ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭ ގޮތަށް ގަވައިދަށް އިއްޔެ ބަދަލު ގެނެސްފިއެވެ.
މާރިޗު 30، 2024ގައި އެކުވަލައި، އިއްޔެއާ ހަމައަށް އަމަލުކުރި ގަވައިދުގައި ބިން ދޫކުރެވޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ފަސް ހާލަތެކެވެ. އެއީ، ކުއްޔަށް ދިނުމާއި ވިއްކުމާއި ވަގުތީ ގޮތުން ބެލެހެއްޓުމަށް ބިން ދޫކުރުން ނުވަތަ ހަވާލުކުރުމާއި ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބިން ދޫކުރުމާއި ކުއްޔަކާ ނުލައި ބިމެއް ދިނުމެވެ.
އެކަމަކު، އިއްޔެ އިންފްރާންސްޓަކްޗަރު މިނިސްޓްރީން އާންމުކުރި ގަވައިދުގައި އެ ހާލަތްތަކުގެ ތެރެއަށް ކަމެއް ވަނީ އިތުރުކޮށްފައެވެ. އެ ގަވައިދުގައި މިހާރު އޮންނަ ގޮތުން، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭނެއެވެ.
މި ގަވައިދު ހިންގައި ތަންފީޒުކުރާނީ، އިންފްރާންސްޓަކްޗަރު މިނިސްޓްރީން ކަމަށްވާއިރު، މި ގަވައިދު ހިނގާނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކާއި ވުޒާރާތަކުންނާއި ދައުލަތުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: މި ގަވައިދު ތަންފީޒުކުރާނީ މިނިސްޓަރު ބަލަހައްޓަވާ އިންފްރާންސްޓަކްޗަރު މިނިސްޓްރީން -- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
މީގެއިތުރުން، ގަވައިދުގައި ބުނާ ގޮތުން، ބިން ދޫކުރާނެ ކުއްޔާއި ވިއްކާނެ އަގާއި ބިންތަކުގެ އަގު ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންނެވެ. އެއީ، ނުވަ މެންބަރުންގެ ކޮމިޓީއެކެވެ.
އަގު ކަނޑައަޅާއިރު، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އާންމު އިގުތިޞާދީ ފުދުންތެރިކަމާއި ބިމުގެ ޑިމާންޑަށް ބަލާނެއެވެ.
މި ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ރަޖިސްޓްރީތައް ބާތިލުނުވާއިރު، ބިމުގެ ދަފުތަރު އަދާހަމަ ކުރަން ހަ މަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި ގަވައިދަށް އިއްޔެ އަމަލުކުރަން ފެށުމުން ކުރީގެ ގަވައިދުގައި ވަނީ އުވިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިޚްތިޞާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ކައުންސިލުތަކުގެ ބައެއް ބާރުތައް ހަނިކުރަން ނިންމާފައެވެ.
އެ ބަދަލުތައް މިދިޔަ އަހަރު ގެނައީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށެވެ.