ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު ދެމީހުން ހޯދަން އެމްއެންޑީއެފް ކޯސްޓް ގާޑުން އަދިވެސް ދަނީ މަސައްކަތްކުރަމުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ އިއްޔެ ހެނދުނު 08:48 އެހައިކަންހާއިރެވެ.
ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީންނެވެ.
ގާފަރު ކައުންސިލްގެ ރައީސް މުބާޝިރު ޖަލީލް "ސަން" އަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ، ސަލާމަތްވި އަށް މީހުން މިހާރު ތިބީ އެ ރަށުގެ ގެސްޓު ހައުސްއެއްގައި ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.