"މާފުކުރުމާއި މާފަށް އެދުމުގައި އިސް ނެގުމަކީ ނިކަމެތިވުމެއް ނޫނެވެ."
***
ފުރަތަމަ އައި ވެއިޓަރު ހިނިތުންވެލަމުން ބުންޏެވެ. "މިސްޓަރ ހަދީދު އެދިވަޑައިގެންނެވީ ތިޔަ ކަނބަލުން ބޭނުންވާ ކޮންމެ އެއްޗެއް ދިނުމަށް."
ރަފާގެ އަނގަ ހުޅުވުނުގޮތަށް ލައްޕައިލަން ނޭގުނެވެ.
މިލްހާއާއި ރަފާ އެކަކު އަނެކަކަށް ބަލައިލިއެވެ.
***
މިލްހާ ގެއަށް ވަދެގެން އައިއިރު މަންމަ ފާތިމާ ހުރީ ކެތްމަދުވެފައި އިންތިޒާރުގައެވެ. ކުޑަ ފެންޑާގައި ކުރުކާލިކަނޑަން ހުރެފައި އެކުދިން އަންނަތަން ފެނުމުން ހިތުގައިވީ ހުރިހާ ނުތަނަވަސްކަމެއް ފިލާ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. ފިޔާތޮށިކުލައިގެ ނުގުޅޭ ބުރުގާ އަޅައިގެން އަމިއްލަ ޢިއްޒަތް ގުރުބާންކުރުމަށްފަހު އޭގައިވާ އެއްޗެއް އެނގުމުގެ ޙައްޤު ލިބިފައިވާކަމަށް ބުނެ ރަފާވެސް އެމީހުންނާއެކު ގެއަށް އައީ ނިކަން ޝައުގުވެރިވެފައެވެ.
ރަފާގެ ރޭވުންތަކުގެ ވާހަކައާއި މަހުރަމެއްގެ ގޮތުގައި ހުންނަންޖެހޭ ހާރިސް އެތަނުގައި ނެތް ވާހަކަ ފިޔަވައި ކަންތައް ހިނގާދިޔަގޮތް މިލްހާ ކުރުގޮތަކަށް ކިޔައިދިނެވެ.
"އެކުއްޖާ ދިނީ ކޯއްޗެއް؟ މިއީ ކޯނޗެއް އަނެއްކާ؟" ފާތިމާ ސިޓީއުރައަށް ބަލައިލަމުން ސުވާލުކުރިއެވެ.
މިލްހާ ސިޓީއުރައަށް ނަޒަރު ހުއްޓައިލުމަށްފަހު މޭޒުމަތީގައި ބޭއްވިއެވެ. "އެއްގޮތަކަށްވެސް ނޭގޭ...."
"ބަނޑުފުރިގެން އަރާވަރަށް ކާންދިން..މީގައި އޮންނާނީ ޑައިމަންޑް އަނގޮޓިއެއްކަން ނޭގޭ........"ރަފާ އެސްފިޔަ އަވަސްއަވަހަށް ޖަހައިލިއެވެ. އޭނަގެ ޚިޔާލީފޮލާގައި ކައިވެނީގެ ރަސްމިއްޔާތުވެސް ބާއްވައިފިއެވެ.
ހާރިސް ހުރީ މިލްހާގެ ކޮނޑުމަތިން ބަލަހައްޓައިގެންނެވެ. "އަވަހަށް ދެން ހުޅުވަބަލަ......."
މިލްހާ ލޯ ކުޑަކޮށްލިއެވެ." ކީއްވެ އާދަޔާ ޚިލާފަށް އުފާވެފައި؟"
"ސަބަބަކީ މިއީ އަހަރެންގެ މުސްތަޤުބަލާއިވެސް ގުޅިފައިވާކަމަކަށް ވާތީ............" ހާރިސް ގެ އަޑުގައިވީ ޔަގީންކަމެކެވެ. "ދޮންތަ އޭނާއާ ކައިވެނިކޮށްފިނަމަ ވަޒީފާ އަލުން ލިބިދާނެ. އަލުން ސަސްޕެންޝަނަކާއި ކުރިމަތިލަން ނުޖެހިދާނެ.. އަބަދުގެ އަބަދަށްޓަކާ އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ..."
"އަހަރެން އުފަލުންގޮސް ހިތް ހުއްޓި މަރުވުމުގެ ކުރިން ތި ހުޅުވައިލާފައި ދައްކަބަލަ.....އިނގިރޭސި ޑޮލަރުކަމަށް ވެދާނެ..ހާދަ ގިނަހެން ހީވެއޭ........." ރަފާގެ އަޑު އެހެން ދުވަހަށްވުރެ ތޫނުވެފައި އަވަސްކަމެއް ހުއްޓެވެ.
"އިނގިރޭސިން ގެންގުޅެނީ ޕައުންޑް..."ހާރިސް އަނގަޔަށް ގޮތެއް ހަދައިލިއެވެ.
މިލްހާ ހިނިގަނޑު ފޮރުވަން މަސައްކަތްކުރަމުން ސިޓީއުރަ ކަނޑައިލީ ފަސޭހަކަމާއެކުގައެވެ. އޭގައި ހުރީ ތަރުތީބުން އަތުރާފައިވާ ކަރުދާސްތަކެކެވެ.
އެންމެ ކުރީގެ ސަފުޙާތަކުގައިވަނީ ހަދީދު ޢާއިލާގެ ވިޔަފާރިތަކާ ބެހޭ މަޢުލޫމާތެވެ. މިލްހާ މަޑުމަޑުން އެ ސަފުހާތައް އެއްލަމުން ދިޔައެވެ. އެތާ ހުރީ މިލްކުވެރިކަމާއި ކުންފުނިތަކާއި އިންވެސްޓްމަންޓްތަކާއި ހޮސްޕިޓަލިޓީ ވިޔަފާރިތަކާއި އަދި ކުރިން ދުވަހަކުވެސް އަޑުއަހާފައިނުވާ އެކި ޖަމުއިއްޔާތަކެވެ.
ހާރިސް ހައިރާންވެ ތަލިން ކުޅުހިކިފައި އިންދާ މިލްހާ އަނގަ ލައްޕުވައިލިއެވެ. "ކުރަތްޕެއް ވަދެދާނެ....."
"މި މީހުންގެ މުއްސަދިކަން ހޯދީ ކިހިނެއްތަ؟ އަހަންނަށް ގަބޫލެއްނުކުރެވޭ.. އަހަރެންގެ ބައްޕަމެން އެވަރަށް ދާއޮހޮރުވާ ވެހޭ ވާރެއާއި ދަކަ އަވީގައި ބުރަ މަސައްކަތްކޮށްގެން ކިރިޔާ ދިރިއުޅެވޭވަރަށް ފައިސާކޮޅެއް ލިބެނީ...." ރަފާ ތުންފިތައިލިއެވެ."އެކަމަކު ރިޒުގު ބައްސަވަނީ ﷲ ތައާލާ....އެކި މީހުންނަށް އެކިވަރަށް ދެއްވަނީ.އެކި މީހުންނަށް އެކި އިމްތިހާންތައް ދިމާވާނީ. އަހަރެން އަދި ހުވަފެނެއްގައިވެސް ޑޮލަރެއް ނުދެކެން..މިލްހާގެ ސަބަބުން ފެނިއްޖެއްޔާ ރަގަޅު....."
"ރަފާ..ތިވަރަށް ނުވިސްނާ.....އަހަރެން މުއްސަދިވެއްޖެއްޔާ ހަމަ ރަފާވާނީ މަގޭ ވިޔަފާރި ޕާޓްނަރއަށް..............."މިލްހާ ރަފާގެ ކަނދުރާގައި އަތް އަޅުވައިލަމުން ހިނިތުންވެލިއެވެ.
ކަރުދާސްތަކުގައިވާ މަޢުލޫމާތުތަކުގައި ބޮޑާކަމުގެ ކުލަވަރެއްނެތެވެ. އަގުބޮޑު ކާރުތަކުގެ ފޮޓޯއެއް ނުވަތަ މުއްސަނދި ހަޔާތެއްގެ ސިފަކުރުމެއް ނެތެވެ. ހުރިހާ އެއްޗެއްގެ ތަފްސީލް ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުންފުނީގެ ނަންތަކާއި ތަންތަނާއި ތާރީޚުތަކެވެ. ޢާއިލާގެ ވިޔަފާރީގެ ކޮންމެ ބަޔަކަށް ޒިންމާވާ މީހުންގެ ނަންތަކެވެ. ވިޔަފާރި އެއްވެސް ވަރަކަށް ނުދަންނަ މީހަކު އެކިޔާފައި ފޫހިވެ ނިދިގެން ވެއްޓިދާނެއެވެ. މިލްހާއަށް ވެސް ވީ އެވަރެވެ. އޭނަ މަތިމަތިން ބަލައިލަމުން އާފުރުނެވެ.
މިލްހާ އިތުރަށް ބަލާހިތްނުވެ ހުއްޓާ އަނެއް ސަފުހާއަށް ނަޒަރު ހުއްޓުމާއެކު އެއީ ޕްރިންޓްކޮށްފައިވާ ލިޔުމެއް ނޫންކަން އެނގުނެވެ. އެއީ އަތުލިޔުމެކެވެ. ސިޓީ ކުޑައެވެ. އޭނަގެ ނަން ފެނުމާއެކު ހިތް ތެޅިގަންނަގޮތްވިއެވެ. އެ ފަށާފައިވަނީވެސް މާބޮޑު މަރުޙަބާ ކިޔުމެއް ނެތިއެވެ. އޭނާއަށް ތަޢުރީފުކުރުމެއް ނެތި މަދު ލަފުޒުތަކެކެވެ.
"މިލްހާ، މި ހުށަހެޅުމަށް އިންކާރުކުރުމުގެ އިޚުތިޔާރު ކުރިންވެސް ވާނީ ދީފައެވެ. މި ކަރުދާސްތަކުގައިވާ އެއްވެސް އެއްޗަކުން އެކަން ބަދަލެއް ނުކުރާނެވެ. އަހަރެން މި މަޢުލޫމާތުތައް ހިމެނީ އެހާ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ތިމާ ވަންނަން މިއުޅެނީ ކޮންކަމަކަށްކަން އެނގެންޖެހޭނެ ކަމަށް ޤަބޫލުކުރާތީއެވެ. މިލްހާ އެއްބަސްވާނަމަ އަހަރެމެން ދެން ބައްދަލުވާނީ ކައިވެނީގެ ދުވަހުގައެވެ. އަހަރެމެންގެ ޢާއިލާތަކާއެކުގައެވެ. މިލްހާ އިންކާރުކުރާނަމަ އެ ނިންމުމަށް އަހަރެން އިހުތިރާމްކުރާނަމެވެ. ކޮންމެ ގޮތަކަށް ނިންމިޔަސް ﷲތައާލާ ހުރިހާކަމެއް ފަސޭހަކޮށްދެއްވާށި..." ސިފްރާން ހަދީދު
މިލްހާ އެ ސިޓީ ދެ ފަހަރަށް ކިޔައިލިއެވެ. ރަފާ އިތުރަށް ގާތަށް ޖެހިލިއެވެ. "އެނިމުނީ؟"
މިލްހާ ބޯޖަހައިލިއެވެ. "އެނިމުނީ...."
ރަފާގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. އެ ސިޓީ ލިޔެފައިވަނީ އޭނައަށް ކަމުދާގޮތަކަށް ނޫނެވެ. ވަރަށް އާދައިގެއެވެ. ލޯބީގެ އެންމެ ލަފުޒެއްވެސް ނެތެވެ.
މިލްހާގެ ހިތަށް ކުރީ ތަފާތު އިހުސާސްއެކެވެ. މިއީ އޭނައަށްޓަކާ އެންމެ ފުރިހަމަ ސިޓީއެވެ. އަތުލިޔުން ހުރީ ވަރަށް ރީތިކޮށް އަދި ފުރިހަމަކޮށެވެ. ފިރިހެނަކަށް އެހާ ރީތިކޮށް ލިޔެވުނީ ކިހިނެއް ހެއްޔެވެ؟ ހާރިސް އަދިވެސް ލިޔަނީ ގްރޭޑް އެކެއްގައި އުޅޭ ކުއްޖަކު ލިޔާ ކަހަލަ ގޮތަކަށެވެ.
މިލްހާ ސިޓީ ވަރަށް ފަރުވާތެރިކަމާއެކު ހުޅުވާލާފައި މޭޒުމަތީގައި ބާއްވަމުން ވިސްނައިލިއެވެ. އޭނައަށް މި ސިޓީ ކަމުދިޔައެވެ. ސިފްރާންއަށް އިތުބާރުކުރާކަށް އެދިފައެއްނެތެވެ. އެއްވެސް ކަހަލަ އާދޭހެެއްނެތެވެ. ބަޔާންކޮށްފައިވަނީ ހަޤީގަތެވެ.
ހާރިސް ދެން އޮތް ލިޔުމާ ދިމާލަށް އަތް ދިއްކޮށްލިއެވެ. "މިއީ ކޯޗެއް؟"
މިލްހާ އޭނާ އަތުން އެ އަތުލިއެވެ. އެއާއެކު ދެލޯ ބޮޑުވެ ހަތަރެސްފައި ފިނިވެލިއެވެ.
"ޢަސްތަޣުފިރުﷲ.....ބިރުވެސް ގަނެއްޖެ...."
"ކީއްވެ؟" ރަފާވެސް ކައިރިއަށް ޖެހިލާފައި ބަލައިލުމާއެކު ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އަދި ތޫނުއަޑަކުން ހަޅޭއްލަވައިގަތުމުން ހާރިސްއަށް ކަންފަތުގައި އަތް އެޅުނެވެ. ކަންފަތު ތޫރި ފަޅައިގެންނުދާ ކަމެއްވެސް ނޭގެއެވެ. އޭނަގެ ގާތުން ދުނިޔެއިން އެންމެ ފޫހިވާ އެއްޗަކީ ސުވާލުކުރެވިއްޖެއްޔާ ޖަވާބުއޮތީ ތައްޔާރަށެވެ. ރަފާގެ އަޑެވެ.
މިލްހާ އެސްފިޔަޖަހާނުލާ ބަލަން ހުރީ ކައިވެނީގެ ފޯމާއި ދިމާލަށެވެ. މުޅިން ފުރިހަމަކޮށްފައެއް ނުވެއެވެ. ފުރާފައިވަނީ ފިރިހެން މީހާގެ މަޢުލޫމާތުގެ ބަޔެވެ. ސިފްރާން ހަދީދުގެ ނަމާއި ދިމާލަށް ބަލަން އިރުކޮޅަކަށް އިނދެވުނެވެ. އަންހެން މީހާއަށް ޚާއްސަބައި އޮތީ މުޅިން ހުހަށެވެ. އޭނާގެ ނަމާއި މަޢުލޫމާތާއި އެހެންބައިތައް އޮތީ އޭނާގެ އިންތިޒާރުގައެވެ. އޭނާގެ އިނގިލިތައް ހުސްކޮށް އޮތް ބައިގެ މަތިން ހަރަކާތްކޮށްލިއެވެ.
ރަފާ ސިޓީއުރައިން އެހެން އެއްޗެއް ނެގިއެވެ. "މިލްހާ.ބަލާލަބަލަ....."
އޭނާ ކުޑަ ކާޑުތަކެއް އުފުލައިލިއެވެ. އޭގައި މަދުވެގެން ވިއްސަކަށް ކާޑު ވިއެވެ. ކްރީމް ކުލައިގެ ކަރުދާހެވެ. ބޯ ކަރުދާހުގައި ފަރުމާކޮށްފައިވާލެއް ނިކަން ހިތްގައިމެވެ. ކޮންމެ ކާޑެއްވެސް އޮތީ އަތުލިޔުމުން ލިޔެފައެވެ. ބަސްމަގު ހުރީ ރަސްމީކޮށް އަދި ފުރިހަމަކޮށް ދެ ޢާއިލާގެ ނަމާއި ކައިވެނީގެ ރަސްމިއްޔާތު ބާއްވާ ތަނެއް ލިޔާނެ ޖާގައާއެކުގައެވެ. ނަމަވެސް އަންހެން މީހާގެ ނަން ޖަހަންޖެހޭ ތަނުގައި އޮތީ ހުސް ރޮނގެކެވެ.
ރަފާ އެކާޑުތަކަށް ބަލަހައްޓައިގެން އިނެވެ.
"އެމީހުން އެބައި ހުސްކޮށް ބޭއްވީ." މިލްހާ މަޑުމަޑުން ބޯޖަހައިލިއެވެ.
"އެއީ މިލްހާ ގޮތެއް ނިންމަންދެން....." ރަފާ އަނެއްކާވެސް ކާޑުތަކަށް ބަލައިލިއެވެ. ދަޢުވަތުގެ ވިހި ކާޑެވެ. ނަމެއްގެ އިންތިޒާރުގައި އޮތް ކަރުދާސްކޮޅެވެ.
މިލްހާގެ ނަން ޕްރިންޓްނުކުރީ އެއްބަސްވާނެކަމަށް ލަފާނުކުރެވޭތީއެވެ. އޭނަ ކާޑުތައް މޭޒުމަތީގައި ވަރަށް ފަރުވާތެރިކަމާއެކު ބަރިއަކަށް ބެހެއްޓިއެވެ. ހެނދުނު އޭނާ މާލެއަށް ދިޔައީ ދެކޮޅުހަދާނެ ކޮންމެވެސް ބަހަނާއެއް ގަދަކަމުން ނަމަވެސް ހޯދުމުގެ ނިޔަތުގައެވެ. މިހާރު އޭނަގެ ޚިޔާލު ދެކޮޅަށް ފިރުކެނީއެވެ. އޭނާގެ ނަން އެތާ ލިޔަންވީކަމެއް ނޫނީ ނޫންކަން ނިންމުމަށް އިންތިޒާރުކުރާ ހުސްޖާގައެއް އެބައޮތެވެ. ކޮންމެވެސް ސަބަބަކާއިހެދި އެ ނިންމުން އެހާ އުނދަގޫ ކަމަކަށް ނުފެނުނެވެ.
***
އެރޭ ތަންކޮޅެއް ދަންވިފަހުން މިލްހާއާއި މަންމަ ތިބީ ކޮޓަރިތެރޭގައެވެ. ބޯވާރޭގެ ތިކިތައް ފުރާޅުގައި ޖެހޭ އަޑުން ގޭގެ ހިމޭންކަން މުގުރާލާފައިވިއެވެ. ރަފާ އެގެއިން ދިޔައީ ދާހިތަކުން ނޫނެވެ. މިލްހާ ގޮތެއް ނިންމުމާއެކު ސިކުންތުކޮޅެއްވެސް ލަސްނުކޮށް އަންގާނެކަމަށް ތިންފަހަރު ވައުދުކުރަން ޖެހުނެވެ. ހާރިސްވެސް ފޯނު ހިފައިގެން "ސްކޮޓްލޭންޑް"ގެ މައުލޫމާތުތަކާއި ވީޑިއޯތައް ބަލަން ސޯފާގައި އޮތްވާ ފުން ނިންޖަކަށް ގެނބުނީއެވެ.
"މިލްހާ....ކޮން ގޮތެއް ނިންމަނީ ؟ހާރިސްއާއިމެދުވެސް ވިސްނަންވާނެހެން މަންމައަށް ހީވަނީ......އެކަމަކުވެސް މިލްހާ ދުރަށް ފޮނުވަން މަންމަވެސް ބޭނުމެއްނޫން....ބޭނުންގޮތެއް ނިންމަންވާނީ ހުރިހާ ގޮތަކަށް ވިސްނާފައި..."
"އާނ މަންމާ...އެއްބަސްވާން ހިތަށް އަރަނީ.."
"އެއީ ކީއްވެ؟"
"ސިފްރާން ބަލާބެލުމަށް ރަގަޅު...ޒުވާން އެކަމަކު ބުއްދިވެރިކަމުން ސިކުނޑިއަށް ސަތޭކަ އަހަރުދޭވަރު ވޭ........"މިލްހާ ކަންބޮޑުވެފައި އިނދެވެސް ހީލިއެވެ.
"ޢެންމެ ބައްދަލުވުމަކުން އެކަމެއް ނޭގޭނެ...ފޮތެއްގެ ބަނޑޭރިގަނޑަށް ބަލާފައިވެސް ގޮތެއް ނުނިންމާށޭ ބުނާ އުސޫލުން.......މަންމައަށްވެސް މިއަދު އޭނައާއި ބައްދަލުކުރަން ދެވުނުނަމަ..."މަންމަގެގެ ލޮލުން ނުތަނަވަސްކަން ފެނިލިއެވެ.
"މަންމާ.... އަހަރެންނަށް އިތުބާރުކުރޭ. ރާއްޖޭގެ އެއްވެސް ތަނަކުން މިއަށްވުރެ ރީތި ފިރިހެނެއް އަހަރެން ނުދެކެން." މިލްހާ ރަކިހިނިގަނޑެއް ޖަހައިލަމުން އިސްތަށިގަނޑާއި ކުޅެންފެށިއެވެ. އެއާއެކު ސިއްސައިގެން ދިޔައީ މަންމަ އޭނަގެ އަތުގެ ހިކަނދިމަސްގަނޑުގައި ބޮނޑިއެއް އެޅުމުންނެވެ. އެންމެ ފަހަރަކު ފިރިހެނަކު ފެނުމުން އޭނާގެ އަންހެން ދަރިފުޅަށް މިހާ ބޮޑު ބަދަލެއް އައުމަކީ ގަބޫލުކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެ ފިރިހެން މީހާ ހަމަކަށަވަރުންވެސް އޭނާގެ ދަރިފުޅަށް އެ ލޮލުގެ ބާރުގައި ގޮތެއް ހަދައިލީއެވެ. ނޫނީ އެމީހުން ސިހުރުހާހޫރަ ހެދީހެއްޔެވެ؟ ފާތިމަ ބޭނުންވީ އެކަހަލަ ކޫސަނި ޚިޔާލުތައް ބޮލުން ނެރެލުމަށެވެ.
"އެހެންވީމާ އެއްވެސް ކަމެއް ނިންމުމުގެ ކުރިން މަންމަ ބޭނުންވަނީ މިލްހާ ބައެއް ކަންތައްތައް ހަނދާނުގައި ބެހެއްޓުން....."ފާތިމާ އޭނަގެ ބުރަކަށީގައި ފިރުމައުލިއެވެ.
"އިސްލާމްދީނުގައި ކައިވެންޏަކީ އަމާނާތެއް. އެއީ ދެމީހުންގެ މެދުގައި ﷲތައާލާ ލައްވާފައިވާ ޒިންމާއެއް. މިލްހާއަށް ޙައްޤުތަކެއް ލިބިގެންދާނެ... އަދި އޭނާއަށްވެސް ޙައްޤުތަކެއް ލިބިގެންދާނެ. ދަރިފުޅަށްވެސް މަސްއޫލިއްޔަތުތަކެއް އޮންނާނެ... އަދި އޭނާއަށްވެސް މަސްއޫލިއްޔަތުތަކެއް އޮންނާނެ."
"އަހަންނަށް އެނގޭ މަންމާ..."
"ކައިވެނީގެ ދިރިއުޅުމުގައި އިންތިހާއަށް ކެތްތެރިވާންޖެހޭނެ. އަދި އަނެކަކާގެ އިހުސާސްތައް ދަންނަން ޖެހޭ.... އެހެންވެގެން މަންމައާއި ބައްޕައަށް ކައިވެނިކޮށްގެން ތިރީސް އަހަރު އެކީގައި ހޭދަކުރެވުނީ އަލްޙަމްދުލިﷲ..... އެކަކު އަނެކަކު ރަނގަޅަށް ދެނެގަނެފިނަމަ ކަންކަން ފަސޭހަވެގެންދާނެ. ކޮންމެ އަންހެނަކަށް ދަރިފުޅުގެ ބައްޕައާއެކު ނޫޅެވިދާނެ، ބައްޕަގެ މިޒާޖު ހުންނަގޮތް މިލްހާއަށް އެނގޭނެދޯ... ބައެއްފަހަރަށް މާބޮޑަށް މަޑުމައިތިރިވެފައި މާބޮޑަށް އެކަހެރިވެ ބަސްމަދުވެފައި ހުންނާނެ، ނަމަވެސް ބައްޕަގެ ސިކުނޑީގައި ހިނގާ ކޮންމެކަމެއް އަންދާޒާކުރަން މަންމައަށް ވަރަށް ފަސޭހަ."މަންމަ ހިނިތުންވެލިއެވެ.
މިލްހާ ވަގުތުން އެކަމާއި އެއްބަސްވިއެވެ.
"ކައިވެންޏަކީ ދެ މީހުން ފުރިހަމަވެގެން ފުރިހަމަ ގޮތުގައި އެކުގައި އުޅުމެއް ނޫން........ އެއީ އެކީފައި ދެމަފިރިން އުޅެން ދަސްކުރުން...ޚިޔާލު ތަފާތުވުންތަކާއެކީގައިވެސް ބައެއްފަހަރު ދޫދީގެން އުޅުން...... އަދި ދެމީހުންނަކީވެސް ﷲ އަށް ބިރުވެތިވާ ތަޤުވާވެރި ބަޔަކު ކަމުގައިވާނަމަ އިން ޝާ ﷲ ކޮންމެ މައްސަލައެއްވެސް ފަސޭހަވެގެންދާނެ."
މަންމަ އޭނަގެ އަތުގައި ހިފައި ފިތައިލިއެވެ.
"ކަންކަން ދަތިވާ ހިނދު ﷲތައާލާ ހަނދާން ނައްތާނުލާތި......"
މިލްހާ ކުޑައިރުކޮޅަކު އެއްޗެއް ނުބުނެ ކަކުލުގައި ދަތްދޮޅި ވިއްދާލައިގެން އިނެވެ. "މަންމަ އަށް ފެންނަނީ އަހަރެން އެއްބަސްވާންތަ؟"
އުމުރުން ދުވަސްވަމުންދާ މަންމަ ދޫކޮށްފައި ދާންޖެހިދާނެކަމުގެ ޚިޔާލުން އޭނާގެ ހިތަށް ތަދުވިއެވެ.
މަންމަ ހިނިތުންވެލުމުގައި ވީ އޯގާތެރިކަމާއި ކުލުނެވެ.
"މަންމަ ދެކޭގޮތުގައި މިލްހާ އިސްތިޚާރާ ނަމާދުކޮށްފައި ﷲ ގެ ޙަޟްރަތުން މަގުދެއްކެވުމަށް އެދެންވީ...... ކައިވެންޏަކީ މިލްހާ އުފަންވީއްސުރެ މަންމަ ދުޢާކުރަމުން އައި ކަމެއް. މަންމަ ބޭނުންވީ ދަރިފުޅު ބޮޑުވެގެން ސާލިޙު ފިރިއަކާއިއެކު ރީތި ޢާއިލާއެއް ލިބުމަށް... އަދި މަންމައަށް ހީވަނީ މިހާރު އެ ވަގުތު އައިސްޖެހިއްޖެހެން....."
"އިސްތިޚާރާ ކޮށްފައި އެއްވެސް އިހުސާސެއް ނުކުރެވުނުނަމަ ކިހިނެއްހަދާނީ؟"
"އިސްތިޚާރާއަކީ ހުވަފެނެއް ފެނުމުގެ އިންތިޒާރުކުރުމެއް ނޫނީ ކަންތައްކުރަންވީގޮތް ކިޔައިދޭ ކަހަލަ ކުއްލި އިޙުސާސެއް އައުމެއް ނޫން. މިލްހާއަށް އެންމެ ރަނގަޅު ގޮތަކަށް މަގުދައްކަވައި، ގެއްލުންހުރި ކަންކަމުން ދުރުކޮށްދެއްވުމަށް އެދި ﷲ އަށް ދުޢާކުރަންވީ...ﷲ އަށް އިތުބާރުކޮށް ނިންމުމެއް ނިންމަންވީ..... އަދި ނަތީޖާއާ މެދު އެފަރާތަށް ވަކީލުކުރަންވީ....ދެން ނަމާދުކޮށް ހަދާލައިގެން ނިދާލާ............"
"އިސްތިޚާރާ ނަމާދުކުރަންވީކަން ނޭގޭ....." މިލްހާގެ ލޮލުގައި އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ.
ހެނދުނު އޭނާ އޭނާގެ އެންމެ ލޯބިވާ ގަލަމުން ފޯމު ފަރުވާތެރިކޮށް ފުރިހަމަކުރިއެވެ. މިލްހާ ޙަސަންގެ ނަމުގެ ކައިރީގައި ސިފްރާން ހަދީދުގެ އަތުލިޔުމުން ލިޔެފައިވިއެވެ.
***
ހަސަނާއި އިކްރާމާ ދެމެދު ފޯނު ކޯލްތަކެއް ބަދަލުކުރެވުނެވެ. ތާރީޚުތަކާއި އިންތިޒާމުތަކާއި ހެކިންނާއި ދަތުރުފަތުރާއި އަދި އެނޫންވެސް އެންމެހައި ކަންކަމާ ބެހޭގޮތުން ސުވާލުކުރެވެމުންދިޔައެވެ.
މިލްހާ ހީކޮށްގެން ހުރީ ވަގުތު ލިބޭނެ ކަމަށެވެ. ތައްޔާރުވާން ފުދޭވަރަކަށް ވަގުތު އޮންނާނެކަމުގައެވެ. ރަނގަޅު ކައިވެނީގެ ހެދުމެއް ވެސް ފަހަން ޖެހޭނެއެވެ.ކޮންމެވެސް މީހެއްގެ އަނބިމީހާއަށް ވުމުގެ ޚިޔާލަށް އާދަވާން ވަގުތު ލިބޭނެ ކަމަށެވެ.
އޭގެ ބަދަލުގައި ސިފްރާން އަވަހަށް ސްކޮޓްލެންޑަށް އެނބުރިދާންޖެހޭ ކަމަށް އޭނާއަށް އެންގުނެވެ.
އަދި ޢާއިލާތަކުން ނިންމީ ކައިވެނި ފަސްކުރަންޖެހޭ އިތުރު ސަބަބެއް ނެތް ކަމަށެވެ.
ނުނިމޭ