ބޭސް ގެނައުމަށްޓަކައި އެސްޓްރާޒެނެކާ އާ އެކު ސްޓޭޓްފާމާއިން މަސައްކަތް ފަށަނީ

ސްޓޭޓްފާމާގެ އެމްޑީ ޑރ. ޝާހު މާހިރު އެސްޓްރާޒެނެކާގެ އިސް ބޭފުޅަކާ އެކު --- ފޮޓޯ: ސްޓޭޓްފާމާ

ރާއްޖެއަށް ފަސޭހައިން ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި، ވިލާތުގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާ އާ އެކު ސަރުކާރު ބޭސް ކުންފުނި ސްޓޭޓްފާމާ އިން މަސައްކަތް ފަށައިފިއެވެ.

ސްޓޭޓްފާމާއިން ބުނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމާ ގުޅޭ ގޮތުން، އެ ކުންފުނިން އެސްޓްރާޒެނެކާ އާ އެކު ބައްދަލުވުމެއް ބާއްވައިފައިވާނެ ކަމަށެވެ.

މި ބައްދަލުވުމުގެ މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކޮށް ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށް، ސްޓޭޓްފާމާއިން ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް، އެ ކުންފުނިން ބުންޏެވެ.

ދިވެހީންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ސްޓެޓްފާމާއިން ބުންޏެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓްފާމާއިން މައުލޫމާތު ދެއެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ސްޓޭޓްފާމާއިން ވަނީ ދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ރާއްޖޭގައި ބޭނުންކުރި ވެކްސިންގެ ބާވަތްތަކުގެ ތެރޭ އެސްޓްރާޒެނެކާ ކުންފުނިން އެތެރެކުރި ވެކްސިން ވެސް ހިމެނެއެވެ.

ސްޓޭޓްފާމާއިން މިހެން ބުނިއިރު، ދައުލަތުގެ ރޭޑިއޯ ޗެނަލް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭސް ގުދަންތައް ތަރައްގީކުރަން ނިންމައިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު އޮތީ ޕްލޭނިން ސްޓޭޖުގައި ކަމަށެވެ.

އާންމުން އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ބޭސް ނުލިބުމުގެ ޝަކުވާއެވެ. އެގޮތުން އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެެއެވެ.

ސްޓޭޓްފާމާ އުފެއްދީ އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައެވެ. އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް