75 ބާވަތަކުން ލުއި ލިބޭ، ތުރުކީ-ރާއްޖެ ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިިބު އުރުދުޣާނާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ރާއްޖެ ތުރުކީ ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފެށީ މިއަދު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ވިޔަފާރި އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ، ނޮވެންބަރު ހަތަރެއް، 2024ގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެއާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި މި އެއްބަސްވުމަށް އަމަލުކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމުގެ ލިއުން ދެ ގައުމުގެ ދެމެދު ބަދަލުކުރެވިފައިވާ ކަމަށް ވެސް، މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭން ތުރުކީވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ލުއި ލިބޭނެއެވެ. އަދި ތުރުކީވިލާތުން ރާއްޖެ އެތެރެކުރާ ޕްލާސްޓިކާއި ސެންޓާއި އިމާރާތްކުރުމަށް ބޭނުންކުރާ ބައެއް ސާމާނުތަކާއި އޭސީއާއި ފްރިޖު ފަދަ އިލެކްޓްރޯނިކްސް ބާވަތްތަކުން އެ ގައުމަށް ލުއި ލިބޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ރާއްޖޭން ތުރުކީވިލާތަށް ބޭރުކުރާ 75 ބާވަތަކުން ލުއި ލިބޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ތުރުކީވިލާތުން އެތެރެކުރާ ބައެއް ތަކެތި ހެޔޮ އަގުގައު-ި ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބުމަށް މަގުފަހިވެ، ރާއްޖޭގެ ބާޒާރުގައި އަގުތައް ތިރިވެގެން ދިއުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުން ފެށިގެން 29ވަނަ ދުވަހަށް ތުރުކީވިލާތަށެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާ ބައްދަލުކުރައްވައި، ވިޔަފާރިއާއި އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވައިފައެވެ.

މި ވިޔަފާރި އެއްބަސްވުމުގައި ދެ ގައުމުގެ ފަރާތުން ސޮއިކުރީ ރައީސްގެ ދަތުރުފުޅުގެ ތެރެއިންނެވެ.

comment ކޮމެންޓް