ނޯޓިސް ނުދީ ވަކިކުރި ކަމަށް ބުނި މައްސަލައިގައި، މިފްކޯގެ ބިދޭސީ ސީއީއޯއަށް ބަދަލު ނަގައިނުދެވޭނެ: ޓްރައިބިއުނަލް

ޑރ. ވިޓަލީ ލިއުބިމޯވް: ނޯޓިސް ނުދީ ވަކިކުރި ކަމަށް ބުނި މައްސަލައިގައި، އޭނާއަށް ބަދަލު ނަގައިނުދެވޭނެ ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފައި -- ފޮޓޯ/ މިފްކޯ

މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރުމަށް ނޯޓިސް ދީފައި ނުވާ މައްސަލައިގައި, ބަދަލެއްގެ ގޮތުގައި ފައިސާ ނެގޭނެ ހަމައެއް ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ކަނޑައަޅައިފިއެވެ.

ލިއުބިމޮވް މިފްކޯގެ ސީއީއޯ ކަމާ ހަވާލުވީ ޑިސެމްބަރު 10، 2024ގައެވެ. ނަމަވެސް އޭނާ ވަޒީފާއާ ހަވާލުވިތާ ތިން މަސް ފަހުން މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިން ވަނަ ދުވަހު، ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ، މިފްކޯގެ ސީއީއޯގެ އިތުރުން މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކޮށްފައިވާކަން އިއުލާންކޮށްފައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އޭރު ހާމައެއްނުކުރެއެވެ.

އެއާއެކު ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ، އެ މަހުގެ 17 ވަނަ ދުވަހު އޭނާ ވަނީ މިފްކޯއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލައެއް ލައިފައެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުދޭ ކަމަށެވެ. އެހެންވެ، އޭނާ މަގާމުން ވަކިކުރީ ދޭން ޖެހޭ ނޯޓިސް ނުދީ ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަހުގެ މުސާރަ ދިނުމެއް ނެތިކަން ކަނޑައަޅައިދިނުމަށާއި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައިދިނުމަށް ލިއުބިމޯވް ވަނީ އެދިފައެވެ.

އެހެންނަމަވެސް، އެ މައްސަލަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ނިންމިއިރު، ނިންމާފައިވަނީ އޭނާއަށް ބަދަލު ދޭން ޖެހޭނެ ހަމައެއް ނެތް ކަމަށެވެ.

މި މައްސަލައިގައި، މިފްކޯއިން މިއީ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ވެސް ހުށަހެޅިއެވެ. އެކަމަކު ޓްރައިބިއުނަލުން ނިންމީ އެ މައްސަލަ ބެލޭނެ ކަމަށެވެ.

https://sun.mv/206549

މިފްކޯއަށް ލިއުބިމޮވް އައްޔަންކުރީ އެ މަގާމަށް ބޭރުގެ ސީއީއޯއަކު ހޯދަން އިއުލާނުކުރުމަށް ފަހުގައެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއްވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ ކުންފުނީގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށްޓަކައި ކަމަށް އޭރު ރައީސް ވިދާޅުވެފައިވެއެވެ.

ސީއީއޯގެ މަގާމާ ހަވާލުވުމަށް ފަހު ލިއުބިމޮވް ވަނީ ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކުރާ ބަޔެއްގެ ނަން އާންމުކޮށް ހާމަކުރާނެކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން އުފެއްދި, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް ވަނީ ނޯޓިސް މުއްދަތުގެ މުސާރަ ހޯއްދަވަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ލައިފައެވެ.

comment ކޮމެންޓް