ރާއްޖޭގެ އިގްތިސާދު ތެރޭގައި ހުރި ދިވެހި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ ނުވަތަ އިތުރުވެފައިވާ ފައިސާގެ މިންވަރު މަދުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން ނިންމައިފިއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީގެ ބޯޑުން މިހާރު ވަނީ އިގްތިސާދުގައި ދައުރުވާ ފައިސާ ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ދެ ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ.
އެއީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަރމެންޓް (އެމްއާރްއާރް) މަތިކުރުމާއި، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކޮށްގެން ދައުރުވާ ފައިސާގެ މިންވަރު ދަށްކުރުމެވެ.
މި ނިންމުމާ އެއްގޮތަށް، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއާރްއާރްގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މާކެޓް ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރްއާރް މަޑުމަޑުން އިތުރުކުރަމުން ގޮސް، 2027 ޑިސެމްބަރު މަހާ ހަމައަށް އެ އަދަދު 13 އިންސައްތައަށް މަތިކުރުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ، އޮޕަން މާކެޓް އޮޕަރޭޝަންސް 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2026 ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނިޒާމުގެ ތެރެއިން ނެގިފައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ކުރު މުއްދަތުގެ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ.
މި ބަދަލުތައް ގެންނަން މި ނިންމީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން އުފުލެމުން ގޮސް، މިހާރު ވަނީ 21.60 ރުފިޔާއަށް އަރާފައެވެ.
ސަރުކާރުން މިކަމުގެ ޒިންމާ އަޅުވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ބޮލުގައެވެ. ސަރުކާރުން ބުނާ ގޮތުގައި، ކޮވިޑް-19 ގެ ދުވަސްވަރު އެމްޑީޕީ ސަރުކާރުން އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން، އިގްތިސާދުގައި ރުފިޔާ ގިނަވެ، އޭގެ ނޭދެވޭ އަސަރު ޑޮލަރުގެ މާކެޓަށް ވަނީ ކޮށްފައެވެ.
ޑޮލަރުގެ އަގު މަތިވުމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވެސް އަންނަނީ އުފުލެމުުންނެވެ.