މިއަދަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުރީދޫ މޯލްޑިވްސްއަށް 21 އަހަރު ފުރޭ ދުވަހެވެ. ދެހާސް ފަސް ވަނަ އަހަރުގެ އޮގަސްޓު އެއް ވަނަ ދުވަހުގައި 'ވަތަނިއްޔާ' ގެ ނަމުގައި ރާއްޖޭގައި ޚިދުމަތް ދޭން ފެށި ކުންފުނި މިއަދު ވެފައިވަނީ ހަމައެކަނި މޯބައިލް ނެޓްވޯކެއް ފޯރުކޮށްދޭ ކުންފުންޏަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ކުންފުނި ވެފައިވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމާއި އިގުތިސާދީ ތަރައްގީގެ މުހިންމު ބައިވެރިއަކަށެވެ. ފާއިތުވި 21 އަހަރުގެ ތެރޭގައި އުރީދޫއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލަދީ، ގައުމީ ތަރައްގީގެ މަޝްރޫއުތަކުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. ކުންފުނީގެ އަމާޒަކީ ހަމައެކަނި ވިޔަފާރީގެ ފައިދާ ހޯދުމުގެ ބަދަލުގައި، ދިވެހި މުޖުތަމައުއަށް ދިގު ރާސްތާގައި ފައިދާކުރަނިވި ކަންތައްތަކެއް ކޮށްދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ މައިގަނޑު ފަލްސަފާއަކީ މުޖުތަމައުއަށް އިންވެސްޓްކުރުމެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، ކުރު މުއްދަތެއްގެ އެއްފަހަރާ ކޮށްލާ ކަންތައްތަކަށް ވުރެ ބޮޑަށް މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުއަށް ފައިދާކުރާނެ މަޝްރޫއުތަކެއް ހިންގުމެވެ. މިގޮތުން، އުރީދޫގެ ވިޔަފާރީގެ މޮޑެލްގެ ތެރޭގައި އިޖުތިމާއީ ޒިންމާ ވަނީ ވަރަށް ބޮޑަށް ހިމަނާފައެވެ. ތައުލީމާއި، ސިއްހަތާއި، ތިމާވެށީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމަކީ އެ ކުންފުނީގެ ސީއެސްއާރުގެ އެންމެ މުހިންމު ތަނބުތަކެވެ. އދ. ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އާ އެއްގޮތަށް އުރީދޫއިން ދަނީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އެޅުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް އުރީދޫއިން ހޮޓެލް ޖެންގައި ބެއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުންނާ ގުޅިގެން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަކީ މި ފަލްސަފާގެ ދަށުން ހިންގާފައިވާ ކަންކަމެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ވެބިނާތަކާއި، ވީޑިއޯތަކުގެ އިތުރުން ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން ސައިބަރ ހައިޖީން އަދި ޑިޖިޓަލް ލިޓަރަސީއާ ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް އުރީދޫއިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓަކީ 'އުރީދޫ ފަން ރަން' އެވެ. ކޮންމެ އަހަރަކު ބާއްވާ މި ދުވުމުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، މި އަހަރުގެ ފަން ރަން ޑިސެމްބަރު 11 ގައި ހުޅުމާލޭގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މިއީ ހަމައެކަނި ދުވުމެއް ނޫނެވެ. ކުލައާއި ފޯމުގެ އިތުރުން ތަފާތު ހަރަކާތްތަކާއެކު އާއިލާތަކާއި ރައްޓެހިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތެކެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ އިތުރުން ލ. އަތޮޅު ފަދަ ސަރަހައްދުތަކުގައިވެސް މި ދުވުން ވަނީ ބާއްވާފައެވެ. ހަމައެއާއެކު، ދިވެހިންގެ ސަގާފަތާ ގުޅިފައިވާ 'އުރީދޫ މަސް ރޭސް' އަކީވެސް ރަށްރަށުގެ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ، މަސްވެރިކަމުގެ ރޫހު އާލާކޮށްދޭ މުހިންމު ހަރަކާތެކެވެ.
ޑިޖިޓަލް ތައުލީމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ޒުވާނުންނާއި އާންމުން ހޭލުންތެރިކުރުވުމަށްވެސް އުރީދޫއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހި ބަހުން މުއާމަލާތްކުރެވޭ އޭއައި ޑިޖިޓަލް އެސިސްޓެންޓް 'އީވީ' ތައާރަފުކުރުމާއި، ދިވެހި ފޯކްލޯ ނުވަތަ ވާހަކަތައް އޭއައި މެދުވެރިކޮށް ކިޔައިދޭ މިދިޔަ އަހަރުގެ ކަލަންޑަރު ފަދަ އުފެއްދުންތަކަކީ ޑިޖިޓަލް ލިޓަރަސީ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ. ޑިޖިޓަލް ތައުލީމު ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިޓެކްނިކަށް 'އުރީދޫ ސްމާޓް ކެމްޕަސް' ގެ ނަމުގައި ކްލައުޑް މެދުވެރިކޮށް ކިޔަވައިދެވޭނެ ނިޒާމެއް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން އިންޓަނެޓްގެ ރައްކާތެރިކަމާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާނެ ގޮތުގެ ވޯކްޝޮޕްތައް ކ. ގުޅި ފަދަ ރަށްރަށުގައި ވަނީ ހިންގާފައެވެ. އުރީދޫއިން ވަނީ މޯބައިލް ވޯލްޑް ކޮންގްރެސްގައި އޭއައި މެދުވެރިކޮށް މަސައްކަތްކުރާ އީ-ކޭވައިސީ ނިޒާމެއްވެސް ދައްކާލާފައެވެ. މި ނިޒާމުގެ ސަބަބުން ސިމް އެކްޓިވޭޓްކުރުމަށް ނަގާ ވަގުތު 60 ސިކުންތުން 10 ސިކުންތަށް ވަނީ ކުޑަކުރެވިފައެވެ.
އުރީދޫ އެމްފައިސާ އާއި، ކޭޝްބެކް އަދި މި ނޫންވެސް އެހެނިހެން އިނާމުތައް ލިބޭގޮތަށް ކޮކާ ކޯލާއާއި އުރީދޫ ގުޅިގެން ފެށި ޕްރޮމޯޝަން އިއުލާނުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
ސިއްހީ ދާއިރާއާއި ކުއްލި ހާލަތްތަކުގައި އުރީދޫގެ އެހީތެރިކަން ވަރަށް ބޮޑެވެ. ރާއްޖޭގެ އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް 16 މިލިއަން ރުފިޔާ ސަރުކާރަށް ހަދިޔާކުރުމާއި، 2024 ވަނަ އަހަރު އިތުރު 24 ރަށެއްގެ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާކުރުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ ކުރިން 2018 ވަނަ އަހަރު، ހުރިހާ ވަސީލަތްތަކެއް ހިމެނޭ ތިން ސީ އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައިވެއެވެ. މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުއްލި ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރި މުހިންމު އިންވެސްޓްމަންޓެކެވެ.
ރާއްޖޭގެ އެކަހެރި ރަށްތައް ޑިޖިޓަލްކޮށް ގުޅުވާލުމަކީ އުރީދޫގެ އެންމެ ބޮޑު އެއް އަމާޒެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވުމަށް އެ ކުންފުނިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށްގެންދާ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕަކީ މީގެ ފުރިހަމަ މިސާލެކެވެ. މި ކޭމްޕްގެ ތެރެއިން ވަނީ ކުއްލި ހާލަތްތަކުގައި އެލާޓްކުރާނެ ނިޒާމުތަކާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ ޕްލެޓްފޯމްތައް ފަދަ އީޖާދީ ހައްލުތައް އުފަންވެފައެވެ. މީގެ އިތުރުން، ސްޓާޓްއަޕްތަކަށް ސީޑް ފަންޑިން ދިނުމަށް ހިންގާ 'ނީރު އެކްސެލެރޭޓަރ' ޕްރޮގްރާމްގެ ދަށުން އައިޑިއަނައިޒް، ކުމްބު އަދި ސަޕްލައި.އެމްވީ ފަދަ ވިޔަފާރިތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ: މި ޚިދުމަތް ރާއްޖެ ގެނައީ އުރީދޫން-- ފޮޓޯ: ރައީސް އޮފީސް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ކުރިއެރުވުމަށް އުރީދޫއިން ވަނީ ގޫގުލް ކްލައުޑްއާ ގުޅިގެން 'ގޫގުލް ވޯކްސްޕޭސް' ރާއްޖޭގެ ވިޔަފާރިތަކަށް ތައާރަފުކޮށްފައެވެ. މީގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ޑިޖިޓަލްކޮށް، މަސައްކަތްތައް އަވަސްކުރުމަށް މަގުފަހިވެގެންދިޔައެވެ. އަދި ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އަލީބާބާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނުކުތުމަށް 260 އަށް ވުރެ ގިނަ ދިވެހި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕަށްވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އުރީދޫއަކީ ދިވެހީންގެ ނަސީބެކެވެ. އެ ކުންފުނީގެ ސަބަބުން މުއާސަލާތީ ޚިދުމަތްތަކުގެ އަގު އަތްފޯރާ ފަށަށް އައުމުގެ އިތުރުން އެތައް ކުރިއެރުމެއް ރާއްޖެއަށް މި ވަނީ ގެނެސްދީފައެވެ. މިވީ 21 އަހަރު ތެރޭ އެ ކުންފުނިން ދިވެހީންގެ ދިރިއުޅުން ފަސޭހަ ކޮށްދީފިއެވެ. އިތުރު ކަންކަން ކޮށްދިނުން އަދި ވެސް އޮތީ ކުރިއަށެވެ.