އެމެރިކާއިން އާ ހަމަލާތަކެއް ދީފިނަމަ، މުޅި ސަރަހައްދުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އީރާނުން ގަލްފުގެ ގައުމުތަކަށް އިންޒާރު ދީފިއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި މިއީ އީރާނުގެ ހަކަތައިގެ ނެޓްވޯކާއި މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށް ޖުލައި 28 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރާ ގުޅިގެން އީރާނުން ދީފައިވާ އިންޒާރެކެވެ.
އީރާނުގެ އިސް ދެ އޮފިޝަލަކާއި ގަލްފުގެ ދެ މަސްދަރަކާއި މަޝްވަރާތައް އެނގޭ އިސް ސަރަހައްދީ ޑިޕްލޮމެޓަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ސައުދީ އަރަބިއްޔާ، ތުރުކީ އަދި ގަތަރުގެ އިތުރުން ޕާކިސްތާނުގެ އިސްވެރިންނާވެސް ވާހަކަ ދައްކަވާފައެވެ.
އަރަގްޗީ ވަނީ އާ ހަމަލާތައް ދިނުން ހުއްޓުވުމަށް ޓްރަމްޕަށް ބާރުއެޅުއްވުމަށް ގަލްފުގެ ގައުމުތަކުގައި އެދިވަޑައިގެންފައި ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.
"އަހަރެމެން މިތިބީ ބަދަލު ހިފުމަށް ތައްޔާރަށް. އެކަމަކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަކީ މުޅި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަމަނުޖެހުން އުފެދި ގެއްލުމުން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތް" އަރަގްޗީ ވިދާޅުވި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
އޭގެ ފަހުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޓްރަމްޕާ ވާހަކަ ދައްކަވައި، އަސްކަރީ ފިޔަވަޅު ލަސްކޮށް، މަޝްވަރާތަކަށް އެނބުރި ވަޑައިގަތުމަށާއި، ހަނގުރާމަ ހުއްޓާލުމާއި، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.
ގަލްފުގެ އެހެން މަސްދަރަކުން ބުނި ގޮތުގައި މި އިންޒާރަކީ ގަލްފުގެ ކޮންމެ ސްޓޭޓަކަށް ހާއްސަ އިންޒާރެއް ނަމަވެސް އެ އިންޒާރު ފޯރުކޮށްދީފައި ވަނީ ސައުދީ އަރަބިއްޔާ އާއި ގަތަރު މެދުވެރިކޮށެވެ. އީރާނާ މީގެކުރިން ގުޅުން ގޯސްވެފައިވާ ސައުދީ އަރަބިއްޔާ ހިމެނޭހެން އީރާނުން ވަނީ ފާއިތުވި އަހަރުތަކުގައި ގަލްފުގެ އަވަށްޓެރި ގައުމުތަކާ ގުޅުން ރަނގަޅުކޮށްފައެވެ.
އެމެރިކާގެ އިތުރު ބުރެއްގެ ހަމަލާތަކުގެ ސަބަބުން ގަލްފު ސަރަހައްދު އަލިފާން ބޯޅައަކަށް ބަދަލުވެދާނެ ކަމަށް އީރާނުން އިންޒާރު ދިނުމާ ގުޅިގެން ގަތަރާއި އޮމާން އަދި ސައުދީ އަރަބިއްޔާއިން ވަނީ އީރާނާއެކު އަލުން މަޝްވަރާތައް ފެށުމަށާއި ކުރިމަތިލުންތައް ހުއްޓުވުމަށް އެމެރިކާއަށް އިލްތިމާސްކޮށްފައެވެ.
އޮގަސްޓު މަހުގެ ދެ ވަނަ ދުވަހު ޓްރަމްޕް ވަނީ އީރާނަށް ދޭ ހަމަލާ ކެންސަލް ކުރަން ނިންމަވާފައިވާ ކަމަށް އިއުލާނުކުރައްވާފައެވެ.
މަޝްވަރާ ކުރުމަށް އެމެރިކާއަށް އެދުނު ނަމަވެސް، ހަމަލާއެއް ދީފިނަމަ އަމިއްލަ ދިފާއުގައި ހަމަލާދޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.
އީރާނުގެ ކްލެރިކަލް ލީޑަޝިޕުން ވަނީ ގަލްފުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ތަކުރާރުކޮށް ޑިމާންޑްކޮށް، ގަލްފުގެ އަރަބި ގައުމުތަކުން އެމެރިކާއާ ޖާސޫސީ މައުލޫމާތު ހިއްސާކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.