މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ލޭންޑިން ކްރާޕްޓެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދަން ކަނޑާއި ވައިގެ މަގުން 3،580 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލައިފިއެވެ.
އެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ، ޖުމުލަ 10 މީހުންނާއެކު ދަތުރުކުރަނިކޮށެވެ. އެއީ، ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ.
އޭގެތެރެއިން، ސަލާމަތްވި އަށް މީހުން މިދިޔަ ހުކުރު ދުވަހު ވަނީ ގާފަރަށް ގެންގޮސްފައެވެ. މިހާރު ހޯދުމުގެ މަސައްކަތް ކުރަނީ އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީންނެވެ.
ލޭންޑިން ކްރާފްޓު ބަންޑުން ޖާހާލާފައި: ގެއްލިގެން ހޯދަނީ އެ ކްރާފްޓުން ދަތުރުކުރި ދެ މީހުން --- ފޮޓޯ/ އެމްއެންޑީއެފްއެމްއެންޑީއެފުން މިއަދު ބުނީ، އެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން 3،580 އަކަކިލޯމީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
މީގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675،120 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބެލިއިރު، މިހާތަނަށް ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި އެ ސަރަހައްދުގެ ރަށްތަކުން ގެއްލުނު މީހުންގެ ޚަބަރެއް ވޭތޯ ބަލައިދިނުމަށް އެދިފައެވެ. އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި ދިނުމަށް ވަނީ އެދިފައެވެ.