ސެކްޓަރ ލީގު 2026: ގަދަ 16 ގެ ފަހު ޖާގަތައް އެރީނާ، އާރްއޯއެލް، ޔޫރޯ އަދި މެޑްޓެކަށް

ސެކްޓަރ ލީގު 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ސެކްޓަރ ލީގު 2026 ގެ ގަދަ 16 ގެ ފަހު ޖާގަތައް އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް، އާރްއޯއެލް، ޔޫރޯ ރެކްރިއޭޝަން ކްލަބް އަދި މެޑްޓެކުން ކަށަވަރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި 20 ޓީމާއެކު ކުރިއަށްދާ މި މުބާރާތުގެ ފަސް ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެންމެ ކުރީގައި ނިންމި ތިން ޓީމު ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، ޔޫރޯއަށް ޖާގަ ލިބުނީ ފުލަށްދިޔަ ފަސް ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމުގެ ގޮތުގައެވެ.

ގްރޫޕް ޑީގެ ފަހު މެޗުތަކަށް ބަލާއިރު، އެރީނާއިން ވަނީ 5-3 އިން އާރްއޯއެލް ބަލިކޮށްފައެވެ. އަދި ސިލްވަރ ސޭންޑްސް އާއި ޔޫރޯ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގެ ކުރިންވެސް ގަދަ 16 ޔަގީންވެފައިއޮތް ސިލްވަރ ސޭންޑްސްއިން ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދިއިރު، އެރީނާ ދެވަނައަށް ދިޔައީ ހަ ޕޮއިންޓާއެކުއެވެ.

ސެކްޓަރ ލީގު 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ތިން ޕޮއިންޓާއެކު އާރްއޯއެލް ތިންވަނަ ހޯދިއިރު، ލިބުނު އެއް ޕޮއިންޓާއެކު ޔޫރޯ ވަނީ ފުލަށްދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމުގެ ގޮތުގައި ކުރިއަށް ޖެހިލާފައެވެ.

ގްރޫޕް އީގައި ކްލަބް އާރްސީސީން ވަނީ މީޑިއާނެޓް 3-1 އިން ބަލިކޮށް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. މެޗުގެ ކުރިންވެސް ނޮކްއައުޓް ބުރު ކަށަވަރުވެފައިވާ މީޑިއާނެޓަށް ހަ ޕޮއިންޓާއެކު ދެވަނަ ލިބުނުއިރު، މެޑްޓެކުން ވަނީ 1-0 އިން ޓީމު ވިލާ ބަލިކޮށް، ތިން ޕޮއިންޓާއެކު ތިންވަނަ މަގާމު ހޯދާފައެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުރިއަށްދާނީ އޮގަސްޓް 7 އަދި 8 ވާ ހުކުރު އަދި ހޮނިހިރު ދުވަހުގެރޭގައެވެ.

މި ބުރުގައި ބައްދަލުކުރާނެ މުހިންމު މެޗުތަކުގެ ތެރޭގައި އެމްއޭޑަބްލިއުސީ އާއި ޔޫރޯ، އާރްސީސީ އާއި މެޑްޓެކް، އަދި އެރީނާ އާއި މާކޯ އާރްސޯގެ މެޗު ހިމެނެއެވެ. މި ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު