ބުރަކަށީގެ ރިހުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދިމާވާ، މަސްތަކާއި ކަށިތަކާ ގުޅުންހުރި އެންމެ އާންމު އެއް މައްސަލައެވެ.
މިފަދަ ރިހުމެއް މެދުވެރި ވަނީ ބަރު އެއްޗެހި އުފުލުމާއި، ގިނަ ވަގުތު އެއް ތަނެއްގައި އިށީނދެގެން އިނުމާއި، ކަސްރަތު ކުރުމުގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުން ބުރަކަށީގެ ކަށިތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ބުރަކަށީގެ ރިހުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވުނު ކަމުގައިވިޔަސް، ހުރިހާ ރިހުމެއް އުފެދެނީ އެއް ސަބަބަކާ ހުރެއެއް ނޫނެވެ.
އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއަގެ، އޯތޮޕެޑިކް އެންޑް ޓްރޯމެޓޮލޮޖީ ސްޕެޝަލިސްޓް، ސްޕައިން ކޮންސަލްޓަންޓް ޑރ. ޕްރަދާނާ ވިޖަޔަންތާ ވިދާޅުވެފައިވާ ގޮތުގައި ގިނަ ހާލަތްތަކުގައި ބުރަކަށީގައި ރިހެނީ މަސްތަކަށް ނުވަތަ ލިގަމެންޓްތަކަށް އަންނަ ލޮޅުމެއްގެ ސަބަބުންނެވެ.
ނަމަވެސް، ބައެއް މީހުންގެ ބުރަކަށީގެ ރިހުމަކީ ނާރަކަށް ފިތުމުގެ ސަބަބުން ދިމާވާ ކަމަކަށްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވެއެވެ. އެހެންކަމުން، އާދައިގެ ބުރަކަށީގެ ރިހުމާއި ނާރެއް ފިތިގެންވާ ރިހުމުގެ ތަފާތު ދެނެގަތުމަކީ އެންމެ އެކަށީގެންވާ ފަރުވާ ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އާދައިގެ ބުރަކަށީގެ ރިހުމާއި ނާރު ފިތުން މެދުވެރިވާ ސަބަބުތަކުގެތެރޭ ކުއްލިއަކަށް ހަށިގަނޑަށް ގެނެވޭ ހަރަކާތަކުން މަސްތަކަށް ބާރުބޮޑުވުން ހިމެނޭ-- ފޮޓޯ/ އީއެމްސީ
ޑރ.ޕްރަދާނާ ވިޖަޔަންތާ ލަފާދެއްވި ގޮތުގައި ރިހުމުގެ ސަބަބު އަވަހަށް ދެނެގަނެވުނު ވަރަކަށް، ބަލި ބޮޑުވެ ދިރިއުޅުމުގެ އާންމު ކަންކަމަށް ބުރޫއެރުން ހުއްޓުވުމުގެ ފުރުސަތު ބޮޑުވެއެވެ.
އާދައިގެ ބުރަކަށީގެ ރިހުން އާންމުކޮށް ގުޅިފައި ވަނީ ބުރަކަށީގެ ކަށިތަކުގެ ވަށައިގެންވާ މަސްތަކާއި، ލިގަމެންޓްތަކަށް ދިމާވާ މައްސަލަތަކާއެވެ.
މީގެ ތެރޭގައި މާ ބޮޑަށް ހަށިގަނޑުން މަސައްކަތް ކުރުމުގެ ސަބަބުން ނުވަތަ ކުއްލިއަކަށް ހަށިގަނޑަށް ގެނެވޭ ހަރަކާތަކުން މަސްތަކަށް ބާރު ބޮޑުވުން، އިށީނދެގެން އިންނަ ވަގުތުގައްޔާއި ކޮޅަށް ހުންނައިރު ނުވަތަ ބަރު އެއްޗެހި އުފުލާއިރު ހަށިގަނޑު ބަހައްޓާ ގޮތް ގޯސްވުން، ކަސްރަތު ނުކުރުމުގެ ސަބަބުން ބުރަކަށީގެ ކަށިތަކަށް އެހީތެރިވެދޭ މަސްތައް ބަލިކަށިވުން އަދި ކުޅިވަރު ކުޅުމުގެ ތެރޭގައި ނުވަތަ ދިރިއުޅުމުގެ އާދައިގެ ކަންކަމުގެ ތެރޭގައި ލިބޭ ކުދި އަނިޔާތައް ހިމެނެއެވެ.
ޑރ. ޕްރަދާނާ ވިޖަޔަންތާ ވިދާޅުވި ގޮތުގައި، ނާރު ފިތުމުގެ ސަބަބުން ބުރަކަށީގައި ރިހުން އުފެދެނީ ބުރަކަށީގެ ނާރުތަކަށް ފިތުމުގެ ސަބަބުންނެވެ. މީގެ ބައެއް ސަބަބުތަކުގެ ތެރޭ، ބުރަކަށީގެ ކަށިތަކުގެ ދެމެދުގައިވާ ޑިސްކު ބޭރަށް ނުކުމެ ނާރުގައި ޖެހުން، އުމުރުން ދުވަސްވުމުގެ ސަބަބުން ބުރަކަށީގެ އޮނިގަނޑަށް އަންނަ ބަދަލުތައް، މިސާލަކަށް ނާރުތައް ދާ ހޮޅި ހަނިވުން، ބުރަކަށީގެ ކަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާތައް އަދި ބުރަކަށީގެ ކަށިތަކަށް މާ ބޮޑަށް ބާރު ބޮޑުވާފަދަ ކަންކަން ތަކުރާރުކޮށް ކުރުން ހިމެނެއެވެ.
މިއީ ސީދާ ނާރުތަކާ ގުޅުންހުރި ކަމަކަށް ވާތީ، މީގެ އަލާމާތްތައް އާދައިގެ ބުރަކަށީގެ ރިހުމަށްވުރެ ބޮޑުވެފައި އުނދަގޫތައް ގިނަވާނެއެވެ.

ގިނަ ހާލަތްތަކުގައި އާދައިގެ ބުރަކަށީގެ ރިހުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، ރިހުން ބޮޑުވާފަދަ މަސައްކަތްތައް މަދުކޮށްލުން، ލުއިކޮށް ހަށިގަނޑު ދަމާލުމުގެ ކަސްރަތުތައް ނުވަތަ 'ސްޓްރެޗް' ކުރުން ހިމެނޭ -- ފޮޓޯ/ އީއެމްސީ
އާދައިގެ ބުރަކަށީގެ ރިހުމާއި ނާރު ފިތުމުން އިހުސާސްވާ ރިހުން ހަށިގަނޑުން ފެންނަ ބައެއް އަލާމާތްތަކުން ދެނެގަތުމަށް އެހީތެރިވެދިން ނަމަވެސް ފުރިހަމަ ޑައިގްނޯސިސްއެއް ހެދޭނީ ޑޮކްޓަރަކަށް ދައްކައިގެން ކަމަށް ޑރ. ޕްރަދާނާ ވިޖަޔަންތާ ލަފާދެއްވައެވެ.
އާދައިގެ ބުރަކަށީގެ ރިހުމާއި ނާރު ފިތުމަށް ފަރުވާކުރާނެ ގޮތާއި
ފަރުވާ ބިނާވެފައިވަނީ ރިހުން މެދުވެރިވާ ސަބަބުގެ މައްޗަށެވެ. އެހެންކަމުން ހުރިހާ ރިހުމަކީ ނާރު ފިތުން ކަމަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ގިނަ ހާލަތްތަކުގައި އާދައިގެ ބުރަކަށީގެ ރިހުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭ، ރިހުން ބޮޑުވާފަދަ މަސައްކަތްތައް މަދުކޮށްލުން، ލުއިކޮށް ހަށިގަނޑު ދަމާލުމުގެ ކަސްރަތުތައް ނުވަތަ 'ސްޓްރެޗް' ކުރުން، އިށީނދެގެން އިންނަ ގޮތާއި، ތެދުވެ ހުންނަ ގޮތް އަދި ބަރު އެއްޗެހި އުފުލާ ގޮތް އިސްލާހުކުރުން އަދި ރިހޭ ތަނުގައި އައިސް ޕެކް އެޅުން ފަދަ ކަންކަން ހިމެނެއެވެ.
ބުރަކަށީގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމާއި ރިހުމާއި ނާރުގެ މައްސަލަތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭ، އިށީނދެގެން އިންނައިރު ބުރަކަށީގައި ލެނގޭ ގޮތަށް އިނުމާއި، މާ ގިނައިރު އިށީނދެގެން ނުއިނުން، ބަރު އެއްޗެހި އުފުލާއިރު އުނަގަނޑު ގުދުކުރުމުގެ ބަދަލުގައި ފައިގެ ބާރު ބޭނުންކުރުން، ގަވާއިދުން ކަސްރަތުކޮށް ބުރަކަށީގެ މަސްތައް ވަރުގަދަ ކުރުން، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން ހިމެނެއެވެ.
ޑރ. ޕްރަދާނާ ވިޖަޔަންތާ ވިދާޅުވި ގޮތުގައި ބުރަކަށީގެ ހުރިހާ ރިހުމަކީ ކުއްލި ފަރުވާ ބޭނުންވާ ކަންކަމެއް ނޫނެވެ. ނަމަވެސް ބުރަކަށީގެ ރިހުން ދެ ހަފްތާ ނުވަތަ ހަތަރު ހަފްތާއަށް ދިގުދެމިގެން ގޮސް އަވަސް ފަރުވާދީގެން ވެސް ރަނގަޅު ނުވެއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އޭނާ އިރުޝާދު ދެއްވައެވެ.