އަވާމީ ޕާޓީއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ޖެހޭ، ގައުމަށް އެނބުރި ދާނަން: ހަސީނާ

އަވާމީ ލީގު ޕާޓީއަށް އަޅާފައިވާ މަނާކުރުންތައް އުވާލަން ޖެހޭނެ ކަމަށް ވިދާޅުވެ، އަންނަ ޑިސެންބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިއްޔެ ތަކުރާރުކުރައްވައިފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޯޑިއޯ މެސެޖެއް މެދުވެރިކޮށް ހަސީނާ ވިދާޅުވީ، ޖަލަށް ލުމުގެ ނުވަތަ އެއަށްވުރެ ގޯސް ހާލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ރައްޔިތުންގެ ގާތަށް އެނބުރި ދާނަން،" ހަސީނާ ވިދާޅުވި ކަމަށް ރޮއިޓާސްގައިވެއެވެ.

https://www.sun.mv/225620

އަދި އެނބުރި ވަޑައިގަންނަވާނެ ސީދާ ތާރީޚާއި ތަފުސީލުތައް ރަނގަޅު ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ 2024 ވަނަ އަހަރު ހަސީނާގެ ވެރިކަން ވެއްޓުނުތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށް ބޭއްވި ބައްދަލުވުމެކެވެ. މިއީ އޭނާ ގައުމުން ފިއްލަވައިގެން ވަޑައިގަތުމަށްފަހު މީޑިއާއާ މުއާމަލާތްކުރެއްވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާއާ ވާހަކަދެއްކުމުގެ ފުރުސަތު ހަސީނާއަށް ދިނުމަކީ ބަންގްލަދޭޝްގެ ސިޔާދަތަށް ކުރި ފުރައްސާރައެއް ކަމަށެވެ. އަދި އެކަމާ މެދު ނުރުހުން ފާޅުކުރާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މުޒާހަރާތަކާ ގުޅިގެން 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ހަސީނާ ގައުމު ދޫކުރައްވައި ވަޑައިގަތުމަށްފަހު، އެ ގައުމުގެ ހަނގުރާމައިގެ ކުށްތައް ބަލާ ކޯޓުން ވަނީ މިދިޔަ ނޮވެންބަރު މަހު އޭނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައެވެ. އެއީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަށް އަމުރުކުރެއްވި ކަމުގެ ކުށުގައެވެ. ނަމަވެސް ހަސީނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ ސިޔާސީ މަގުސަދެއްގައި އުފައްދާފައިވާ ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ.

ހަސީނާ އިތުރަށް ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަން ނިމުމަކަށް އައި ފަހުން ބަންގްލަދޭޝްގެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން 20 މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ހަސީނާ އިންޑިއާގައި ހުންނެވިއިރު، އޭނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ އިންޑިއާގައި އެދިފައެވެ. އިންޑިއާއިން ބުނެފައިވަނީ އެ ހުށަހެޅުން ލިބިފައިވާ ކަމަށާއި، އެކަން ދިރާސާކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް