މަނަދޫ ޑަބްލިޔުޑީސީއާއި ސަރަނގު ޖަރީ ގުޅިގެން، މާޖެހުމުގެ ކޯހެއް ބާއްވައިފި

މަނަދޫގައި ބޭއްވި މާޖެހުމުގެ ކޯހުގެ ބައިވެރިންތަކެއް ----

އަންހެނުން ބާރުވެރިކުރުމުގެ މަގުޞަދުގައި ނ. މަނަދޫގައި ބޭއްވި, ފަހާފޮށިން މާޖެހުމުގެ ތަމްރީނު ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކޮށްފިއެވެ.

މިދިޔަ މަހު 18އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެކި އުމުރުފުރާތަކުގެ 10 އަންހެނުން ބައިވެރިވެ، ފަހާފޮށިން މާޖެހުމުގެ ހުނަރު ވަނީ ދަސްކޮށްފައެވެ.

މިއީ، މަނަދޫގެ އަންހެނުން ބާރުވެރިކުރުވުމަށާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގެއް ތަނަވަސްކޮށްދިނުމަށް އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި 'ސަރަނގު ޖަރީ' ގުޅިގެން ބޭއްވި ކޯހެކެވެ.

މާޖެހުމަކީ ވަރަށް އަގުބޮޑު، ޒަމާނީ ކޮމްޕިއުޓަރައިޒްޑް މެޝިންތަކެއް ބޭނުންކޮށްގެން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމަކު، މި ކޯހުގައި ދަސްކޮށްދީފައި ވަނީ، ގޭބީސީތަކުގައި ހުންނަ އާދައިގެ ފަހާފޮށިން ފުރިހަމައަށް މާޖަހާނެ ގޮތެވެ.

މާޖެހުމުގެ ކޯހުގެ ބައިވެރިން ----

މިއީ، މި މަސައްކަތް ފަށަން ބޭނުންވާ އަންހެނުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށްވާއިރު، އާ މަސައްކަތެއް ފެށުމަށްޓަކައި ބޮޑު ހޭދައެއް ނުކޮށް އަތުގައި ހުރި ވަސީލަތްތަކުން މަސައްކަތް ފެށޭނެ މަގު މި ވަނީ ތަނަވަސްވެފައެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މަނަދޫ ކައުންސިލުގެ ރައީސް އަލީ ޒަފަރު ވަނީ، މިފަދަ ކޯސްތަކުން ދަސްވި ހުނަރުގެ ބޭނުންކޮށް އަމިއްލަ މަސައްކަތުން ކުރިއަރައި ދިއުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވައިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ، ކޯސް ނިންމާލުމަށްފަހު ބައިވެރިން ތައްޔާރުކުރި "ފައިނަލް ޕްރޮޖެކްޓް" ތަކުން، އެ މީހުންގެ ފަންނީ ހުނަރުވެރިކަން ހުރި މިންވަރު ވަރަށް ބޮޑަށް ފާހަގަވި ކަމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މުޅިން އަލަށް މި މަސައްކަތް ދަސްކުރި ބައިވެރިން، އެހާ ފުރިހަމަ އުފެއްދުންތަކެއް ދައްކާލުމަކީ ތަމްރީނުދިން ފަރާތުގެ ކާމިޔާބީއެއްގެ ގޮތުގައި ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. މިކަމުން އެނގެނީ، ރަނގަޅު އިރުޝާދާއި މަގުދެއްކުން ލިބިއްޖެނަމަ، އަގުބޮޑު ވަސީލަތްތަކަކާ ނުލައިވެސް ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމެވެ.

މި ކޯހުގައި ތަމްރީނު ދީފައިވާ "ސަރަނގު ޖަރީ"އަކީ ރާއްޖޭގައި ފެހުމާއި މާޖެހުމުގެ އިތުރުން އަތްތެރި މަސައްކަތުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގައި ފާހަގަކޮށްލެވޭ މަޤްބޫލު ފަރާތެކެވެ.

ސަރަނގު ޖަރީގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އަންހެނުންނަކީ ހުނަރުވެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމެވެ. މިއީ ސަރަނގު ޖަރީގެ ބާނީ، ދިވެހި އަންހެނުންގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ޤައުމީ ފެންވަރުގެ ޝަރަފުވެރި އެވޯޑުތައް ހޯއްދަވާފައިވާ މަރުޙޫމާ ޝަމީމާ އީސާ ގެންގުޅުއްވި މަތިވެރި ތަޞައްވުރެކެވެ. އެ ކަމަނާއަކީ ރާއްޖޭގައި އަތްތެރި މަސައްކަތާއި ފެހުމުގެ ދާއިރާ ކުރިއެރުވުމަށް އުމުރުގެ ބޮޑު ބައެއް ހޭދަކުރެއްވި، ނަމޫނާ ޝަޚްޞިއްޔަތެކެވެ.

މިހާރު ސަރަނގު ޖަރީގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ އާމިލާ އާދަމް މަސައްކަތް ކުރައްވަނީ މަރުޙޫމާ ޝަމީމާ ފެއްޓެވި މި މަސައްކަތް އެ ގޮތުގައި ކުރިއަށް ގެންދިޔުމަށެވެ. އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުންނަކީ ފަންނީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށެވެ. އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށް، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާ ގުޅިގެން މިފަދަ ކޯސްތައް ހިންގުމަކީ ބުރަ ނަމަވެސް، ނުހަނު އުފަލާއެކު ކުރާ ކަމެއް ކަމަށް އާމިލާ ފާހަގަކުރައްވައެވެ.

މަނަދޫގައި ހިންގި މި ކޯހަކީ ވެސް އެ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ. އެގޮތުން، މިހާރުގެ ފެޝަން ޓްރެންޑްތަކަށް ބަލާއިރު ހެދުންތަކުގައި މާޖެހުމަކީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަކަށް ވާތީ، މިއީ މިފަދަ ކޯހެއް ހިންގުމަށް އެންމެ އެކަށޭނަ ދުވަސްވަރެވެ. ޚާއްޞަކޮށް، ދިވެހި ލިބާހާއި، އެކި ކަހަލަ ޒަމާނީ ހެދުންތަކުގައި އަމިއްލަ އަތުން ޖަރީކުރުމަކީ މިހާރު ވަރަށް "ހިނގާ" ކަމެކެވެ.

އެހެންވެ، މިއީ ކޯހުގެ ބައިވެރިންނަށް ހަމައެކަނި ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއްގެ ބަދަލުގައި، ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ފުރުޞަތެކެވެ. މަނަދޫގެ ފެހުންތެރިންނަށް މި ލިބުނު ކުރިއެރުމާއެކު، ރަށުގެ ފެހުމުގެ ދާއިރާއަށް އައު ދިރުމެއް އަންނާނެ ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ސަރަނގު ޖަރީން ދެކެއެވެ.

comment ކޮމެންޓް