ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މައިކަލް"ގައި ފާހަގަކޮށްލެވޭ މޮޅު އެކްޓިންގްއެއް ދެއްކި ޖާފަރު ޖެކްސަން އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.
މައިކަލްއަށް ބޮޑުބޭބެ ކިޔާ، އަދި ބައޮޕިކްގައި މައިކަލްގެ ކެރެކްޓާ ކުޅުނު ޖާފަރު ސޮއިކޮށްފައި ވަނީ އެމަޒޯން އެމްޖީއެމް ސްޓޫޑިއޯސް އާއި މިރަމެކްސް ގުޅިގެން އުފައްދާ "ސުޕަމެކްސް" ކިޔާ އެކްޝަން ތުރިލާ ފިލްމަކަށެވެ.
މި ފިލްމުގައި ޖާފަރު މަސައްކަތް ކުރާނީ ހޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ވިލް ސްމިތުއާ އެކުގައެވެ. ވިލް ސްމިތުގެ އިތުރުން އެނާސޯފިއާ ރޮބް ވެސް މި ފިލްމުގެ މުހިއްމު ރޯލެއް ކުޅޭނެއެވެ.
ފިލްމުގައި ޖާފަރު އަދާކުރާ ރޯލުގެ ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އޭނާގެ ކެރެކްޓާ އަކީ ފިލްމުގެ މައިގަނޑު ވާހަކައާ ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު ރޯލެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު، މިއުޒީޝަން ވިލް ސްމިތު އަދި ޖާފަރު ޖެކްސަން--ފޮޓޯ/އިންސްޓަގްރާމް
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ޖަލެއްގެ ތެރޭގައި ހިނގާ، ސިއްރުތަކުން ފުރިގެންވާ މަރުގެ ހާދިސާއެއް ތަހުގީގުކުރާ އެފްބީއައިގެ ދެ އެޖެންޓުންގެ މައްޗަށެވެ. މި ދެ އެޖެންޓުންގެ ރޯލު އަދާކުރަނީ ވިލް ސުމިތާއި އެނާސޯފިއާ ރޮބެވެ.
ޑޭވިޑް ވައިލް އަދި ޑޭވިޑް ޖޭ ރޯސަންގެ ސްކްރީންޕްލޭއަކަށް އުފައްދާ މި ފިލްމު ޑައިރެކްޓްކުރަނީ ޑޭވިޑް ގޯޑަން ގްރީންއެވެ.
އެންޓޮއިން ފުކުއާ ޑައިރެކްޓްކުރި ބައޮޕިކް ފިލްމު "މައިކަލް"ގައި ޖާފަރު ޖެކްސަން ދެއްކި ހުނަރުވެރި އެކްޓިންގްއަށް ފާޑުކިޔުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މި ފިލްމަކީ ހޮލީވުޑްގެ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލި ފިލްމުތައް ކަމަށްވާ "އޮޕަންހައިމާ" އާއި "ބޮހީމިއަން ރެޕްސޮޑީ" ފަދަ ފިލްމުތައް ފަހަތަށް ޖައްސާލުމަށްފަހު، މިހާތަނަށް ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި 'ބަޔޯޕިކް' ފިލްމެވެ. އަދި މިއީ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ފިލްމެއްވެސް މެއެވެ. އެގޮތުން މިހާތަނަށް ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 1.016 ބިލިއަނަށް އަރައެވެ.