މިއަދުން ފެށިގެން، ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދުން ކުނި ނަގާނެ: ވެމްކޯ

ވެމްކޯގެ މުވައްޒަފެއް ޑަސްޕިނެއް ދަމަނީ: ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދުން ކުނި ނަގާނެ ކަމަށް ވެމްކޯއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުރިއެކޭ އެއްގޮތަށް ކުނި ނަގާނެ ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް މިދިޔަ މަހު 19 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ވަނީ ހިނގާފައެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ އެ ރޭ ފަތިހެވެ.

އެ އަލިފާނުގައި ލިބުނު ގެއްލުމުގެ ސަބަބުން ބައެއް ޚިދުމަތްތަކަށް ބުރޫ އަރައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު ވެމްކޯއިން މަދުކުރިއެވެ.

https://sun.mv/225252

އެ ކަމުގެ ސަބަބުން މި ސަރަހައްދުގައި ކުނި އިތުރުވާތީ މާލެ ސިޓީ ކައުންސިލުން ވަނީ ވެމްކޯއަށް ޝަކުވާ ވެސް ހުށަހަޅާފައެވެ.

މާލޭގެ މަގުމަތިން ވެމްކޯގެ މުވައްޒަފުން ކުނި ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަން އެހެން އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ، ކުރިއެކޭ އެއްގޮތަށް ކުނި ނެގުމުގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދޭނެ ކަމަށެވެ. އަދި، ކުނި ސްޓޭޝަންތަކަށް ގެންނަ ކުނި ހުންނަންވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާ އުސޫލާ އެއްގޮތަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، ގާކުނި ހުންނަންވާނީ ދެ ބަޔަކަށް ވަކިކުރެވިފައި ކަމަށެވެ. އެ ދެ ބަޔަކީ، ގާކުންޏާއި އެބާވަތުގެ އެހެނިހެން ކުންޏެވެ.

ވެމްކޯއިން ވަނީ، ސީއެންޑީ ކުންޏާއި ސީއެންޑީ އެހެނިހެން ކުނިތައް ވެސް އެ އިއުލާނުގައި ކިޔައިދީފައެވެ.

ސީއެންޑީ ނުވަތަ ގާކުނި

  • ވެލި
  • ތަޅާ ކުދި ކޮށްފައިވާ ކޮންކްރީޓް
  • ދެ ފުޓޫ ސެކްޝަންސް ނުވަތަ ކޮންކުރީޓު ތަނބު
  • ކޮންކުރީޓު ސެލެބް (އެންމެ ބޮޑުވެގެން ފުޅާމިނާއި ދިގުމިނުގައި ފޫޓު)
  • ހިލަ
  • ބްރިކްސް، ހޮލޯ ބްރިކްސް
  • ތަށިމުށި/ޓައިލްސް
  • ފާޚާނާ ތަށި، ސިންކު ފަދަ ތަކެތި
ތިލަފުށީގައި ހެދިފައިވާ ކުނި ފަރުބަދަ: މާލެ ސަރަހައްދުން މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގާނެ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެމްކޯއިން ކިޔައިދިން ގޮތުގައި، ސީއެންޑީ އެހެނިހެން ކުނީގެ ތެރޭގައި ހިމެނެނީ، ޕީވީސީއާއި ލަކުޑިއާއި ގޯންޏާއި ދަގަނޑާއި ޕްލާސްޓިކާއި ކާޑު ބޯޑެވެ.

މީގެއިތުރުން، އެ ގޮތަށް ގާކުންޏާއި އެހެނިހެން ކުނި ވަކިނުކޮށް ހުރިނަމަ، އެ ފަދަ ކުނި ބަލައިނުގަންނާނެ ކަމަށް ވެމްކޯގެ އިއުލާނުގައިވެއެވެ.

comment ކޮމެންޓް