ސާފް ޗެމްޕިއަންޝިޕް 2026: ރާއްޖެއާ އެއް ގްރޫޕެއްގައި އިންޑިއާއާއި ޕާކިސްތާނު

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަަންޝިޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖެ ޓީމު--

މިއަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ އެއް ގްރޫޕެއްގައި އިންޑިއާ އާއި ޕާކިސްތާނު ހިމެނިއްޖެއެވެ.

ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ސަރަޙައްދީ ފުޓްބޯޅަ އީދު، ސާފް ޗެމްޕިއަންޝިޕް 2026 ގެ ގުރު ނަގާފައިވަނީ މިއަދު ބޫޓާންގެ ތިމްޕޫގައެވެ.

ރާއްޖެ ލައްވާލީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ވާދަކުރާނީ ސާފް ސަރަޙައްދުގެ އެންމެ ކާމިޔާބު ފުޓްބޯޅައިގެ ބާރު އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ އިތުރުން ޕާކިސްތާނެވެ. މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝް ހިމެނޭ ގްރޫޕް 'އޭ' ގައި ދެން ހިމެނެނީ ސްރީ ލަންކާ އާއި ބޫޓާނެވެ.

މިއަދު ތިމްޕޫގައި ބޭއްވި ގުރުއަތުލުމުގައި ނޭޕާލް ބައިވެރިނުކުރީ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފީފާއިން އަޅާފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ސާފްއިން މަޢުލޫމާތު ދޭ ގޮތުގައި، މުބާރާތް ފެށުމުގެ ކުރިން ފީފާއިން ނޭޕާލްގެ ސަސްޕެންޝަން އުވާލައިފިނަމަ، އެގައުމަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނޭޕާލް ސީދާ ހިމެނޭނީ މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝް ހިމެނޭ ގްރޫޕް 'އޭ' ގައެވެ. އެހެންކަމުން ނޭޕާލް ބައިވެރިވެއްޖެނަމަ ގްރޫޕް 'އޭ' ގައި ހަތަރު ގައުމު ވާދަކުރާނެއެވެ. މިވަގުތު ތަރުތީބުވެފައިވާ ގޮތުން ދެ ގްރޫޕުން ކުރެ މިއިން ކޮންމެ ގްރޫޕެއްގައިވެސް އޮތީ ތިން ގައުމެވެ.

ސާފް ޗެމްޕިއަންޝިޕަކީ 1993 ވަނަ އަހަރު "ސާކް ގޯލްޑް ކަޕް" ގެ ނަމުގައި ޕާކިސްތާނުގައި ފެށުނު، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތެވެ.

ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ ޖުމްލަ 9 ފަހަރު ތަށި އުފުލާލާފައިވާ އިންޑިއާއެވެ. މި މުބާރާތުގެ ތާރީޚުގައި އިންޑިއާ ނެގުމަށްފަހު ދެން އެންމެ ކާމިޔާބު ގައުމަކީ ދިވެހިރާއްޖެއެވެ. މީގެއިތުރުން ބަންގްލަދޭޝްއާއި ސްރީ ލަންކާއިން ވަނީ ކޮންމެ ގައުމަކުން އެއް ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދާފައެވެ.

ދިވެހިރާއްޖެއިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ޖުމްލަ 2 ފަހަރު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރުގައެވެ. އެއީ ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ 1-0 އިން ބަލިކޮށްގެންނެވެ.

ރާއްޖޭގެ ދެވަނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބީ ލިބުނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައެވެ. ބަންގްލަދޭޝްގެ ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ރާއްޖެއިން ވަނީ 2-1 އިން އިންޑިއާ ބަލިކޮށް ދެވަނަ ފަހަރަށް މުޅި ސަރަޙައްދުގެ ރަސްކަން ހޯދާފައެވެ.

މި ދެ ތަށީގެ އިތުރުން، ރާއްޖެއިން ވަނީ 1997، 2003، އަދި 2009 ވަނަ އަހަރުގެ މުބާރާތްތަކުގެ ފައިނަލުގައި ވާދަކޮށް ދެވަނަ ހޯދާފައެވެ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު