މިދިޔަ މެއި މަހު، ރާއްޖެއާއި އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު ފެށި ސީދާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.
'ސަން'އިން ސުވާލުކުރުމުން މޯލްޑިވިއަންއިން ބުނީ، އެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިގޮތުން، އެ ދަތުރުތަކަށް ބޮޑަށް ތަރުހީބު ލިބެނީ ދިވެހީންނަށް ވުރެ ފަތުރުވެރިންގެ ފަރާތުން ކަމަށް އެ އެއާލައިނުން ބުންޏެވެ.
ކޮންމެ އާދިއްތަ ދުވަހެއްގައި ކުރާ މި ދަތުރުތަކުގެ 50 އިންސައްތަ ޖާގަ މިހާރު ވެސް ބުކް ކޮށްފައިވާ ކަމަށް މޯލްޑިވިއަން ފާހަގަކުރިއެވެ.
ނަމަވެސް މޯލްޑިވިއަންއިން މި ދަތުރުތަކުގައި މިހާތަނަށް އުފުލި ފަސިންޖަރުންގެ ސީދާ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.
މި ދަތުރުތައް ހަފުތާއަކު އެއްފަހަރު ކުރާއިރު، އޮސްޓްރޭލިއާއަކީ ނުވަ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ.
ސީދާ ދަތުރުތައް ފެށިފަހުން އޮސްޓްރޭލިއާއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓްގެ ފަތުރުވެރިންނަށް މޯލްޑިވިއަންއިން މަރުހަބާ ކިޔަނީ -- ފޮޓޯ/ މޯލްޑިވިއަންމި ދަތުރުތައް ފެށުމުން އެ ގައުމުން ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން މިދިޔަ ޖޫން ހަވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 20,878 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ޒިޔާރާތްކުރި 17,957 ފަތުރުވެރިންނާ އަޅާ ބަލާއިރު 16 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވިއަންއިން ލަފާކުރި ގޮތުގައި އަހަރެއްގެ ތެރޭގައި އެކަނިވެސް އޮސްޓްރޭލިއާއިން އިތުރު 11,000 ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެއެވެ. އަދި މިއީ ރާއްޖޭގެ އިގްތިސޯދަށާއި ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަންއިން ވަނީ ސިފަކޮށްފައެވެ.
މިއީ ކުރިއަރަމުން އަންނަ މާކެޓުތަކަށް އަމާޒުކޮށްގެން ގައުމީ އެއާލައިންގެ މާކެޓް ޝެއާ ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް މޯލްޑިވިއަންއިން ދެކެއެވެ.