ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރޭވި ނިންމުންތަކާ ގުޅިގެން ހެދިފައިވާ ގޯސްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާފަށް އެދިވަޑައިގެންފިއެވެ.
މޮރޮކޯގެ ރަބާޓްގައި ހުންނަ ފީފާގެ އެފްރިކާ އޮފީހުގައި ބޭއްވި ކުއްލި ސީނިއާ އެގްޒެކެޓިވް ބައްދަލުވުމެއްގައި، ފީފާގެ މެނޭޖްމަންޓް ބޯޑުން ވަނީ އިންފަންޓީނޯއަށް ފުރިހަމަ ތާއިދު އޮތްކަން ހާމަކުރައްވާފައެވެ.
ފުރިހަމަ ތާއީދު އޮތްކަން ހާމަކުރުމާ ގުޅިގެން، އިންފަންޓީނޯ ފީފާގެ ރައީސްކަމުގެ މަގާމުގައި ދެމިހުންނަވާނެކަން ވަނީ ކަށަވަރުވެފައެވެ. ނެތް ނަމަ އެ މަގާމުގައި އިންފަންޓީނޯއަށް ދެމިހުރުމަށް ދަތިވާނެއެވެ.
މި މައްސަލައިގެ މައިގަނޑު އަސާސަކީ ފީފާގެ ފިރިހެން އަދި އަންހެން ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕްގެ ކޮމާޝަލް އަދި ޓިކެޓިން ރައިޓްސް ވަކި ކުންފުންޏަކަށް ބަދަލުކޮށް، އޭގެ މަައިނޯރިޓީ ހިއްސާ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރަށް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު މައްސަލައެވެ.
އެމެރިކާގެ ތްރައިވް ކެޕިޓަލް އިންވެސްޓްމަންޓް ފަންޑުން އިސްކޮށް އުޅުނު މި ޕްލޭންގެ ފަހަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ އާއިލީ މީހެއް ކަމަށްވާ ޖޯޝުއާ ކުޝްނާ ބައިވެރިވާކަމުގެ ތުހުމަތުތަކާއެކު ދުނިޔޭގެ ފުޓްބޯޅަ އިދާރާތަކުގެ ނުރުހުން އިންފަންޓީނޯއަށް އަމާޒުވިއެވެ.
މި ޕްލޭންގެ ސަބަބުން ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރުދީ، ފީފާގެ ލީޑަރޝިޕަށް އޮތް އިތުބާރު ގެއްލިފައިވާކަން އިއުލާންކޮށްފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ފީފާގެ ތެރެއިންވެސް ވަނީ އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާފައެވެ. އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯ މަގާމުން އިސްތިއުފާ ދެއްވިިއިރު، ފީފާގެ ސެކްރެޓަރީ ޖެނެރަލް މަތިއާސް ގްރާފްސްޓްރޯމް ވަނީ މިއީ ހިތާމަވެރި އަދި ލަދުވެތިކަމެއް ކަމަށް ބުނެ މުވައްޒަފުންނަށް މެމޯއެއް ފޮނުއްވާފައެވެ.
މީގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އާއި ޕޯޗުގަލްގެ ކުރީގެ ތަރި ލުއިސް ފީގޯ ވަނީ އިންފަންޓީނޯ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
މޮރޮކޯގެ ރަބާޓްގައި ބޭއްވުނު 4 ގަޑިއިރުގެ ކުއްލި ބައްދަލުވުމަށްފަހު، އިންފަންޓީނޯ އާއި ގްރާފްސްޓްރޯމް ވަނީ ފީފާގެ 211 މެމްބަރު އެސޯސިއޭޝަނަށް ސިޓީއެއް ފޮނުއްވައި، ކަންކަން ނިންމުމުގައި މެމްބަރުން ބައިވެރިނުކުރެވުނު ކަމަށްޓަކައި މައާފަށް އެދިވަޑައިގެންފައެވެ.
އެފްއެފްއީ ޕްރޮޕޯޒަލް މިހާރު މުޅިން އުވާލެވިފައިވާކަން ފީފާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ޔުއެފާއިން ވަނީ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށާއި، ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާކަމުގެ ރަސްމީ ނޯޓިސް ފީފާއަށް ފޮނުވާފައެވެ.
ޔޫރަޕުގެ އިދާރާތަކާއި އިނގިރޭސިވިލާތް އަދި ވޭލްސް ފަދަ ގައުމުތަކުން އިންފަންޓީނޯއާ ދެކޮޅަށް ތެދުވި ނަމަވެސް، އެފްރިކާ އާއި އޭޝިއާގެ ގިނަ ގައުމުތަކެއްގެ ފުރިހަމަ ތާއީދު އަދިވެސް އޮތީ އިންފަންޓީނޯއަށެވެ. އެ ގައުމުތަކުގެ ތެރޭގައި މިސްރު، މޮރޮކޯ، ކޮންގޯ، ފިލިޕީންސް ހިމެނެއެވެ.
މީގެ ސަބަބުން 2027 ވަނަ އަހަރުގެ މާޗު މަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިޚާބުގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު އިންފަންޓީނޯއަށް އަދިވެސް ވަރަށް ބޮޑަށް އެބައޮތެވެ.