދެލޯފުޅުން ކަރުނަފޮދު ތިކިތައް ޖަހަމުން ދިޔައެވެ.
"ޖޯން ގެ ޚަބަރެއްނުވޭ...."ރޮޑްރިގޯ ބުމަފުޅު ގާތްކޮށްލެއްވިއެވެ.
"އެ މުސްލިމުން އޭނާ އަތުލައިގަނެގެން ގެންދިޔައީ... ނޫނީ އޭނާވެސް ވަނީ މަރާލާފައި.....ކެތްރީން... އެ މުސްލިމުން ކޮއްކޮގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި... އެމީހުން ކޮއްކޮގެ ދަރިފުޅާއި ޖޯންގެ ދިރިއުޅުމުގެ ބައްތި ނިވައިލީ...އެމީހުންނަށް މާފު ހައްގެއްނޫން......"
ކެތްރީންގެ ހިތްޕުޅުގައި މުސްލިމުންނާމެދު އިންތިހާއަށް ގަދަފަދަ ނަފްރަތަކާއި ނަފްސާނީ އަނިޔާވެރިކަމެއް އުފެދިގެން ދިޔައެވެ. އެކަމަނާ މޭފުޅުގައި އަތްޕުޅު އަޅުއްވާ ހިތްޕުޅުގެ އަޑިން މުސްލިމުންނަށް ދުޢާކުރައްވަން ފެށްޓެވިއެވެ. އެކަމަނާގެ މުޅި ހަޔާތްޕުޅު އަނދާ އަޅިއަށް ހަދާލީ މުސްލިމުންކަމަށް އެކަމަނާގެ ސިކުނޑިއަށް ޔަގީންކުރެވުނެވެ.
ހަގީގަތްވަނީ އެންމެންގެ ލޯތަކަށް ފޮރުވާފައެވެ.
އެ އަމާން އަވަށަށް ހަމަލާދީ ގޭގޭގައި އަލިފާންޖެހީ މުސްލިމުންނެއް ނޫނެވެ. އެއީ ޕްރިންސް ރޮޑްރިގޯގެ އަމުރުފުޅަށް މުސްލިމުންގެ ހެދުން އަޅުވައިގެން ފޮނުވި އެމަނިކުފާނުގެ އަމިއްލަ ސިފައިންނެވެ.
ކެތްރީންގެ ދަރިފުޅުވެސް މަރެއް ނުވެއެވެ. ރޮޑްރިގޯ ވަނީ ހޮހަޅައިން އެ ކުޑަކުއްޖާ ނަންގަވާފައި ގަނޑުވަރުގެ ސިއްރު ފާރަވެރިއެއްގެ ގޭގައި އެކަކަށްވެސް ނޭނގޭނެހެން ފޮރުވާފައެވެ.
މުސްލިމުން ޖޯންވެސް މަރާލީއެއްނޫނެވެ. ޖޯން ވަނީ ގަނޑުވަރުގެ އެންމެ އަނދިރިކަން ގަދަ ފުން އަދި ނާމާން ޖަލުގައި ބަންދުކޮށްފައެވެ.
***
އޭގެ ފަހުން ޖެހިޖެހިގެން އައި ދުވަސްތަކަކީ ގަނޑުވަރުގެ ތެރޭގައި ހަމަހިމޭން ނަމަވެސް އިންތިހާއަށް ހިތާމައިގެ ދުވަސްތަކެކެވެ. ކެތްރީން އޮންނެވީ އެކަމަނާގެ ބޮޑު ކޮޓަރިކޮޅުގެ އެނދުމަތީގައި ދިރުމެއް ނެތް ބުދެއް ފަދައިންނެވެ. އެކަމަނާގެ ކުރީގެ ރީތިކަމާއި މޫނުމަތީގައިވި އުފާވެރިކަން ވަނީ މުޅިން ގެއްލިފައެވެ. ދެލޯފުޅު ވަޅުވަދެ ކޯތާފަތް މައްޗަށް ކަރުނައިގެ ރޮގުތައް ހިކިފައިވާއިރު އެކަމަނާ ކާނާއެއްގައި ނުވަތަ ފެންފޮދެއްގައި އަތް ޖައްސަވާނުލައްވައެވެ.
އެކަމަނާގެ ޚިޔާލުފުޅުގައި ވީ ހަމައެކަނި ފިނި ހޮހަޅައިގެ ތެރޭގައި އެކަމަނާގެ މޭފުޅުގައި ޖައްސަވާލެއްވި ކުޑަކުޑަ ފުރާނައިގެ ހޫނުކަމެވެ. އެ ރީތިކަމާއި މަޑުކަމެވެ. އަދި އެކަމަނާއަށް ހިމާޔަތްދޭން ނުކުމެގެން ގޮސް އަނބުރާ ނައީ ޖޯންގެ ހަނދާންތަކެވެ.
"ކެތްރީން... މިއިން އެއްޗެއް ކާލަބަލަ،" ކެތްރީންގެ މަންމާފުޅު ރާނީ ގެ ލޯފުޅުން ފެނިވަޑައގަތީ ރަހުމާއި ކުލުނުއެވެ. އެކަމަނާ ތަށި ކެތްރީންއާ ދިމާލަށް ދިއްކޮށްލެއްވިއެވެ. "އަހަރެމެންނަށް އެނގޭ....ދަރިފުޅު.... ތިއީ ކެތްކުރަން ދަތި ވޭނެއްކަން. ނަމަވެސް އަމިއްލަ ނަފްސު ހަލާކުކޮށްނުލާ....."
ކެތްރީން އެއްވެސް އެއްޗެއް ވިދާޅުވުމެއްނެތި ފާރާއި ދިމާލަށް މޫނު އަނބުރައިލެއްވިއެވެ.
***
ރަސްގެފާނު ވެސް ކެތްރީންގެ ކޮޓަރި ކޮޅު ކައިރީގައި ހުންނެވީ އިސްޖައްސަވާލައްވައިގެންނެވެ. އެމަނިކުފާނެގެ ދަރިކަނބަލުން ސިފައިންގެ މީހަކާ ގުޅިގެން ފިލައިގެން ދިއުމުން ކުރިން ވަރަށް ކޯފާވެފައި ހުންނެވިޔަސް މިއަދު ދަރިފުޅު އެނބުރި ވަޑައިގަތުމާއެކު އެކަމަނާއަށް ލިބިފައިވާ ބޮޑު ހިތާމަ ފެނިފައި ރަސްގެފާނުގެ ހިތްޕުޅު ވަނީ މަޑުވެފައެވެ.
"އަހަރެމެންނަށް ދަރިފުޅު އެނބުރި ލިބުނުކަން އެއީވެސް ނަސީބެއް....،" ރަސްގެފާނު ފުން ނޭވާފުޅެއް ދޫކޮށްލައްވަމުން ރާނީއަށް ބައްލަވައިލިއެވެ. "ނަމަވެސް އެ ވަހުޝީ މުސްލިމުން އަހަރެމެންގެ މުޅި އާއިލާގެ އުފާވެރިކަން ދުއްވާލައިފި......"
ކެތްރީންއަށް ހިތާމަތަކާއި ދުރަށް ވަޑައެއް ނުގެންނެވެއެވެ. އަބަދާއަބަދުހެން ކީރިތިކުރައްވާ ހައްދަވައެވެ."އަހަރެންގެ ދަރިފުޅު... އަހަރެންގެ ޖޯން... އެމީހުން އަހަރެންގެ ދިރިއުޅުން ފޭރިގަތީ..."
ކޮޓަރީގެ ބޭރުގައި ހުރި ޕްރިންސް ރޮޑްރިގޯގެ ހިތްޕުޅަށް ވަނީ އިންތިހާއަށް ބިރުވެރިކަމާއި ކުށްވެރިކަމުގެ އިޙްސާސެއް މުޅިން ތަފާތު ގޮތަކަށް ވަދެފައެވެ. އެމަނިކުފާނު އަމިއްލަ ކޮއްކޯފުޅަށް ދެއްވި ބޮޑު ކެއްސާއި މުސްލިމުންގެ ނަމުގައި ހިންގެވި އަނިޔާވެރިކަމުގެ ސަބަބުން ކެތްރީން މިހާވަރަށް ހަލާކުވެގެންދާނެ ކަމަކަށް އެމަނިކުފާނު ހީފުޅު ނުކުރައްވައެވެ.
ކޮއްކޮގެ މި މާޔޫސީ ހާލަތު ފެނިވަޑައިގެން ރޮޑްރިގޯގެ ހިތްޕުޅުގައި ކުޑަކުޑަ ރަހުމެއްގެ އަސަރު އުފެދުނެވެ. އެންމެފަހުން ނިންމެވީ ކެތްރީންއަށް އެއްވެސް ވަރަކަށް ނޭނގޭ ގޮތަށް އެ ކުޑަކުއްޖާ ސިއްރުން ގަނޑުވަރަށް ގެނެސް، "އެޑޮޕްޓް" ކުރެވިފައިވާ ކުއްޖެއްގެ ގޮތުގައި ކެތްރީންގެ އަތްޕުޅަށް ދިނުމަށެވެ. އެއީ ކެތްރީންގެ ދިރިއުޅުމަށް އަލުން ދިރުމެއް ގެނެސްދެއްވުމަށެވެ.
ރޮޑްރިގޯ ކާކުކަން ނޭނގޭނެހެން މޫނުފުޅު ނިވާކުރައްވާ އަސްކޮޅަކަށް ސަވާރުވެ ވަޑައިގެން ސިއްރުން ވަޑައިގަތީ އެ ކުޑަކުއްޖާ ހަވާލުކުރެއްވި އިތުބާރުހުރި ޝާހީ ފާރަވެރިޔާގެ ގެއަށެވެ. އެއީ ޝަހަރާއި ތަންކޮޅެއް ދުރުގައިވާ އެކަނިވެރި ގެއެކެވެ.
ރޮޑްރިގޯ އެ ގެއަށް ވަޑައިގެން ދޮރުގައި ތަޅައިގަތްއިރު އެއްވެސް ޚަބަރެއް ނެތެވެ.
"ހުޅުވާ..... އަވަހަށް ދޮރު ހުޅުވާ...." ރޮޑްރިގޯ އަވަސްވެފައިވާ އެކަމަކު އަމުރުވެރިކަމާއެކު ގޮވާލެއްވިއެވެ.
އެއްވެސް ޖަވާބެއް ނުލިބުމުން ރޮޑްރިގޯ ކަނޑި ނަންގަވައި ދޮރުގެ ތަޅު ބިންދާލުމަށްފަހު އެތެރެއަށް ވަދެވަޑައިގަތެވެ. ކޮޓަރީގެ ތެރެއިން ފެނިވަޑައިގަތީ މުޅި ތަން ހަސްފަސްނެތިފައިވާތަނެވެ. ފަޅު ފުށްޓަރެއްފަދައެވެ.
އެ ގޭގައި ފާރަވެރިޔާއެއް ނެތެވެ.އަދި ކެތްރީންގެ އެ ކުޑަކުޑަ ދަރިފުޅުގެ އެއްވެސް ނިޝާނެއްވެސް ނެތެވެ
އެމީހުން ވަނީ ވީނުވީއެއް ނޭނގި މުޅިން ގެއްލިފައެވެ
ރޮޑްރިގޯގެ މޫނުފުޅުމަތިން ކުލަ އޮއްސި ބޮޑު ސިހުމެއް ލިބިވަޑައިގަތެވެ."މިވީ ކިހިނެއް؟ އެމީހުން ކޮބާތަ؟ އެ ކުއްޖާ ކޮބާ؟"
މުޅި ސަރަހައްދުންވެސް އެއްވެސް އިޝާރާތެއް ނުވަތަ އެމީހުން ދިޔަ މިސްރާބެއްގެ ހިލަމެއްވެސް ނުވިއެވެ. އެ ކުޑަކުޑަ ތުއްތު ކުއްޖާއާއި ފާރަވެރިޔާ ވަނީ އެއްކޮށް ވީނުވީއެއް ނޭނގި އަނދިރިކަމުގެ ތެރެއަށް ގެއްލިފައެވެ. ރޮޑްރިގޯގެ މުޅި ރޭވުން މުޅިން ބަދަލުވެ ފަނިވީއެވެ.
***
ރޮޑްރިގޯގެ އަނިޔާވެރި ސިފައިން އަވަށަށް ހަމަލާދީ އަލިފާންޖެހި ރޭގެ ސިހުމާއި ބިރުވެރިކަމަށްފަހު މެތިއު އާއި މޭރީއަށް އެމީހުންގެ ވަކިތަކުން ސަލާމަތްވެވުނީ ކިރިޔާއެވެ. ނަމަވެސް، އެމީހުންގެ މުޅި ދިރިއުޅުން ވަނީ ވިއްސިވިއްސާލިވެފައެވެ. ގެދޮރު އަންދާ އެމީހުންގެ ދަރިފުޅު ތާރިގު ޖޯން އަދި ކެތްރީންވެސް ވަނީ ގެއްލިފައެވެ.
އުމުރުން ދުވަސްވެފައިވާ މެތިއުއާއި މޭރީ އަނދިރި ރޭގަނޑުގެ ތެރޭގައި ފިލައިގެން ދިޔައީ މުސްލިމުންގެ ސަރަހައްދާ ދިމާލަށެވެ. އެމީހުންގެ ހިތުގައި އޮތް އެންމެ ބޮޑު އުންމީދަކީ މުސްލިމުންގެ ކިއްލާއަށް ގޮސް ތާރިގު ހޯދުމެވެ. އަދި މުސްލިމް ރަސްގެފާނަށް ޝަކުވާ ދެންނެވުމެވެ.
ދަތުރުގެ މަގުމަތީގައި މޭރީގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ކާނާއެއް ނެތި ބޯނެ ސާފު ފެންފޮދެއް ނުލިބި ގަދަ ހޫނުގައި ދަތުރުކުރުމުގެ ސަބަބުން މޭރީގެ ގައިން ވަރުދެރަވެ ގަދައަށް ހުންއައިސް ބަލިވިއެވެ.
".އަޅުގަނޑުގެ ފައިގާ... ވަރެއް ނެތް..." މޭރީ މަޑުމަޑުން ތުރުތުރުއަޅާ އަޑަކުން ބުންޏެވެ. އޭނާގެ ދެލޯ ވަނީ މަރައިލެވިފައެވެ.
"ދަރިފުޅު.......ހިތްވަރުކުރޭ......." މެތިއު މޭރީގެ ކޮނޑުގައި ހިފަހައްޓައިގެން އޭނާ ގޮވައިގެން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. "އަހަރެމެންނަށް މުސްލިމުންގެ ކިއްލާއާ ހަމައަށް ދެވޭނެ.... ތާރިގު އަހަރެމެން ސަލާމަތްކުރާނެ."
ކިއްލާއާ ކައިރީގައިވާ ވެލިފަރުބަދައާއި ހަމަޔަށް ދެވުނުއިރު މޭރީގެ ޚަބަރު ހުސްވެ މެތިއުގެ އަތްމައްޗަށް ވެއްޓުނެވެ.
"މޭރީ ދަރިފުޅު ކިހިނެއްވެފައި ތިއޮތީ؟" މެތިއު މޭރީގެ މޫނުގައި މަޑުމަޑުން ތަޅާލިއެވެ. ނަމަވެސް މޭރީގެ ދެލޯ އޮތީ މެރިފައެވެ. މޫނުމަތިން ވަނީ ލޭގެ ކުލަ އޮއްސިފައެވެ.
އެވަގުތު ދުރުން އަސްތަކުގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ.
ކިއްލާގެ ރައްކާތެރިކަން ބަލަހައްޓަން ނުކުމެ އުޅުނު ރަސްގެފާނު ގާޒީގެ ޚާއްސަ ސިފައިންގެ ލަޝްކަރަކަށް ވެލިގަނޑު މަތީގައި ވެއްޓިފައި ތިބި މެތިއު އާއި މޭރީ ފެނުނެވެ. ސިފައިންގެ ވެރިޔާ އޭނާގެ އަސް މަޑުކޮށްލުމަށްފަހު ތޫނު ކަނޑި ދަމައިގަތެވެ.
"ކާކު ތިއީ؟" ސިފައިންގެ ވެރިޔާ އަރަބި ބަހުން ހަޅޭއްލަވައިގަތެވެ.
މެތިއު ބިރުން ގޮސް، ކަކޫޖައްސައި އޭނާގެ ދެއަތް އުފުލާލިއެވެ. "އަޅުގަނޑުމެންނަށް އެހީވެދެއްވާ....މިއީ ދުޝްމަނުންނެއް ނޫން....އަޅުގަނޑުގެ ދަރިފުޅު މިއޮތީ މަރުގެ ތުންފަތްމަތީގައި.....އެހީވެދެއްވާ...."
ސިފައިންގެ ވެރިޔާ އަހުން ފައިބައި މޭރީގެ ހާލަތަށް ބަލައިލިއެވެ. މޭރީގެ ގަދަޔަށް ހުންއައިސް ރަތްވެފައިވާ މޫނާއި އެމީހުންގެ ހާލަތު ފެނި ސިފައިންގެ ވެރިޔާގެ ހިތުގައި ރަހުމް އުފެދުނެވެ. އިސްލާމީ އުޞޫލުތަކުގައިވާ ގޮތުން، އެހީއަށް އެދިގެން އަންނަ ނިކަމެތިންނަށް އަނިޔާކުރުމަކީ ހުއްދަކަމެއްނޫނެވެ.
"އަވަހަށް އެމީހުން އަހަށް އަރުވާ....." ސިފައިންގެ ވެރިޔާ އަމުރުކުރިއެވެ. "އަހަރެމެންގެ ރަސްގެފާނު ޣާޒީގެ ކިއްލާއަށް ގެންދޭ....އެ އަންހެންކުއްޖާއަށް އަވަސް ބޭސްފަރުވާ ބޭނުންވޭ...."
ސިފައިން މެތިއު އާއި މޭރީ ގޮވައިގެން މުސްލިމުންގެ ބޮޑު ކިއްލާއަށް އައެވެ. ކިއްލާގެ ތެރެއަކީ ރައްކާތެރި ބޮޑު ޝަހަރެއްފަދަ ތަނެކެވެ.
މޭރީ އަވަހަށް ގަނޑުވަރުގެ ބޭސްވެރިންގެ ކައިރިއަށް ގެންދެވުނެވެ. ބޭސްވެރިން މޭރީއަށް ޚާއްޞަ ފަތްޕިލާވެލީގެ ބޭސްދީ އޭނާގެ ހުން ތިރިކުރުމުގެ މަސައްކަތް ފެށިއެވެ. މެތިއު އިނީ މޭރީގެ އެނދު ކައިރީގައި ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެންނެވެ.
މޭރީގެ ހުން މަަޑުވިތަނާގެން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެވަޑައިގަތީ މޫނުމަތިން އަލިކަން ފާޅުވާ ހައިބަވަންތަކަން ހުރި ރަސްގެފާނު ގާޒީއެވެ. އެމަނިކުފާނުގެ ފަހަތްޕުޅުގައި ސިފައިންގެ ވެރިޔާ ހުއްޓެވެ.
"މި އަންހެންކުއްޖާގެ ހާލަކީ ކޮބާ؟" ރަސްގެފާނު އޯގާތެރި އަޑުފުޅަކުން ބޭސްވެރިޔާއާއި ސުވާލުކުރެއްވިއެވެ.
"މާތް ސާހިބާ......މި އަންހެންކުއްޖާ ވަރަށް ބަލި... ނަމަވެސް ވަގުތުން ބޭސްދެވިއްޖެ. އިރާދަކުރެއްވިއްޔާ އޭނާ ސަލާމަތްވާނެ...." ބޭސްވެރިޔާ ދެންނެވިއެވެ.
ރަސްގެފާނު މެތިއުއާ ދިމާލަށް ފިޔަވަޅެއް އަޅުއްވާލެއްވިއެވެ. މެތިއު އަވަސްއަވަހަށް ކޮޅަށް ތެދުުވުނީ އަދަބުވެރިކަމާއެކުގައެވެ.
"ތިޔައީ ކާކު؟ އަދި އަހަރެމެންގެ ބިމަށް ތިއައީ ކޮން ބޭނުމަކު؟" ރަސްގެފާނު ސުވާލުކުރެއްވިއެވެ.
މެތިއު ރޮވިފައިވާ އަޑަކުން ކިޔައިދިނެވެ. "އަޅުގަނޑުމެންގެ އަވަށަށް ހަތިޔާރު އެޅި ސިފައިން ހަމަލާދީ. މުޅި ތަން އެންދީ...... އަޅުގަނޑުގެ ދަރިފުޅު ތާރިގު...... އޭނާއަކީ ތިޔަބޭފުޅުންގެ ސިފައިންގެ ވެރިއެއް........އަޅުގަނޑު މިއައީ ތާރިގު ހޯދަން...."
ރަސްގެފާނުގެ މޫނުފުޅުމަތިން ޙައިރާންކަން ފާޅުވިއެވެ."ތާރިގު......."
"ލައްބަ........" މެތިއު ބުންޏެވެ. "އޭނާއަކީ އަޅުގަނޑުގެ ދަރިއެއް..އެކުއްޖާގެ މަންމައަކީ މުސްލިމެއް..."
ރަސްގެފާނު ގާޒީގެ ހިތްޕުޅުގައި މެތިއުއާއި މޭރީއަށް އޮތް ގަދަރާއި އިހުތިރާމް އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. ތާރިގުއަކީ އެމަނިކުފާނު އެންމެ އިތުބާރުކުރާ ހަނގުރާމަވެރިޔާއެވެ. ތާރިގުގެ ދެއްކުންތެރިކަމެއް ނެތް ހެޔޮލަފާ ބައްޕައަށް އެހީތެރިވުމަކީ އެމަނިކުފާނުގެ ވާޖިބެއްކަމަށް ރަސްގެފާނު ގަބޫލުފުޅުކުރެއްވިއެވެ.
"ހިތްހަމަޖައްސާލައިގެން ތިއްބަވާ.........." ކިންގް ޣާޒީ މެތިއުގެ ކޮނޑުގައި އަތްޖައްސަވާލެއްވިއެވެ. "ތިޔައީ އަޅުގަނޑުމެންގެ އެންމެ ބާރުގަދަ ހަނގުރާމަވެރިޔާ ތާރިކުގެ ބައްޕާފުޅާއި ކޮއްކޮ...... މި ކިއްލާގައި ތިޔަބޭފުޅުންނަށް ފުރިހަމަ ހިމާޔަތާއި އެންމެ ރަނގަޅު ފަރުވާ ލިބޭނެ....."
ނުނިމޭ