އެމެރިކާއިން އެފްރިކާގެ ގައުމުތައް ނުބައިކޮށް ލޭބަލް ކޮށްފި

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި ގްލޯބަލް ކޮންފަރެންސެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޕްރެޒެންޓޭޝަނެއްގެ ތެރޭގައި ގޯސްކޮށް ލޭބަލް ޖަހާފައިވާ ގައުމުތައް ފެންނަ ޕްރެޒެންޓޭޝަންގެ ސްކްރީންޝޮޓެއް -- ފޮޓޯ/ ރޮއިޓާސް

ބްރެޒިލްގައި ބޭއްވި ބޮޑު ސިއްހީ ކޮންފަރެންސެއްގައި ބައިވެރިވި އެމެރިކާގެ އޮފިޝަލުން ދުނިޔޭގެ ޗާޓްުގައި އެެފްރިކާގެ ގައުމުތައް ނުބައިކޮށް ލޭބަލްކޮށްފައި އޮތުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މި ހަފުތާގެ ކުރީކޮޅު ރިއޯ ޑި ޖެނީރޯގައި ބޭއްވި އެއިޑްސް 2026 ކޮންފަރެންސްގައި އެމެރިކާގެ އޮފިޝަލުން ޗާޓުގައި ނުބައިކޮށް ލޭބަލްކޮށްފައިވާ ވީޑިއޯތަކާއި ސްކްރީންޝޮޓްތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިވިއުކުރި ވީޑިއޯ ފޫޓޭޖުން ދައްކާ ގޮތުގައި އެފްރިކާގެ ގައުމުތަކާއެކު އެމެރިކާއިން ހެދި ސިއްޙީ އެއްބަސްވުމުގެ ޕްރެޒެންޓޭޝަންގެ މެދުތެރެއިން ޗާޓް ވަނީ ފެނިފައެވެ.

މި މެޕުން ސާހަރާގައި ނައިޖީރިއާ ފެންނަން ހުރިއިރު އެފްރިކާގެ އިރުދެކުނު ސަރަހައްދުގައި އޮންނަ މޮޒެމްބިކް އޮތީ އެފްރިކާގެ އިރުމަތީ ހޯން އޮފް އެފްރިކާގައެވެ. ހުޅަނގު އެފްރިކާގެ އައިވަރީ ކޯސްޓް އޮތީ އެ ބައްރުގެ އިދިކޮޅުގައެވެ.

މި ކޮންފަރެންސްގައި އިސްކޮށް ހުންނެވީ އިމަޖެންސީ ޕްލޭން ފޯ އެއިޑްސް ރިލީފް (ޕެޕްފާ) ގެ އިސްވެރިއެއް ކަމަށްވާ އެމެރިކާގެ ސިއްހީ މަންދޫބު ޖެފް ގްރެހަމްއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޗާޓުގައި ވޯޓާމާކެއް ހުރި ކަމަށާއި އެއީ އޯޕަންއޭއައި ޓޫލްސް އިން އުފެއްދި އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު އެއީ ގޯހެއް ކަމަށް އިއުތިރާފުވެފައެވެ.

އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ޗާޓަކީ ޓީމް މެމްބަރަކު އަވަސްކޮށް އިވެންޓުގެ ކުރިން ސްލައިޑްތަކަށް ބަދަލު ގެނެސްފައިވާ ޗާޓެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އެފްރިކާގެ ބައިވެރިން ހިމެނޭ ގޮތަށް ހާޒިރުވި މީހުންނަށް އެކަމުގެ ސަބަބުން ކުރިމަތިވި އޮޅުންބޮޅުންތަކުގެ ފުރިހަމަ ޒިންމާ އަޅުގަނޑުމެން ނަގަން،" އެ ޑިޕާޓްމަންޓުގެ ބަޔާނުގައި ވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި މިދިޔަ އަހަރު އެޗްއައިވީއަށް ފައިސާ ދިނުން ހުއްޓާލުމަށް ނިންމި ނިންމުމުގެ ކުރިން، މުޅި ދުނިޔޭގައި އަދި ޚާއްސަކޮށް އެފްރިކާގައި 20 މިލިއަން މީހުންގެ ދިރިއުޅުން ސަލާމަތްކުރަން ޕެޕްފާ އިން އެހީތެރިވިއެވެ. މި ޕްރޮގްރާމަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝްގެ ވެރިކަމުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

ޕެޕްފާގެ މައިގަނޑު މަސައްކަތްތައް އަލުން ފެށި ނަމަވެސް އެމެރިކާއިން އަދިވެސް ދަނީ އެޗްއައިވީ އިން ރައްކާތެރިވުމަށް ދޭ ފަންޑު ކުޑަކުރަމުންނެވެ. ދުނިޔޭގެ އެންމެ ގިނައިން އެޗްއައިވީ ބަލި މީހުން ތިބި ދެކުނު އެފްރިކާއަށް ދޭ އެހީވެސް ހުއްޓާލަން އެމެރިކާއިން އަންނަނީ ރާވަމުންނެވެ.

comment ކޮމެންޓް