ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުއާއި އޭނާގެ ދަރިކަލުން އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހިމެނިވަޑައިގަންނަވާ ގޮތަށް އިސް ބޭފުޅުންތަކެއް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސް އިންތިޚާބުގައި ހޮވާ ޕީއެންސީ ނައިބު ކަމަށް މިހާތަނަށް ވަނީ ޖުމުލަ ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެއީ:
- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
- ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
އޭގެތެރެއިން، ސައީދާއި މުންދުއާއި ޝުޖާއު މިހާރު ވެސް ތިއްބެވީ ޕީއެންސީގެ ނައިބު ކަމުގެ މަގާމުގައެވެ.
އެ މަގާމަށް ކުރިމަތިލައްވާކަން ހާމަކުރައްވައި، މިނިސްޓަރު ސައީދު އެކްސްގައި ލިޔުއްވާފައި ވަނީ، ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ފަހި ވަގުތުތަކާއި އުނދަގޫ ޙާލަތްތަކުގައިވެސް ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ އެ ޕާޓީގައި ދެމިހުންނެވި ކަމަށެވެ.
މީގެއިތުރުން، ޝުޖާއު ވެސް ވަނީ އެ މަގާމަށް އަލުން އޭނާ ހޮވަން ޖެހޭ ސަބަބުތައް ކިޔައިދެއްވާފައެވެ. އޭގެތެރޭގައި، އެ ޕާޓީ ރައީސާއެކު ނުފިލާ ހުރި މަދު މީހުންގެ ތެރެއިން އެކަކަށް ވުމާއި ހިތްވަރާއެކު އެމްޑީޕީއާ ދެކޮޅަށް ނިކުންނަން ކެރުނީތީ ހިމެނޭ ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.
އަސްމާއާއި މުންދު ޕީއެންސީގެ އިސް މަގާމަކަށް ކުރިމަތިލެއްވިއިރު، އަސްމާއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެެމެދު ގުޅުން ގޯސްވި ކަމުގެ ޚަބަރުތައް މީގެ ކުރިން ފެތުރިފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު މާފަންނުގެ ރައްޔިތުންނާ އެކު ރައީސް ބާއްވަވަން ނިންމެވި ބައްދަލުވުމުގައި ޚިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދުމުން، ރައީސް ނުރުހުންވި ކަމުގެ އަޑުތައް ފެތުރުނެވެ. އޭރު އަސްމާ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކޮށްފައެވެ.
އެއަށްފަހު، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވެސް، އަސްމާއާ ގުޅޭ މައްސަލައެއް ވެސް ޕީއެންސީ ތެރޭގައި އުފެދިފައިވެއެވެ. އެގޮތުން، އަސްމާ، ސަރުކާރާމެދު ނުރުހުން ފާޅުކުރައްވާ ކޯލެއްގެ ރެކޯޑިން ލީކުވެފައިވެއެވެ. އެ އޯޑިއޯ ލީކުވި ފަހުން، މުންދު އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިއެވެ.
އެހެންނަމަވެސް އޭގެ ފަހުން ސަލްމާގެ ވަޒީފާ ވަނީ އިޔާދަކޮށްފައެވެ. އަދި މުންދުއަށް، ވަޒީރުންގެ ފެންވަރުގައި ސަރުކާރުގެ އިސް ތަރުޖަމާނު ކަމުގެ މަގާމު ދެއްވީއެވެ.