ވިއްސާރައިގައި ކަނޑޫދޫގެ ބައެއް ދަނޑުތަކަށް ''އިއާދަނުކުރެވޭ ފަދަ'' ގެއްލުންތަކެއް؛ އެހީ ހޯދަނީ

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑޫދޫގެ ބައެއް ދަނޑުބިންތަކަށް ގެއްލުން ލިބިފައި --- ސްކްރީންޝޮޓް: ޢަލީ އަޝްރަޤް / ފޭސްބުކް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެންމެ ދަނޑުވެރި އެއް ރަށް ކަމަށްވާ ތ. ކަނޑޫދޫގެ ބައެއް ދަނޑުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް، ކަނޑޫދޫ ނިސްބަތްވާ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު ޢަލީ އަޝްރަގް މިއަދު ވިދާޅުވެއްޖެއެވެ.

އަޝްރަގް ވަނީ ކަނޑޫދޫގެ ބައެއް ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތައް 'ފޭސްބުކު'ގައި ހިއްސާކުރައްވައިފައެވެ.

އޭނާ އާންމުކުރެއްވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަނޑޫދޫގެ ދަނޑުތަކުގައި ހައްދައިފައިހުރި އެކި ގަސްގަހާއިގެހި ވަނީ ބިން މައްޗަށް ވެރިފައެވެ. އޭގެ ތެރެއިން ބައެއް ގަސްގަހާއިގެހި ބިންދައިގެން ގޮސް ބިންމައްޗަށް ވެރިފައި ހުރި މަންޒަރު ވެސް ފެނެއެވެ.

"މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތ. ކަނޑޫދޫގެ ދަނޑުބިންތަކަށް ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައި. ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތުން ހައްދާފައިވާ މި ދަނޑުތަކަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިބުނު މި ގެއްލުމަކީ ދަނޑުވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ނިިކަމެތިކަމެއް." އަޝްރަގް ލިޔުއްވާފައިވެއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް މި މައްސަލަ ގެނެސް، މިފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ކުރިމަގުގައި މިފަދަ ކަންކަމުން ރައްކާތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އަޝްރަގް ވިދާޅުވިއެވެ.

ކަނޑޫދޫގެ ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން 'ސަން'އިން ސުވާލުކުރުމުން އެ ރަށު ކައުންސިލު ރައީސް އިލްޔާސް މަޙްމޫދު ވިދާޅުވީ އެ ރަށުގެ ބައެއް ދަނޑުބިންތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

"ދެން ބައެއް ދަނޑުތަކުގެ ގަސްތައް މި ވިއްސާރައިގެ ސަބަބުން ބިންދައިގެން ގޮސް އެކިވަރުގެ ގެއްލުން ވެފައި ހުރީ،" އިލްޔާސް ވިދާޅުވިއެވެ.

ކަނޑޫދޫ މިރުސް ދަނޑެއްގެ ކުރީގެ ފޮޓޯއެއް: ވިއްސާރައިގައި އެ ރަށުގެ ބައެއް ދަނޑުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އެ ކައުންސިލުގެ އަމީން އާންމު މުޙައްމަދު މުފީދު ވިދާޅުވިގޮތުގައި ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ފޮނުވަން ކައުންސިލުން ވާނީ އެދިފައެވެ. އޭނާ ވިދާޅުވިގޮތުގައި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް އަންދާޒާކުރަން އެނގޭނީ ދަނޑުބިންތަކުގެ ވެރިފަރާތުން ކައުންސިލަށް މައުލޫމާތު ލިބުމުންނެވެ.

ވިއްސާރައިގެ ސަބަބުން އެ ރަށުގެ ބޮޑު ދަނޑެއްގެ ތިންބައިކުޅަ އެއްބައި ހަލާކުވިކަން ވެސް މުފީދު ފާހަގަކުރެއްވިއެވެ.

"އެއް ދަނޑަކުން ގުޅައިފައި ބުނީ ބޮޑު ނިކަގަހެއް ވެއްޓިގެން ބޮޑު ގެއްލުމެއް ވިއޭ އެ ދަނޑަށް،" މުފީދު ވިދާޅުވިއެވެ.

ކަނޑޫދޫން ހައްދާ އެންމެ މަޝްހޫރު ބާވަތަކީ މިރުސް ކަމަށްވާއިރު، އެ ރަށުގެ މިރުހަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. ޚާއްސަކޮށް ރޯދަމަހު ކަނޑޫދޫ މިރިހުގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެގޮތުން އިއްޔެ ގިނ ވަގުތު ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ތ. އަތޮޅަށް އޮތީ ރީނދޫ ސަމާލު ނެރެފައެވެ.

މިރުހުގެ އިތުރުން އެ ރަށުން ތަފާތު ފަތްޕިލާވެއްޔާއި ތަރުކާރީ ވެސް ހައްދައި، ބާޒާރަށް ނެއެވެ.

comment ކޮމެންޓް