ރާއްޖޭގެ މޫސުން އަދިވެސް ގޯސްކޮށް އުޅޭއިރު، ކުރިއަށް އޮތީ ވެސް ވިއްސާރަ ދުވަސްތަކެއް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ލަފާކޮށްފިއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު، ބައެއް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހި، ބައެއް ރަށްތަކަށް އުދަ އަރައިފައިވެއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. ނަމަވެސް މާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި، އަންނަ ހަފުތާގެ އާދިއްތައާއި ހޯމަ ދުވަހު މޫސުން ކުޑަކޮށް އަލިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުން އަލިވި ނަމަވެސް، ދޭތެރެއަކުން މެދުކެނޑުންތަކާއެކު ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ ދެކުނާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، ވައި ޖެހޭނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 48.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވެފައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް ވެސް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރިއިރު، މޫސުން ގޯސްވެ، ވައިބާރުވެ، ކަނޑުތައް ގަދަވުމާ ގުޅިގެން ހިތާމަވެރތި ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.
އެގޮތުން ނިމުނު މަހުގެ 31 ވަނަ ދުވަހު ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، އެ އަތޮޅުގެ ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ދެ މީހުން ވަނީ ގެއްލިފައިއެވެ.
އެ ދެމީހުން މިހާތަނަށް ވެސް ފެނިފައި ނުވާއިރު، ރޭގެ ދަންވަރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ވަނީ ތިން ދިވެހިން ގެއްލިފައިއެވެ. އޭގެ ތެރެއިން ހިމެނެނީ ދޯނީގެ ކައްޕިއާއި ސިފައިންގެ މީހަކާއި ފުލުހެކެވެ.
ވިއްސާރަވެ، ކަނޑުތައް ގަދަ ދުވަސްވަރު ދަތުރުކުރާއިރު، ކަނޑުމަތީގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ، ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި ދަތުރު ފެށުމުގެ ކުރިންނާއި ދަތުރުމަތީގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިރުޝާދުދެމުންނެވެ.