ކޮވިޑްގެ ފުރަބަންދު ދުވަސްވަރު، ކުރީގެ އަނބިމީހާއަށް އަނިޔާ ކުރި މީހަކު ދެ މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިއީ، 2020 ވަނަ އަހަރު، ކޮވިޑާ ގުޅިގެން ފުރަބަންދުކޮށްފައި ވަނިކޮށް، ދެކުނުގެ ރަށެއްގައި ފިރިހެނަކު އޭނާގެ ކުރީގެ އަނބިމީހާއަށް އަނިޔާ ކުރި މައްސަލައެވެ. މި މައްސަލައިގައި ދައުލަތުން އެ ފިރިހެން މީހާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާގެ ޝަރިއަތުގައި ފިރިހެން މީހާވަނީ އޭނާ، އޭނާގެ ކުރީގެ އަންހެނުންނަށް އަނިޔާ ކުރިކަމަށް ބުނެ ދައުލަތުން ކުރި ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންނަމަވެސް، މައްސަލަ ސާބިތުވީ ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައެވެ.
ދައުލަތުން މި މައްސަލައިގައި ހުށަހެޅި ހެކިތަކުގެ ތެރޭގައި މަންޒަރު ދުށް މީހުންނާއި، އަންހެން މީހާއަށް އަނިޔާވެގެން ޑޮކްޓަރަށް ދައްކައި، ފަރުވާ ހޯދިކަން އެނގޭނެ ލިޔުންތައް ވެސް ހިމެނެއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފިރިހެން މީހާ، އަންހެން މީހާ ހޯދަން ދިޔައީ އޭނާގެ ދަރިފުޅު ނުދައްކައިގެންނެވެ. އެކަމަކު، ފިރިހެން މީހާ، ދަރިފުޅާ ހަވާލުވާން ދެކޮޅު ހަދައިފައިވާތީ، އަންހެން މީހާ ދަރިފުޅު ދެއްކުމަށް ދެކޮޅު ހެދީ ކަމަށް ބަޔާންކޮށްފައިވެއެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފިރިހެން މީހާވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ބޮލުގެ ފުށްކިބައިގައި، އަދި ކަންކަށި މަތީގައާއި ކަންފަތް މަތީގައި ވެސް ޖަހައި އަނިޔާކޮށްފައެވެ.
މި މައްސަލައިގައި ފިރިހެން މީހާގެ މައްޗަށް، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެހެންނަމަވެސް މައްސަލައިގެ ތަހުގީގު މަރުހަލާގައި ފިރިހެން މީހާ ބަންދުކޮށްފައި ހުރި ދުވަސްތައް އުނިކުރުމުން ދެން އެ މީހާ ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި އަށް ދުވަހުގެ ހުކުމެކެވެ.