ވައްކަންކޮށްގެން ހޯދައިފައިވާ ތަކެތި ނުއަގުގައި ގަތުމުގެ ތުހުމަތުގައި އައްޑޫން މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގައިފައިވާ އަގުހުރި ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ --- ފޮޓޯ: ފުލުހުން

ވަގަށް ނަގައިފައިވާ ސްޕީކަރާއި ޕަވާ ޓޫލް ފަދަ އަގުހުރި ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި އައްޑޫން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ވަގަށް ނަގައިފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު މަރަދޫން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އައްޑޫ މަރަދޫ / ފާގަތި، އުމުރުން 58 އަހަރުގެ ޢަބްދުﷲ ޢުމަރެވެ. އޭނާ ހައްޔަރުކުރީ ވަގަށް ނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫ ގަން ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފާގަތިގެ ބަލައި ފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 ތަކެއްޗެއް ފެނިފައިވާ ކަމަށެވެ.

އެ ތަކެއްޗަކީ އައްޑޫގެ ގޭގެއިން އެކި މީހުން ވަގަށް ނަގައިގެން ވިއްކައިފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރޭ ޕަވާ ޓޫލާއި ކާޗާ މެޝިނާއި އިސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭ ކަމަށާއި، އެ ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ އެކަން ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް