އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރުރާސްތާ ހުރިހާ މިސައިލެއް ބޭނުންކޮށްފި

އެމެރިކާއިން ހަނގުރާމައިގައި ބޭނުންކުރާ ދުރުރާސްތާ މިސައިލް އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އޭޓީސީއެމްއެސް). ފޮޓޯ/ގެޓީ

އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމައަށް ފަސް މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމެރިކާގެ ގާތްގަނޑަކަށް ހުރިހާ ދުރުރާސްތާ މިސައިލެއް ބޭނުންކޮށްފައިވާ ކަމަށް، ހަތިޔާރުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު އެނގޭ ތިން މީހަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

މި މިސައިލްތަކަކީ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އޭޓީއޭސީއެމްއެސް) އާއި ޕްރެސިޝަން ސްޓްރައިކް މިސައިލްސް (ޕީއާރުއެސްއެމް) ގެ ނަމުން މަޝްހޫރު ހަތިޔާރުތަކެކެވެ. މި ހަތިޔާރުތަކުގެ ތެރެއިން "ގާތްގަނޑަކަށް ހުރިހާ" ހަތިޔާރެއް އެމެރިކާއިން ބޭނުންކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އޭޓީއޭސީއެމްއެސް އާއި ޕްރެސިޝަން ސްޓްރައިކް މިސައިލްސް އަސްކަރިއްޔާއިން ހުސްވަމުންދާ މިންވަރު މީގެ ކުރިން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ދުރުރާސްތާގެ ހަތިޔާރުތަކަކީ ކޮންމެ ހަތިޔާރަކަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވާ އަސްކަރިއްޔާގެ މުހިންމު ބައެކެވެ. އެމެރިކާއިން ފޯރުކޮށްދޭ އޭޓީއޭސީއެމްއެސްއިން ވަނީ ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކޮށް، ޔޫކްރެއިނުގެ ސިފައިންނަށް ރަޝިއާގެ އެތެރޭގައި ހުރި އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުސަތު ލިބިފައެވެ.

ދުރުރާސްތާ މިސައިލްތައް ހުރި މިންވަރު ދަށްވަމުން ދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ބޮޑެތި ހަމަލާތައް އަލުން ދޭނަމަ ދެން ބޭނުންކުރަން ޖެހޭނީ ވަރަށް ރިސްކު ބޮޑު، ޕައިލެޓުން ތިބޭ މަތިންދާބޯޓުތަކުން ބޮން އެޅުން ކަމަށް ވެސް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވެއެވެ.

ނަމަވެސް ބާކީ ހަތިޔާރު ހުރި މިންވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ މަހު 28 ގައި އީރާނަށް ހަމަލާ ދޭން ފެށިއިރު، ޓްރަމްޕް ވަނީ އެ ހަނގުރާމަ ދެމިގެންދާނީ ކުޑަ ދުވަސްކޮޅަކަށް ކަމަށް ލަފާކުރައްވާފައެވެ.

ނަމަވެސް ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު، ހަތިޔާރު މަދުވުމުގެ ސަބަބުން ޗައިނާއާއި ރަޝިއާ ހިމެނޭހެން ދުޝްމަނުން ބަލިކުރުމުގެ ގާބިލުކަން އެމެރިކާއަށް ހަނިވެގެންދާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ހަތިޔާރު ސްޓޮކާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ޓްރަމްޕްގެ ބަޔާނެއްގައި ބުނީ އެމެރިކާގައި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ހުރި މިންވަރަށް ވުރެ މާ ގިނަ ހަތިޔާރު އެބަހުރި ކަމަށެވެ.

އެމެރިކާއިން ބޭނުންކުރާ ދުރުރާސްތާ މިސައިލް ޕްރެސިޝަން ސްޓްރައިކް މިސައިލްސް (ޕީއާރުއެސްއެމް). ފޮޓޯ/ބީބީސީ

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާޓިލަރީ ޝެލްތަކާއި އެތައް ވައްތަރެއްގެ މިސައިލް ހިމެނޭހެން ވަޒަންތައް ރެކޯޑު މިންވަރަކަށް އުފައްދަމުން ދިޔަ ނަމަވެސް، ދިގު މުއްދަތަކަށް ދެމިގެންދާ ހަނގުރާމައަކަށް ބޭނުންވާ ވަރަށް ވުރެ ހަތިޔާރު ސަޕްލައި މަދުވާނެއެވެ.

އެންޓި ބެލިސްޓިކް މިސައިލް، ތާޑް ސިސްޓަމާ އެކު އޭޓީއޭސީއެމްއެސް އާއި ޕީއާރުއެސްއެމް އުފައްދާ ލޮކްހީޑް މާޓިންއިން ޓްރަމްޕްގެ ބަޔާންތަކާ ގުޅޭ ގޮތުން ނުވަތަ ސަޕްލައި ލެވެލްއާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބެއް ނުދެއެވެ. އެމެރިކާގެ މުހިންމު ދެ ހަތިޔާރު ކަމަށްވާ ޓޮމާހޯކް މިސައިލްތަކާއި ޕެޓްރިއޮޓް އިންޓަސެޕްޓަރު އުފައްދާ ރޭތިއަންއިން ވެސް އެކަމާ ގުޅިގެން އެއްޗެއް ނުބުނެއެވެ.

