ފާޚާނާގައި ބޭނުންކުރާ ޓިޝޫއަށް ވެސް މިއަދު ރުފިޔާ ނުފުދޭ، މީހުން ރުފިޔާ ބަހައްޓަން ބޭނުމެއް ވެސް ނުވޭ: ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން: މިއަދު ފާޚާނާގައި ބޭނުންކުރާ ޓިޝޫއަށް ވެސް ރުފިޔާ ނުފުދޭ ކަމަށް އެމަނިކުފާނު ވިދާޅުވި -- ސަން ފޮޓޯ: މުޙައްމަދު ޝާތިޢު ޢަބްދުﷲ

މިއަދު ފާޚާނާގައި ބޭނުންކުރާ ޓިޝޫއަށް ވެސް ރުފިޔާ ނުފުދޭ ކަމަށް ސިފަކުރައްވައި، ދިވެހި ރުފިޔާ އެއްވެސް މީހެއް މިއަދު ރައްކާކޮށްފައި ބަހައްޓަން ބޭނުންނުވާ ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު މަތިވުމުން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، ޑޮލަރުގެ އަގު މައްޗަށް ދިޔައީ ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ ދިވެހި ރުފިޔާއަކީ މިއަދު ފާޚާނާގައި ބަހައްޓާ ޓިޝޫއަށް ވެސް ނުފުދޭތީ،" ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ރުފިޔާގެ އަގު ދަށަށް ގޮސްފައިވާއިރު ދިވެހި ރުފިޔާގެ ސޭވިން އެކައުންޓުތައް ބޭންކުތަކުގައި ހަދައި ރުފިޔާ ގެންގުޅެން ބޭނުންވާނީ ކޮން ބައެއްތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.

ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ރަސްމީ ފައިސާއަކީ ދިވެހި ރުފިޔާކަން ޔާމީން ފާހަގަކުރެއްވިއެވެ.

"އެކަމަކު މިއަދު ދިވެހި ރުފިޔާ އެއްވެސް މީހެއްގެ އަތުގައި ބަހައްޓާކަށް ބޭނުމެއްނުވޭ އިނގޭތޯ، އެއީ މި ސަރުކާރުގެ މިސްމެނޭޖުމެންޓުން މަޖުބޫރު ކުރުވި ކަންތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރުފިޔާގެ އަގު 100 އިންސައްތައިން 65 އިންސައްތައަށް ދަށްވެއްޖެ ކަމަށެވެ. ޔާމީން ލަފާކުރެއްވި ގޮތުގައި ރުފިޔާގެ އަގު ދަށްވަމުން ގޮސް ޑޮލަރެއް ކަޅު ބާޒާރުގައި ވިއްކާ އަގު 25 ރުފިޔާއަށް ބޮޑުވުން އެކަށީގެންވެއެވެ.

އެހެންކަމުން ޑޮލަރު ނުލިބުމުގެ އިތުރުން ދެން އޮތް އެންމެ ބޮޑު ނުރައްކަލަކީ ޔާމީން ވިދާޅުވިގޮތުގައި ދިވެހި ރުފިޔާގެ ބޭނުން ނެތި އާންމުން ރުފިޔާގެ ބޭނުން އެއްގޮތަކަށް ވެސް ހިފަން ބޭނުން ނުވުމެވެ.

ޔާމީން މިހެން ވިދާޅުވިއިރު ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ އިގުތިޞާދު ތެރޭ އިތުރުވެފައި ހުރި ރުފިޔާގެ މިންވަރު މަދުކުރުމަށްޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިސާއާ ބެހޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމިކަން އެ އިދާރާއިން ހާމަކުރީ ރެއެވެ.

https://sun.mv/225692

އެގޮތުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމަންޓު (އެމްއާރުއާރު) މަތިކުރުމާއި އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކޮށްގެން ދައުރުވާ ފައިސާގެ މިންވަރު ދަށްކުރަން އެމްއެމްއޭއިން ވަނީ ނިންމައިފައެވެ.

އެ ނިންމުމާ އެއްގޮތަށް އަންނަ މަހުން ފެށިގެން އެމްއާރުއާރުގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު 10.5 އިންސައްތައިން 11 އިންސައްތައަށް މަތިކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މާކެޓު މުރާޖައާކުރުމަށްފަހު ރުފިޔާގެ އެމްއާރުއާރު މަޑުމަޑުން އިތުރުކުރަމުން ގޮސް، އަންނަ އަހަރުގެ ނިޔަލަށް އެ އަދަދު 13 އިންސައްތައަށް މަތިކުރުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.

މި ބަދަލުތައް ގެންނަން މި ނިންމީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން އުފުލެމުން ގޮސް، މިހާރު ވަނީ 21.60 ރުފިޔާއަށް އަރައިފައެވެ.

ސަރުކާރުން މިކަމުގެ ޒިންމާ އަޅުވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ބޮލުގައެވެ. ސަރުކާރުން ބުނާ ގޮތުގައި، ކޮވިޑް-19 ގެ ދުވަސްވަރު އެމްޑީޕީ ސަރުކާރުން ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން، އިގްތިސާދުގައި ރުފިޔާ ގިނަވެ، އޭގެ ނޭދެވޭ އަސަރު ޑޮލަރުގެ މާކެޓަށް ވަނީ ކޮށްފައެވެ.

ޑޮލަރުގެ އަގު މަތިވުމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވެސް އަންނަނީ އުފުލެމުުންނެވެ.

comment ކޮމެންޓް