އެމެރިކާއާއި އީރާނާ ދެމެދު 'ރަނގަޅު މަޝްވަރާތަކެއް' ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އެމެރިކާއާއި އީރާނާއި ދެމެދު ރަނގަޅު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާއާއި އީރާނާ ދެމެދު ރަނގަޅު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ނަމަވެސް މި މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އަލުން ހަމަލާތައް ފަށާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ފަސް މަސް ދުވަހުގެ ކުރިމަތިލުންތަކަކަށްފަހު، އެމެރިކާއިން ދެމުންދިޔަ ވައިގެ ހަމަލާތައް މިހާރު ވަނީ ކުއްލި ގޮތަކަށް ހުއްޓާލާފައެވެ. އީރާނުގެ ފަރާތުން ބުނެފައިވަނީ އެމެރިކާއިން ހަމަލާ ނުދޭހާ ހިނދަކު އީރާނުންވެސް ހަމަލާ ނުދޭނެ ކަމަށާއި، މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ މެދުވެރިންތަކެއް މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކެއް ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލާފައި އޮތް ނަމަވެސް، ކަނޑުގެ ސަރަހައްދުގައި އެމެރިކާއިން އުޅަނދުފަހަރަށް އިންޒާރުދީ، ގަވާއިދާ ޚިލާފަށް ބްލޮކޭޑެއް ހަދަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު އީރާނުގެ އަސްކަރިއްޔާއިން ވަނީ ކޮށްފައެވެ. މީގެ އިތުރުން، އީރާނުގެ ތާއީދު އޮންނަ ހަތިޔާރުއެޅި ޖަމާއަތަކުން އިރާގުން ފޮނުވި ޑްރޯންތަކެއް ސައުދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށާއި، އެކަމަށް ރައްދު ދިނުމުގެ ހައްގު ލިބިގެންވާކަމަށް ސައުދީން ވަނީ ބުނެފައެވެ. މި ހާދިސާތަކުގެ ސަބަބުން ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

  • އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އުއްމީދީ މަޝްވަރާތަކެއް މެދުވެރިންނާއެކު ކުރިއަށް އެބަދެއެވެ.
  • މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އެމެރިކާއިން އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
  • އެމެރިކާއިން ހަމަލާ ނުދޭނަމަ، އީރާނުންވެސް އިސްވެ ހަމަލާ ނުދޭނެކަމުގެ ޔަގީންކަން އީރާނުގެ އިސް އޮފިޝަލުން ދެއްވައެވެ.
  • އެމެރިކާއިން ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފު ބްލޮކޭޑެއް ތަންފީޒުކުރަން އުޅޭކަމަށް އީރާނުން ތުހުމަތުކުރެއެވެ.
  • އީރާނާ ގުޅުންހުރި ޖަމާއަތަކުން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާ ދީފައިވާކަމަށް ސައުދީން ބުނެފައިވެއެވެ.

އެމެރިކާއިން އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އެމެރިކާގެ ހަމަލާތައް އަލުން ފެށޭނެ ކަމުގެ އިންޒާރުވެސް ޓްރަމްްޕް ވަނީ ދެއްވާފައެވެ.

ފަސް މަސް ދުވަހުގެ ހަނގުރާމައަށްފަހު، ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން ވީ އެއްބަސްވުމާ ޚިލާފުވެ، އެެމެރިކާއިން އީރާނަށް މި މަހު ދޭން ފެށި ވައިގެ ހަމަލާތައް ހޮނިހިރު ދުވަހު ކުއްލިއަކަށް ވަނީ ހުއްޓާލާފައެވެ.

"އަޅުގަނޑުމެން މިދަނީ ރަނގަޅު ވާހަކަތަކެއް ދައްކަމުން. އަޅުގަނޑަށް ހީވަނީ ކަންތައްތައް ރަނގަޅުވުމުގެ ފުރުސަތު ބޮޑުހެން. އަދި އެކަން ވެއްޖެ ނަމަ ރަނގަޅު، ނުވެއްޖެ ނަމަ، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން ކަންތައްތައް ކުރަމުންދިޔަ ގޮތަށް ކުރާނަން." ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހޯމަ ދުވަހު ވިދާޅުވީ މެދުވެރިން މެދުވެރިކޮށް އަދިވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެއީ އީރާނުން އެދިގެން ކުރަމުންދާ މަޝްވަރާތަކެއް ނޫން ކަމަށެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދިއުން އީރާނުންވެސް ބޭނުންވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އީރާނުގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ރޮއިޓާސްއަށް ވިދާޅުވީ އެމެރިކާއިން ހަމަލާ ނުދޭހާ ހިނދަކު އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.

ހަމަލާތައް ހުއްޓާލި ނަމަވެސް އީރާނުގެ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތަކަށް އެެމެރިކާއިން އިންޒާރުދީ، ގަވާއިދާ ހިލާފަށް ކަނޑުގެ ބްލޮކޭޑެއް ތަންފީޒު ކުރަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އަސްކަރީ މަރުކަޒު ކޮމާންޑުން ވަނީ ތުހުމަތުކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ޕެޓްރޯލިއަމްގެ އަމާޒުތަކަށް ޑްރޯން ހަމަލާ ދީފައިވާ ކަމަށް ސައުދީންވެސް ވަނީ ބުނެފައެވެ. އެއީ އީރާނުގެ ތާއީދު އޮންނަ ހަތިޔާރުއެޅި ޖަމާއަތުން އީރާގުން ފޮނުވި ހަމަލާއެއް ކަމަށާއި އެކަމަށް ރައްދު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

comment ކޮމެންޓް