ޕެންޓަގަންގެ ޗީފް ސްޕޯކްސްޕާސަން ޝޯން ޕާނެލް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށާއި ރައީސް އިޚްތިޔާރު ކުރައްވާ ވަގުތާއި ތަނުގައި ބޭނުންކުރަން ޖެހޭ ހުރިހާ އެއްޗެއް އެބަހުރި ކަމަށެވެ.

ފާއިތުވި ހަފުތާގައި ސަޕްލައިގެ އަދަދުތަކާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުގެ ތެރޭގައި މަޝްވަރާކޮށްފައި ވަނީ، އެމެރިކާއަށް އެހެން ތަންތަނަށް ހަމަލާ ދިނުން ދަތިވާ ހިސާބަށް ހަތިޔާރު މަދުނުކޮށް އީރާނަށް ހަމަލާދެމުން ގެންދެވޭނީ ކިހާ ދުވަހަކުތޯ ސަރުކާރު ތެރޭގައި ވާހަކަތައް ދެކެވިފައި ވަނިކޮށެވެ.

ހަތިޔާރުގެ ސަޕްލައިއާ ގުޅޭގޮތުން އިންޒާރެއް

އެއް މަސްދަރާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި އޭޓީއޭސީއެމްއެސް އާއި ޕީއާރުއެސްއެމް މަދުވުމުގެ ސަބަބުން، ޕައިލެޓުން ތިބޭ މަތިންދާބޯޓު ބޭނުންކޮށްގެން ބޮން އެޅުން ފަދަ ނުރައްކާތެރި ގޮތްތަކަށް އެމެރިކާއިން އެނބުރެން ޖެހިދާނެ ކަމަށެވެ.

މި ހަތިޔާރުތަކުގެ ސަބަބުން އަސްކަރިއްޔާއަށް ދުރު އަމާޒުތަކަށް ހަމަލާ ދިނުމުގެ ފުރުސަތު ލިބޭތީ، ޗައިނާ ފަދަ ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަ ދުޝްމަނަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ހަތިޔާރު ވަރަށް ބޭނުންވާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެއީ އީރާނުގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވާ ހަތިޔާރު ކަމަށް ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން މާޗު މަހު ނެރުނު ރިޕޯޓެއްގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ހަނގުރާމަ ފެށިއިރުވެސް ޕީއާރުއެސްއެމްގެ ސްޓޮކް މަދެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަންނަ އަހަރަށް ގިނަ އަދަދަކަށް އެ ހަތިޔާރު އޯޑަރުކޮށްފައެވެ.

ހަތިޔާރު މަދުވަމުންދާ ކަމަށް އަސްކަރީ ލީޑަރުން ޓްރަމްޕަށް އަންގަމުންދާ ކަމަށް ވެސް މަސްދަރުތަކުން ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައި އެމެރިކާއިން އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާ ދިނުން މަޑުޖައްސާލީ ވެސް، ހަތިޔާރު މަދުވަމުންދާތީ ހަމަލާ ނުދިނުމަށް އަސްކަރީ ލަފާ ދޭ ފަރާތްތަކުން އިންޒާރު ދިނުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވަނީ އެކަމަށް ދެކޮޅު ހަދައި، ޓްރަމްޕް އިތުރު ހަމަލާއެއް ކުރިއަށް ނުގެންދަން އިޚްތިޔާރު ކުރެއްވީ ގަލްފުގެ ގައުމުތަކުގެ ޕްރެޝަރުގެ ސަބަބުން ކަމަށް ބުނެފައެވެ.

ދިފާއުވުމަށް ބޭނުންކުރާ ހަތިޔާރުތަކުގެ ސްޓޮކް ވެސް މަދުވެފައި

މިދިޔަ ހަފުތާގައި ސީއެސްއައިއެސްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ފެބްރުއަރީ އާއި ޖުލައި މަހުގެ ތެރޭގައި ޕެޓްރިއޮޓް އިންޓަސެޕްޓަރުގެ ގާތްގަނޑަކަށް 65 ޕަސަންޓް ބޭނުންކޮށްފައިވާ ކަމަށާއި، އެމެރިކާގެ ސްޓޮކްޕައިލްތަކުގައި ހުރި ތާޑް ބެލިސްޓިކް މިސައިލް އިންޓަސެޕްޓަރުގެ އަދަދު ހަނގުރާމަ ފެށުނު އިރު ހުރި މިންވަރަށްވުރެ ގާތްގަނޑަކަށް 38 ޕަސަންޓް ދަށް ކަމަށް ލަފާކޮށްފައިވެއެވެ.

ޕެޓްރިއޮޓް އާއި ތާޑަކީ އަމާޒުވާ މިސައިލްތައް ހޯދައި ނައްތާލާ ނިޒާމުތަކެކެވެ.

ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ ޓޮމާހޯކް ކްރޫޒް މިސައިލްގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.

comment ކޮމެންޓް