ދިވެހި އިންޖިނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށެވެ. އަދި، ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރަން ބޭނުންވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އިންޖިނިއަރުންގެ އެވޯޑު ދޭން ނިންމައިފައިވާއިރު އެ އެވޯޑް 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އެއީ:
- އިންޖިނިއާ އޮފް ދަ އިޔާ
- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއަރު އެވޯޑް
- ވިމެން އިން އިންޖިނިއަރިން އެވޯޑް
- އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިން ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާމް އޮފް ދަ އިޔާ އެވޯޑު
- ސްޓޫޑަންޓް އިނޮވޭޓާ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑް
މިނިސްޓްރީން ވަނީ، އިންޖިނިއާސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ. އެ ފުރުސަތު އޮންނާނީ މި މަހުގެ 20ވަނަ ދުވަހުގެ 14:00 އާ ހަމައަށް ކަމަށް އިއުލާނުގައިވެއެވެ.
މިނިސްޓްރީން ބުނީ އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިގުރާރު އޮންލައިންކޮށް ލިބޭނެ ކަމަށެވެ. އަދި އެވޯޑާ ގުޅޭ އިތުރު މައުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
އިންޖިނިއާސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައިވާ ގޮތުން، އެވޯޑަށް ހުށަހަޅާއިރު ހުންނަން ޖެހޭ އާންމު ބައެއް ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، އިންޖިނިއަރިން ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތެއް ކޮށްފައިވުން ހިމެނެއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރެވެ.