މެޓާގެ ދަށުން ހިންގާ މަޤްބޫލު މެސެޖިން އެޕްލިކޭޝަން ވަޓްސްއަޕްއިން ޑެސްކްޓޮޕް އެޕްލިކޭޝަނެއް ޑައުންލޯޑްނުކޮށް، ސީދާ ވެބް ބްރައުޒަރު މެދުވެރިކޮށް އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރެވޭނެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
މި އައު ފީޗާގެ ދަށުން އެކަކު އަނެކަކަށް ކުރާ ކޯލްތަކުގެ އިތުރުން ގްރޫޕް ކޯލްތައްވެސް ކުރެވޭނެއެވެ. އަދި މީގެ އިތުރުން ސުކްރީން ޝެއާކުރުމާއި، ރިއެކްޝަން ފޮނުވުމުގެ އިތުރުން، ކޯލް ހިސްޓްރީއާއި ފޭވަރިޓްސް ބަލާލެވޭނެ ޚާއްޞަ 'ކޯލްސް ޓެބް' އެއްވެސް ބްރައުޒަރގައި ހިމެނިގެންދާނެއެވެ.
ވަޓްސްއެޕުން ވަނީ ކޯލް ކުރިއަށްދާއިރު އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ކޯލް ބަދަލުކޮށްލެވޭ 'ކޯލް ޓްރާންސްފާ' ފީޗާއެއްވެސް ތަޢާރަފުކޮށްފައެވެ. މީގެ ސަބަބުން މޯބައިލް ފޯނުން ކުރިއަށްދާ ގްރޫޕް ކޯލެއް ކަނޑާނުލައި ސީދާ ކޮމްޕިއުޓަރަށް ބަދަލުކޮށްލުމުގެ ފުރުޞަތު ބޭނުންކުރާފަރާތްތަކަށް ލިބިގެންދާނެއެވެ.
ގްރޫޕް ކޯލްތަކުގެ ރައްކާތެރިކަމާއި ކޮންޓްރޯލް ބެލެހެއްޓުމަށްޓަކައި 'ވެއިޓިން ރޫމް' ފީޗާއެއްވެސް ވަނީ ހިމަނާފައެވެ. މި ފީޗާގެ ސަބަބުން ކޯލްގެ ހޯސްޓް 'ރިކުއަޔާ އެޕްރޫވަލް ޓު ޖޮއިން' އޮޕްޝަން އޮންކޮށްފައިވާނަމަ، ކޯލް ލިންކު މެދުވެރިކޮށް ގުޅޭ މީހުން ކޯލަށް ވަދެވޭނީ ހޯސްޓް އެކަމަށް ހުއްދަ ދިނުމުންނެވެ.

މި އައު ފީޗާތައް ބައެއް ޔޫޒަރުްނނަށް މިހާރު ލިބޭނެ ---
މީގެ އިތުރުން ކޯލްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން 'ކުއިކް އެޗްޑީ' ފީޗާ މެދުވެރިކޮށް ކޯލް ފެށޭއިރުވެސް ސާފު އެޗްޑީ ވީޑިއޯ ލިބިގެންދާނެއެވެ. އަދި ބެކްގްރައުންޑް އަޑުތައް މަޑުކޮށްދޭ 'ނޮއިސް ސަޕްރެޝަން' ފީޗާގެ ސަބަބުން އަޑުގެ ސާފުކަން އިތުރުވެގެންދާނެއެވެ.
ވަޓްސްއަޕްއިން މަޢުލޫމާތު ދޭ ގޮތުގައި މި އައު ފީޗާތައް ބޭނުންކުރާފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ތަރުތީބުން ކުރިއަށެވެ.
ވަޓްސްއަޕަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މެސެޖިން އެޕްލިކޭޝަނަށްވާއިރު، މެޓާއިން ދަނީ ބޭނުންކުރާފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގުޅުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މީގެ ކުރިން ބްރައުޒާ މެދުވެރިކޮށް ވަޓްސްއަޕް ބޭނުންކުރެވެނީ ހަމައެކަނި މެސެޖު ކުރުމަށާއި މީޑިއާ ހިއްސާކުރުމަށް އެކަނި ކަމަށްވީ ނަމަވެސް، ޑެސްކްޓޮޕް އެޕްލިކޭޝަންތަކެކޭ އެއްފަދައިން ބްރައުޒާއިން ސީދާ ކޯލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮމްޕިއުޓަރުން އޮފީސް މަސައްކަތްތައް ކުރާ ފަރާތްތަކަށާއި އިތުރު އެޕްލިކޭޝަންތައް އިންސްޓޯލްކުރަން ބޭނުންނުވާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.
މެޓާއިން ދަނީ އެކި ޕްލެޓްފޯމްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަޓްސްއަޕް މެދުވެރިކޮށް ކުރެވޭ ކޯލްތަކުގެ ފެންވަރާއި ރައްކާތެރިކަން މަތީ މިންގަނޑެއްގައި ހިފެހެއްޓުމަށް ގިނަ އައު ފީޗާތަކެއް ޤަވާއިދުން ތަޢާރަފުކުރަމުންނެވެ.