ކަޕް ވިނާސް ކަޕް 2026 ގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް 1-2 ގެ ނަތީޖާއިން ހޯދި ހަނި މޮޅާއެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް، މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ބުރުންނެވެ. މިއީ، ކައުންޓަ އެޓޭކެއްގައި އަރާ، ޢަލީ ޙަމްދާނަށް ޖައްސާލި ބޯޅަ އަނބުރާ ދިނުމުން ޑީ އޭރިއާ ކައިރީގައި ހުރެފައި އަރީން ޢަބްދުﷲ އިބްރާހީމް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ.
ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާއިން ވަނީ އެ ޓީމުގެ ކުޅުން ވަރުގަދަކޮށް، އަށް މިނެޓު ތެރޭގައި ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މާޒިޔާގެ ފުރަތަމަ ލަނޑު، މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމެވެ. މިއީ، އައިދު މުޙައްމަދު ޖަވީޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއެކެވެ. ބޯޅަ ގޯލަށް ވަނުމުގެ ކުރިން ކީޕަރު އަތުގައި ޖެހުނު ނަމަވެސް މަތަވާ ގޮތެއް ނުވިއެވެ.
މާޒިޔާ، މެޗުން މޮޅުކޮށްދިން ލަނޑު، 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ބެންޖަމިން ތޮމަސް ކުކޫ އެވެ. މިއީ، މާޒިޔާ ކުޅުންތެރިން އޮފްސައިޑުވާނެކަމަށް ބުރުގެ ޑިފެންޑަރުން ނިންމައިގެން ތިއްބާ ޕެނަލްޓީ އޭރިއާ ތެރެއިން ނެމެންޖާ ޖްރެކޮވިޗް ބޯޅަ ހޯދާފައި ކުކޫއަށް ދިނުމުން ހުސް ދާގަނޑެއް ތެރެއަށް ފޮނުވާލި ބޯޅައެކެވެ.
މި ލަނޑު ބަލައިގަތުމަށް ނިންމުމުން، ބުރުގެ ކޯޗު ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީއާ މުހާތަބުކުރި ގޮތުން ބުރުގެ ކޯޗު، ކްރިސްޓިއަން ރޮޑްރީގޭޒް ޑިއާޒަށް ރީނދޫ ކާޑެއް ދެއްކިއެވެ.
މިއާއެކު، މުބާރާތުގައި މާޒިޔާ ކުޅުނު ދެ މެޗުން ވެސް މިވަނީ މޮޅުވެފައެވެ. އަދި ބުރު ކުޅުނު ދެ މެޗުން ވެސް މިވަނީ ބަލިވެފައެވެ.
ބުރުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް އަތުން ބަލިވެފައިވަނީ 0-5 ގެ ނަތީޖާއިންނެވެ. އަދި، މާޒިޔާގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބް އަތުން މާޒިޔާ މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.