މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކުރުމަށް، ހުކުރު ދުވަސްތަކުގައި ވެސް ހުޅުވަނީ

މިފްކޯ މަސް ފިހާރަ: މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކުރުމަށް، ހުކުރު ދުވަސްތަކުގައި ވެސް ހުޅުވަން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހު ވެސް ހުޅުވާ ގޮތަށް ނިންމައިފިއެވެ.

މިފްކޯއިން ބުނީ، މި ބަދަލާއެކު ހުކުރު ދުވަސްތަކުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ހުޅުވާގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

މިފްކޯއިން ވަނީ، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ޚިދުމަތް ދެމުން ދާނެ ކަމަށް ބުނެފައެވެ.

އެ ކުންފުނިން ބުނީ އެ ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހަކީ ޢާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ޚާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއްދޭ ދުވަހަކަށް ވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ރާވައިފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ، މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. ޚާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށް ވާތީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި މިފްކޯއިން ވަނީ ސިފަކޮށްފައެވެ.

މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެ ރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫޢުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް