ޔާމީންގެ ވެރިކަމުގައި ދައުލަތް ހިންގީ ހައުސިން މިނިސްޓްރީގެ ތެރެއިން ރައީސް މުއިއްޒު: ޝުޖާއު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މުޅި ދައުލަތް ހިންގީ އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ރައީސް ޔާމީނަށާއި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ ތާސްކުޅުއްވުމުގައި ކަމަށާއި، އޭރުގެ ރަށު ކައުންސިލްތަކުން މަޝްރޫއުތަކާ ގުޅޭގޮތުން ގުޅުމުންވެސް ފޯނު ނުނަންގަވާ ކަމަށެވެ.

"އޭރު ހަމަ ކޮންމެ ކަމެއްގައިވެސް އޮންނަނީ ހައުސިން މިނިސްޓަރު މުޢިއްޒު. ރައީސް ޔާމީން އިންނަވަނީ މިހާރުވެސް އެ އިންނަވާހެން ގިނަ ރޭރޭ ހަމަ ތާސްކުޅުމުގައި ބިޒީކޮށް،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގެ ރިންގް ރޯޑު ހެދުން ފަދަ ބޮޑެތި މަޝްރޫއުތަކުގެ ހުރިހާ ބުރައެއް އުފުއްލެވީ ރައީސް މުޢިއްޒު ކަމަށެވެ.

އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ މާލީ ތަފާސްހިސާބުތައް އާންމުނުކުރާތާ ހަމަސްވެފައިވާ ކަމަށެވެ. އަދި ޓްރާންސިޝަން މަރުހަލާގައި ސަރުކާރު ކުންފުނިތަކުގެ މާލީ ހިސާބުތައް ވެސް ނުލިބޭ ކަމަށާއި، އެކަން އެހެންވީ އެމްޑީޕީން ކޮށްފައިވާ ވައްކަންތައް ފޮރުވުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ދައުލަތުގެ މާލީ ހިސާބުތައް ފެނުނީ ނޮވެމްބަރު 17، 2023 ގައި ކަމަށާއި، އެ ހިސާބުން ގައުމު އިސްލާހުކުރަން ފެށުމުން ރައީސް އަޒުލުކުރަން އުޅުނީ ވައްކަންތައް ފަޅާއަރާތީ ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު މާލިއްޔަތުގައި ހުރި އެއް ބިލިއަން ޑޮލަރަކީ ހަމައެކަނި ޔާމީންގެ މަސައްކަތެއް ނޫނެވެ. އެއީ މިހާރުވެސް ރައީސް މުޢިއްޒާއެކު ތިއްބެވި ޓީމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝުޖާއު ވަނީ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކުގައި ނުޖެހުމަށް އޭނާ އިލްތިމާސްކުރައްވާފައިއެވެ.

ވާހަކަ ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި، އެމްޑީޕީ ސަރުކާރުން އުފެއްދި މައްސަލަތައް ހައްލުކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތުގައި ރައްޔިތުން ސާބިތުކަމާއެކު ތިބުމަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް