އައިލެންޑް ކާނިވަލް މި ފަހަރު ކުޅުދުއްފުއްޓަށް

މިދިޔަ އަހަރު ބޭއްވި އައިލެންޑް ކާނިވަލްގެ ތެރެއިން --- ފޮޓޯ/ ރަށި ކަބަރޯ، ފޭސްބުކް

އެޑްވެންޗާ އަޕްއިން އިންތިޒާމުކޮށްގެން ބާއްވާ އައިލެންޑް ކާނިވަލްގެ ދެވަނަ އެޑިޝަން ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.

އަންނަ ސެޕްޓެމްބަރު 30އިން އޮކްޓޫބަރު ހަތަރެއްގެ ނިޔަލަށް ކުރިއަށްދާ މި ކާނިވަލާއެކު، ބޮޑު ތިލަދުންމަތީގެ ބޮޑު ބާޒާރު ވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.

މި ކާނިވަލުގައި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދަން ރާވަފައިވެއެވެ.

އެޑްވެންޗާ އަޕްގެ މެނޭޖިން ޑައިރެކްޓަރު ޝާމް ނަސީރު ވިދާޅުވި ގޮތުގައި، މި ކާނިވަލުގައި އިންފްލޭޓަބަލްސްއާއި ލޭޒާޓެގާއި ބެޓަލް ޒޯނާއި ލައިވް ހުށަހެޅުންތައް ފެންނާނެއެވެ. އަދި، މި ފަހަރުގެ ކާނިވަލް ވާނީ، އެންމެ ފުރިހަމަ ކާނިވަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިލެންޑް ކާނިވަލަކީ އެ ކާނިވަލް ބާއްވާ ރަށެއްގެ ރަށުވަންތަކަމާއެކު، ހުރިހާ އުމުރުފުރާއަކާ ގުޅޭ އުފާވެރި މާހައުލެއް ގާއިމުކޮށްދޭ ހަރަކާތެކެވެ.

މިދިޔަ އަހަރުގެ އައިލެންޑް ކާނިވަލްގެ ތެރެއިން ---- ފޮޓޯ/ ރަށި ކަބަރޯ، ފޭސްބުކް

މި ހަރަކާތް އިންތިޒާމުކުރާ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، މިއީ ވިޔަފާރިތަކުން އުފެއްދުންތައް މާކެޓުކުރުމަށާއި ލޯންޗުކުރުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. މި ކާނިވަލް ތައާރަފުކުރީ ވެސް، އުފާވެރި މާހައުލަކުން މުޖުތަމައުގެ އެންމެ ދިމާވުމަކީ ލިބެން ޖެހޭ ފުރުސަތެއް ކަމަށް ގަބޫލުކުރާތީ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެއިތުރުން، މި ކާނިވަލުގެ ތެރެއިން ރަށްރަށުގެ ލޯކަލް އާޓިސްޓުންނަށް ރާއްޖޭގެ ނަން މަޝްހޫރު ފަރާތްތަކާ އެއް ޕްލެޓުފޯމެއްގައި ހުށަހެޅުމުގެ ފުރުސަތު ވެސް ލިބެއެވެ.

މި ކާނިވަލުގެ ޕާޓްނަޝިޕުތައް ހެދުމަށް ގުޅާނީ، 7550557/ 7764227 / 7331337 އަށެވެ.

މި ފަހަރުގެ އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ އެސްއެސްމީޑިއާއެވެ.

comment ކޮމެންޓް